ރައްޔިތުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިންސްޕެކްޓަރުންނާއި ސުޕަވައިޒަރުންނަށް ހާއްސަ ތަމްރީން ޕްރޮގްރާމެއް ފަށައިފިއެވެ.
އެޗްޑީސީން ބުނީ، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި ހުޅުމާލެ އެކި ބޭނުންތަކަށް ޒިޔާރަތްކުރާ މީހުންނާއި އެއްމެ ގާތުން މަސައްކަތްތަކުރާ އެއް ބަޔަކީ އެ ކޯޕަރޭޝަންގެ ސުޕަވައިޒަރުންނާއި އިންސްޕެކްޓަރުންގެ ޓީމު ކަމަށެވެ. އެ ޓީމުން ރަށު ތަރެ ބެލެހެއްޓުމާއި އެކި ގޮތްގޮތުން ދިމާވާ މައްސަލަތައް ހައްލުކޮށް ރައްޔިތުންނަށް ގިނަ ހިދުމަތްތަކެއް ދެމުން އަންނަ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
މިއަދު ފެށި މި ތަމްރީން ޕްރޮގްރާމަކީ އެ ޓީމުތަކުން މިހާރު ދެމުންގެންދާ ހިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް، ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތް ކުރުމަށް ފެށި ޕްރޮގްރާމެކެވެ.
އެޗްޑީސީ އާއި ނޭޝަނަލް ކޮލެޖް ފޯ ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓާ ގުޅިގެން އަށް ދުވަހަށް ކުރިއަށްގެންދާ މި ތަމްރީން ޕްރޮގްރާމުގައި ރަށުތެރެ ބެލެހެއްޓުމުގައި ގެންގުޅެންޖެހޭ އެންމެ ރަނގަޅު ގޮތްތަކާއި މުއާމަލާތު ކުރުން، މައްސަލަތައް ހައްލުކުރުން، ސެލްފް ޑިފެންސް އަދި ގާނޫނުތަކާއި ގަވާއިދުތަކަށް ބައިވެރިން އަހުލުވެރި ކުރުމަށް ސެޝަންތައް ބާއްވާނެއެވެ.
އެޗްޑީސީން ބުނީ އެ ކުންފުނީގެ މެންޑޭޓުގެ ތެރޭގައި ހުޅުމާލެ ބެލެހެއްޓުން ހިމެނިފައިވާއިރު، ރައްޔިތުންނަށް ދޭ ހިދުމަތްތަކާއި އެ ކުންފުންޏާ ރައްޔިތުންނާ އޮންނަ ގުޅުން އިތުރަށް ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަަމަށެވެ. އެގޮތުން ރައްޔިތުންނާ އެންމެ ގާތުން ހިދުމަތް ދިނުމަށް ކަނޑައެޅިފައިވާ ޓީމުތަކަށް މިފަދަ ތަމްރީނުތަކެއް ދިނުމަކީ ހާއްސަ އިސްކަމެއް ދޭނެ ކަމެއްް ކަމަށްވެސް ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!