ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއަރޑް ސޮސައިޓީ އޮފް މޯލްޑިވްސް (ބީވީއައިއެސްއެމް) ގެ އަހަރީ ކޭމްޕް ފަށައިފިއެވެ.
ލޯފަންކުދިން އިސްނަގައިގެން ހިންގާ މި ޖަމުއިއްޔާގެ އަހަރީ ކޭމްޕް ފަށާފައިވަނީ ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމަކުން ނެވެ. މި ޕްރޮގުރާމް ކުރިއަށް ގެންދިޔައީ ބްލަޑް ސަރވިސަސް ގައި މިމަހު 26ވަނަ ދުވަހުގެ ހެނދުނު 9:00 ން 12:00 އަށެވެ. މިއީ އެޖަމިއްޔާއިން އިސްނަގައިގެން ކުރިއަށް ގެންދިޔަ 3 ވަނަ ލޭހަދިޔާ ކުރުމުގެ ކޭންޕެވެ.
ބީވީއައިއެސްއެމް މީޑިއާ ކޯޑިނޭޓަރ ޝާހިން މުހައްމަދު ވިދާޅުވީ، އަހަރީ ކޭމްގެ އިތުރު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އެކޭމްޕްގެ ބައިވެރިން މިހާރު އއ. އަތޮޅަށް ދަތުރުކޮށްފައިވާކަމަށެވެ. އެއަތޮޅުން ފުރަތަމަ ދަތުރު ކޮށްފައިވަނީ އުކުޅަހަށެވެ.
އެއަށްފަހު މިއަދުވަނީ އއ. މަތިވެރިއަށް ދަތުރުކޮށްފަ އެވެ. އެދެރަށުންވެސް މިކޭމްޕްގެ ބައިވެރިންނަށްވަނީ ހޫނު މަރުޙަބާއެއް ކިޔާފަވެއެވެ. މާދަމާ ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ އއ. ބޮޑުފޮޅުދޫ އަށެވެ.
13 ކުދިން ބައިވެރިވާ މި ކޭންޕުގައި، ދަތުރުކުރާ ރަށްރަށުގެ މުވައްސަސާތަކާއި ބައްދަލުކޮށް މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް އަންނަނީ ކުރިއަށް ގެންދަމުންނެވެ. މީގެ އިތުރުން ސުކޫލު ދަރިވަރުންނާއި ބައްދަލުކޮށް އުފާވެރި ވަގުތު ތަކެއްވެސް ހޭދަކޮށްފައިވެއެވެ.
މީގެ އިތުުރުން މިމަހުގެ 29ވަނަ ދުވަހު އުކުޅަހުގައި ފަންޑް ރެއިސިންގް އިވެންޓެއް ކުރިއަށް ގެންދިޔުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.
މިދިޔަ އަހަރުގެ ކުރިއަށް ގެންދިޔަ ކޭމްޕްގައި 20 ކުދިން ބައިވެރިފައި ވާއިރު ލީޑަރޝިޕް ޓްރެއިން ޕްރޮގްރާމްއަކާއި ލައިފް ސްކިލް ސެޝަންއަކާއި ޑިޒަރސްޓަރ މެނޭޖްމެންޓުގެ ސެޝަނެއްގެ އިތުރުން ފަރސްޓް އެއިޑް ޓްރެއިނިންގް ސެޝަނެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ބީވީއައިއެސްއެމް އަކީ ލޯފަން ކުދިންގެ ހައްޤުތައް ހިމާޔަތްކޮށް ޚާލަތު ރަނގަޅު ކުރުމުގެ މަސައްކަތް ކުރުމަށްޓަކައި 2010 ވަނަ އަހަރުގެ ތެރޭގައި އުފައްދާފައިވާ ޖަމްއިއްޔާއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!