މަސް ކިރުމުގެ ގާބިލުކަން އިތުރުކުރުމަށް މިފްކޯއިން އިތުރު 3 ބޯޓު ގަނެފި އެވެ.
އެ ކުންފުނިން ވިދާޅުވީ މިއީ މަސްގަތުމުގެ ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން ގަތް ތިން ބޯޓު ކަމަށާއި މި ބޯޓުތަކުގެ ރަޖިސްޓްރޭޝަން ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެހެންނަމަވެސް މި ބޯޓުތައް މާލެ ގެނެވޭނެ ދުވަހެއް އަދި ބޯޓުތަކުގެ އިތުރު މައުލޫމާތެއް އަދިހާމައެއް ނުކުރައްވަ އެވެ. ވިދާޅުވީ އެ މައުލޫމާތު ފަހުން ހާމަކުރައްވާނެ ކަމަށެވެ.
ރާއްޖޭގެ މަސްވެރިކަން، ހާއްސަކޮށް ދެކުނުގެ މަސްވެރިކަން ރަނގަޅު ދުވަސްވަރު، މަސްވެރިން ބާނާ މަސް ނުގަނެވުމުގެ ޝަކުވާއަކީ އަބަދު ވެސް އިވެމުންދާ އަޑުތަކެކެވެ. އަދި އެކަން ހައްލުކުރުމަށް މިފްކޯ އިން ގެންދަވަނީ މަސައްކަތްތަކެއް ވެސް ކުރައްވަމުން ނެވެ.
އެގޮތުން އަލަށް މި ގަތް ތިން ބޯޓަކީ ވެސް އެކުންފުނީގެ ކެޕޭސިޓީ އިތުރު ކުރުމަށް ގަނެފައިވާ ބޯޓުތަކެކެވެ.
މިފްކޯގެ ފްލީޓުގައި މިހާރު އޮންނަނީ ޖަޒީރާ 102 އާއި މަހާ ކަލަމިންޖާ އެވެ. ޖަޒީރާ 102 ގައި 100 ޓަނުގެ މަސް ރައްކާކުރެވޭއިރު، މަހާ ކަލަމިންޖާގައި ރައްކާކުރެވެނީ 90 ޓަނެވެ.
މަސްވެރިންގެ ޝަކުވާތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން ސަރުކާރުން ވަނީ މިފްކޯގެ މަސްގަންނަ ސެންޓަރުތައް އަޕްގްރޭޑުކުރުމަށް ވެސް ބޮޑެތި މަޝްރޫޢުތަކެއް ފަށާފަ އެވެ.
އެގޮތުން ފެލިވަރުގައި ކޯލްޑް ސްޓޯރޭޖެއް ޤާއިމުކުރުމަށް ފެލިވަރުގައި 4000 ޓަނުގެ މަސް ރައްކާކުރެވޭނެ ކޯލްޑް ސްޓޯރޭޖަކާއި، ދުވާލަކު 200 ޓަނުގެ މަސް ގަނޑު ކުރެވޭނެ ބްރައިން ފްރީޒިންގ ފެސިލިޓީއެއް ޤާއިމްކުރުމަށް ވަނީ ނިންމާފަ އެވެ. އަދި ރެފްރިޖަރޭޓަޑް ސީ ވޯޓަރ ފެސިލިޓީއާއި، މި ކަންކަމާ ގުޅޭ އެހެނިހެން ވަސީލަތްތައް ވެސް ޤާއިމުކުރުމަށް ނިންމާފައި ވެއެވެ.
އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެފައިވަނީ މި މަޝްރޫއުގެ ދަށުން ގއ. ގެމަނަފުށީގައި ވެސް 50 ޓަނުގެ އައިސް ޕްލާންޓަކާއި 100 ޓަނުގެ އައިސް ސްޓޯރޭޖެއް ޤާއިމުކުރާނެކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!