މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުން އިންތިޒާމު ކޮށްގެން ބާއްވާ "5K ޓީމް ރަން" އަންނަ ޖެނުއަރީ މަހު ބާއްވަން ނިންމައިފި އެވެ.

އެ ކޯޕަރޭޝަނުން ވިދާޅުވީ 2023 ވަނަ އަހަރަށް މަރުހަބާ ކިޔުމަށް ބާއްވާ މި ދުވުން އޮންނާނީ ޖެނުއަރީ 13 ވާ ހުކުރު ދުވަހުގެ ހެނދުނު 06:30 ގައި ކަމަށެވެ. އަދި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

Ad
rt

މި ރޭހުގައި ބައިވެރިވުމަށް ސަރުކާރުގެ މުއައްސަސާތަކާއި އަމިއްލަ ކުންފުނިތަކާއި ކުޅިވަރު އެކަޑަމީތައް އަދި އެން.ޖީ.އޯތަކަށް ވެސް ވަނީ ހުޅުވާލާފަ އެވެ.

މި ދުވުމުގައި ޓީމެއްގައި ފަސް ދުވުންތެރިން ހިމަނަން ޖެހޭއިރު، އެއީ ހަމައެކަނި ފިރިހެން ނުވަތަ އަންހެނުންގެ ޓީމެއް ވެސް ހެދިދާނެ އެވެ. އަދި ދެ ޖިންސު އެއްކޮށްލައިގެން ފަސް ދުވުންތެރިންގެ ޓީމެއް ހެދިދާނެ އެވެ. ކޮންމެ ޓީމަކުން ވެސް ފަސް ކިލޯމީޓަރުގެ ރާސްތާއެއް ދުވަން ޖެހޭއިރު، ޓީމުން ދުވުން ނިންމި ކަމަށް ބަލާނީ ޓީމުގެ ހުރިހާ ދުވުންތެރިން އެއްވަގުތެއްގައި ދުވުން ނިންމުމުން ކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވި އެވެ.

މީގެ އިތުރުން ރެޖިސްޓްރޭޝަން ފޯމް ސްޕޯޓްސް ކޯޕަރޭޝަންގެ ވެބްސައިޓުންނާއި، ފޭސް ބުކް ޕޭޖު އަދި އެ ކޯޕަރޭޝަނުން ލިބޭނެ ކަމަށެވެ. އަދި ބައިވެރިވުމުގެ ސުންގަޑިއަކީ މިހިނގާ ޑިސެމްބަރ މަހުގެ 25 ވާ އާދީއްތަ ދުވަހުގެ ދުވަހުގެ މެންދުރު 12 ޖެހުމާއި ހަމައަށް ކަމަށް ވެސް ވިދާޅުވި އެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ މި ރަންގައި ކޮންމެ ދުވުންތެރިއަކަށް 100 ރުފިޔާ (ޓީމަކަށް 500 ރުފިޔާ) ދައްކައިގެން ނެވެ. ތިން ކެޓަގަރީން ވެސް ވަނަ ހޮވުމަށް ނިންމާފައިވާއިރު، ކޮންމެ ކެޓަގަރީއަކުން ވެސް އެއްވަނަ ޓީމަށް 10،000 ރުފިޔާ ދިނުމަށް ވަނީ ނިންމާފަ އެވެ. އަދި ދެވަނަ އާއި ތިންވަނަ ޓީމަށް ދިނުމަށް ހަމަޖެހިފައިވަނީ ވައުޗަރ އެވެ.

"5K ޓީމް ރަން" ބޭއްވުމުގެ މަގުސަދަކީ އާންމުންގެ މެދުގައި ދުޅަހެޔޮ ސިއްހަތަކަށް މަގުފަހިކޮށްދިނުމުގެ ގޮތުން ދިރިއުޅުމުގެ އާދަކާދަތަކާއި ގުޅިގެން ދިމާވާ ބަލިތަކުން ރައްކާތެރިވުމަށް ހޭލުންތެރި ކުރުމާއި އެކުވެރި މާހައުލެއްގައި ދުވެލުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

މި ރަންގެ ހޯސްޓިންގ ޕާޓުނަރއަކީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އެވެ.

މިދުވުމާއި ގުޅޭ އިތުރު މައުލޫމާތު ބޭނުންފުޅު ވާނަމަ 7976725 އަށް ގުޅުއްވުމަށް ސްޕޯޓްސް ކޯޕަރޭޝަނުން އެދިލައްވަ އެވެ.