ހުޅުމާލޭގެ މަގުތަކަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނު (އެޗްޑީސީ) އިން ބޮޑެތި ބަދަލުތަކެއް ގެންނަން ފަށައިފިއެވެ.
އެޗްޑީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މަގުތަކުގައި ފަސޭހަކަމާއެކު ދަތުރުފަތުރު ކުރެވޭނެ އިންތިޒާމު ގާއިމުކުރުމުގެ ގޮތުން ހުޅުމާލެ ނިރޮޅުމަގާއި އަދި އެހެނިހެން މަގުތައް ހަތަރު ލޭނަކަށް ބަހާލައިގެން އެއްފަހަރާ ހަތަރު ވެހިކަލް އެއް މަގުން ދުއްވޭނެ ގޮތަށް ޕްލޭނެއް އެކުލަވާލާފައިވާ ކަމަށެވެ.
މަގުތައް މިހާރު ބަދަލުކޮށްފައިވަނީ ބަހަށް ހާއްސަ ލޭނަކާއި އެހެނިހެން ވެހިކަލްތަކަށާއި ބައިސްކަލަށް ހާއްސަ ލޭނެއް ކަނޑައަޅައިފައެވެ.
އެޗްޑީސީން ބުނީ ހުޅުމާލެގައި ބައިސިކަލް ލޭންއެއް ކަނޑައެޅުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ ބައިސްކަލަކީ ވަރަށް ސްޕީޑް ދަށްކޮށް ދުއްވާ އުޅަދެއް ކަމަށް ވުމާއެކު ބާރު ސްޕީޑުގައި ދުއްވާ އެހެނިހެން އުޅަދުތަކަށް ދަތިނުވާ ގޮތަށް މަގުގެ އެއްފަޅިން ބައިސިކަލް ދުއްވުމަށް ހާއްސަ ސަރަހައްދެއް ކަނޑައެޅުން ކަމަށެވެ. އެގޮތުން ބައިސިކަލް ދުއްވާ ރޫޓު ފާހަގަކުރުމުގެ ގޮތުން ނޫކުލަ، ބައިސްކަލް ލޭނަށް ހާއްސަ ކުރުމަށް ނިންމާފައިވާ ކަމަށް ބުންޏެވެ.
އެޗްޑީސީން ބުނީ، ހުޅުމާލެގައި ގިނަ މީހުން އާބާދުވުމާއި ގުޅިގެން ދުނިޔޭގެ ސްޓޭންޑަޑަށް ހުޅުމާލޭގެ މަގުތައް ގެނައުމަށާއި ޓްރެފިކްގެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން މި ބަދަލަކީ މުހިންމު ބަދަލެއް ކަމަށެވެ. އެގޮތުން، މަގުތަކަށް ބަދަލުގެނައުމަށް މިހާތަނަށް މަސައްކަތް ފަށާފައިވަނީ ހުޅުމާލެގެ ނިރޮޅުމަގުގެ އިތުރުން ސެންޓްރަލް ޕާކު ވަށައިގެން އޮންނަ މަގެވެ.
އެޗްޑީސީން ބުނިގޮތުގައި މި ބަދަލާއެކު ހުޅުމާލޭގެ ނިރޮޅުމަގުގައި ވެހިކަލް ޕާކުކުރުން މަނާވާނެއެވެ. ނަމަވެސް ނިރޮޅުމަގުގައި ހުންނަ ފްލެޓުތަކާއި ގެތަކުގެ ކައިރީގައި ޕާކުކުރުމުގެ އިންތިޒާމު އެޗްޑީސީގެ ފަރާތުން ހަމަޖައްސައިދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!