ކުޑަކުދިން ބަލިތަކުން ސަލާމަތް ކުރުމުގެ ބޭނުމުގައި ވެކްސިން ދިނުން މަޖުބޫރުކޮށް ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ އާ ބިލް މަޖިލިހުންގެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 66 މެމްބަރުންގެ އިއްތިފާގުން ފާސް ކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒެއިނާ އާދަމް ހުށަހެޅުއްވި ބިލްގެ މަގްސަދުގެ ގޮތުގައި ވަނީ ކުޑަކުދިންނަށް އަޅާނުލައި، އިހުމާލުވާ އަދި އިހާނެތިކޮށް ހިތާ މީހުންނާއި އެ ކުދިންގެ ކިބައިން ނާޖައިޒު ފައިދާ ހޯދާ މީހުންނަށް ފިޔަވަޅު އެޅުމެވެ. އަދި އެފަދަ މީހުން ކުރަނީ ކުށެއް ކަމަށް ކަނޑައަޅައި އެ މީހުންނަށް އަދަބު ދެވޭނެ ގޮތަކަށް ރޮޒެއިނާގެ ބިލް ވަނީ ބައްޓަންކޮށްފަ އެވެ.

Ad
rt

ކުޑަކުއްޖަކީ ރައްކާތެރިކަން ބޭނުންވާ ކުއްޖެއް ކަމަށް ފުލުހުންނަށް ނުވަތަ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް އަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރި ނަމަ، އެ ކުއްޖާގެ ހާލަތު ދެނެގަތުމަށް މައްސަލަ ތަހުގީގު ކުރުމުގެ ބާރު ފުލުހުންނަށް، އަދި ސޯޝަލް އިންކުއަރީ އާއި އެސެސްމަންޓް ހެދުމުގެ ބާރު ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް އަށް ބިލުން ވަނީ ލިބިދީފަ އެވެ.

އޭގެ އިތުރުން ކޯޓު އަމުރެއް ލިބެންދެން އެތަނަކަށް ވަނުން ލަސްކޮށްފިނަމަ، ކުއްޖާއަށް ނުރައްކަލެއް ވެދާނެ ކުރިމަތިވެދާނެކަމަށް ބެލުމަށް އެކަށީގެންވާ ހެކި ލިބިފައިވާ ހާލަތުގައި، އެތަނަށް ވަނުމަށް ސަބް-އިންސްޕެކްޓާ އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީ ރޭންކެއްގެ އޮފިސަރެއްގެ ހުއްދައާއެކު އެތަނަށް ވަދެވޭނެ ކަމަށް ބިލުގައި ބުނެ އެވެ.

މީގެ އިތުރުން ކުއްޖާ ބެލުން ވަގުތީ ގޮތުން އެހެން ފަރާތަކަށް ހަވާލުކުރުމުގައި އިސްކަން ދޭންވާނީ، ކުއްޖާގެ ހަޟާނާތު ދެމިގެންދާ ފަދަ ގޮތަކަށް ވަގުތީ ގޮތުން ހަވާލުކުރުމަށް ކަމަށް ބިލުގައި ބުނެފައިވެ އެވެ.

ބިލްގައި ވަނީ އުމުރުން 18 އަހަރަށްވުމަށް ފަހުގައި ވެސް، އުމުރުން 18 އަހަރުވުމުގެ ކުރިން ވެސް ކުއްޖަކު ކުރި ކަމަށް ސާބިތުވެފައިވާ ކުށަކާ ގުޅިގެން މަރުގެ އަދަބު ދީގެން ނުވާނެ ކަމަށެވެ.

ކުއްޖާ ދިރިއުޅެމުންދާ ގޭތެރޭގައި އާއި ތައުލީމް ދޭ މަރުކަޒެއްގައި ނުވަތަ ކުއްޖާ ބަލަހައްޓާ މަރުކަޒެއްގައި ވިޔަސް ރަހުމު ކުޑަ އެއްވެސް ލާއިންސާނީ އަމަލެއް ކޮށްގެން ނުވާނެ ކަމަށް ބިލްގައިވެ އެވެ.

މި ބިލާއި އެކު ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވި ކުޑަކުދިންގެ އަދުލުގެ ބިލް ވެސް ވަނީ މަޖިލިހުން ފާސްކޮށްފަ އެވެ.