އާޖެންޓީނާ އާއި އުރުގުއޭއިން 900 ކިލޯގެ ގެރިމަސް ގަތަރަށް ގެންދިޔައީ ކީއްވެ؟

Screenshot 2022-11-28 at 09.18.18

ގަތަރުގެ ވޯލްޑް ކަޕްގެ ފޯރި މިވަނީ ވަރަށް ގަދަވެފަ އެވެ. މިވޯލްޑް ކަޕަކީ އަޅުގަނޑުމެންނަށް ބޮޑެތި ޝޮކްތަކާއި، ޚިޔާލުތަފާތުވުންތަކާއި، މަޖާ އެތައްކަމަކާއި ރަނގަޅު އެތައްކަމެއް ފެނިގެންދާ މުބާރާތެކެވެ.

ކުރިއަށް އޮތް ތަނުގައި ވޯލްޑް ކަޕުގެ ފޯރި ގަދަވެގެން ދާއިރު މިމުބާރާތާއި ގުޅިގެން ދެކެވޭ އެކިކަހަލަ ވާހަކަ ތަކަކީ އާންމުންގެ މެދުގައި ޝައުޤުވެރި ވާހަކަ ތަކެކެވެ.

ދެކުނު އެމެރިކާގެ އުންމީދީ އާޖެންޓީނާ އާއި އުރުގުއޭ އިން މުބާރާތަށް 900 ކިލޯގެ ގެރިމަސް ގެންދިޔަ ވާހަކަ އަކީ މިހާރު މީޑިޔާގެ ފަލަ ސުރުހީގައި ދެކެވޭ ވާހަކަ އެކެވެ. ނަމަވެސް އެކަން ކުރީ ކީއްވެގެން ހެއްޔެވެ؟

މިކަން މީޑިއާގެ ސަމާލުކަމަށް އައިސް މިއީ ބަޔަކަށް އާދަޔާއި ހިލާފު ކަމަކަވުމުން، ދެގައުމުންވެސް ވަނީ މިކަން ކުރީ ކީއްވެކަން މީޑިއާތަކާއި ހިއްސާކޮށްފަ އެވެ،

އުރުގުއޭގެ އެފްއޭގެ ރައީސް އިގްނާސިއޯ އަލޮންސޯ ބުނީ ގައުމީ ޓީމަށް އެންމެ ރަނގަޅު ކާނާ ލިބެމުންދާ ޔަގީން ކުރަން ބޭނުންވާކަމަށާއި އެގޮތުން އޭޔޫއެފް އުރުގުއޭ މީޓް އަކީ އެ ގައުމުގެ ތާރީހީ އެއްޗެއްކަމަށެވެ. އެގޮތުން އެގައުމުގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި ގުޅިފައިވާ ކެއުންތަކާއި ބުއިންތައްވެސް ގަތަރަށް ގެންގޮސްފައިވާނެކަމަށް ބުންޏެވެ.

"އުރުގުއޭގެ ގެރިމަހަކީ، ދުނިޔޭގައި ހުރި އެންމެ ފެންވަރު ރަނގަޅު މަސް.”

އުރުގުއޭގެ އެފްއޭގެ ރައީސް އިގްނާސިއޯ އަލޮންސޯ ބުނެފައިވެއެވެ.

އެހާ ބައިވަރު ގެރިމަސް ގެންދިއުމުގެ މުހިންމުކަން ކިޔައިދެމުން، އާޖެންޓީނާގެ މެނޭޖަރު ލިއޮނަލް ސްކަލޯނީ ބުނެފައިވަނީ، އޭނާ އެންމެ ގަޔާވާ ކެއުމަކީ އެއްގަމު މަސް ފިހެގެން ކެއުންކަމަށެވެ. އެހާ ބައިވަރު ގެރިމަސް ގެންދިޔައީ އަސާޑޯ ހަދަން ކަމަށް ބުނެފައިވެއެވެ.

އަސާޑޯ އަކީ އެގައުމުގައި ބާބަކިއު އަށް ކިޔާ ނަމެކެވެ. އެކަމަކީ ސަގާފަތުގެ ބައެއްކަމަށާއި އާޖެންޓީނާގެ ޚާއްޞަކަމުގެ ބައެއް ކަމަށް މެނޭޖަރު ބުނެފައިވެއެވެ. އަސާޑޯ ހަދާއިރު ޓީމުގެ ބައިވެރިން އެއްވެ މަޖާކޮށް ގުޅުން ބަދަހި ކުރުމަށް ފުރުޞަތު ފަހިކުރުމަށް މުހިންމު ކަމެއްކަމަށެވެ.

ދެޓީމުންވެސް ނިންމާލަމުން ބުނެފައިވަނީ އެއް ވާހަކަ އެކެވެ. ޓީމުގެ ބޮލުގައި އެޅިފައި އޮތީ ބޮޑު ޒިންމާއެއް ކަމަށާއި ގައުމާއި ކިތަންމެ ދުރުގައި ކުޅެން ޖެހުނަސް ކުޅުންތެރިންނަށް އެ އިޙްސާސް ނުވުންކަމަށެވެ. އެގައުމުގެ ކުޅުންތެރިންނަށް އެގައުމުގައި ލިބެން ހުންނަ އެއްގަމު މަސް ފޯރުކޮށްދިނުމުގެ ނިޔަތުގައި ކަމަށެވެ.

މިއަހަރުގެ ތަށި ހޯދުމަށް ހުރިހާ ގައުމަކުންވެސް އަންނަނީ އެބަޔަކަށް ވެވުނު ވަރަކުން މަސައްކަތް ކުރަމުންނެވެ. ޓީމުތަކުގެ އަމާޒަކީ ކުޅުންތެރިންގެ ދިރިއުޅުން އާދައިގެ ގޮތަކަށް ބެހެއްޓުމަށް މިނޫންވެސް ތަފާތުކަންކަން ކުރާނެކަން ޔަޤީނެވެ.

އާޖެންޓީނާގެ ފުރަތަމަ މެޗަކީ ސަޕޯޓަރުން ރޮއްވާލި މެޗެކެވެ. ހިތި ގޮތަކަށް ސައުދީ އަރަބިއްޔާ އަތުން ބަލިވުމަކީ މި ވޯލްޑް ކަޕުގައި އެންމެ ގިނަބަޔަކު ހައިރާންކޮށްލި ނަތީޖާ އެވެ. ދެވަނަ މެޗުގައި މެކްސިކޯ އަތުން މޮޅުވި އެވެ. އުރުގުއޭ ކުޅުނު ފުރަތަމަ މެޗުން ސައުތު ކޮރެއާ އަތުން އެއްވަރުވީ އެވެ.

ޔަގީންވާ ކަމަކީ ރާއްޖޭގެ ޓީމު ވޯލްޑް ކަޕުގައި ކުޅެން ފުރުޞަތު ލިބުނުނަމަ، ފުޅިމަދު ފޮށިފޮށީގައި ކަނޑުމަސް ގަތަރަށް ގެންދާނެކަމެވެ. ދިވެހި ގައުމީ ޓީމަށްވެސް ގަރުދިޔަ އާއި ބަތް މުހިންމު ވާނެ އެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *