ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެޗް.ޑީ.ސީ ) މިއަދު އާންމު ކުރި ވިނަރެސް ފުލެޓްތަކުގެ ވަގުތީ ލިސްޓުގައި، ސީލައިފް, ގުޅީފަޅު އަދި ހިޔާއިން ފުލެޓު ދޫކުރިފަރާތްތަކުގެ ނަމެއް ނުހިމެނޭނެކަމަށް އެކުން ފުނިން ބުނެފި އެވެ.
އެކުންފުނިން ބުނެފައިވަނީ، މިއަދު އާއްމު ކުރެވިފައިވާ ވަގުތީ ލިސްޓަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ދަށުން މިނިސްޓްރީ އޮފް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ކަނޑައަޅާފައިވާ ޕޮއިންޓް ސިސްޓަމަށް ބަލާ އެ މިނިސްޓްރީން އެކުލަވާލާފައިވާ ލިސްޓެއް ކަމަށެވެ.
"މި ލިސްޓުގައި ހިޔާ ފުލެޓުތަކުން ފުލެޓު ދޫކޮށްލި ފަރާތްތަކަށާއި ގުޅީފަޅުންނާއި އަދި ސީލައިފް އިން ފުލެޓު ގަނެފައިވާ ފަރާތްތަކަށް, ވިނަރެސް މަޝްރޫއިން ފުލެޓު ދޭން ނިންމި އެއްވެސް ފަރާތެއްގެ ނަމެއް މި ލިސްޓުގައި ނުހިމެނޭނެ:
އެޗްޑީސީން ބުނެފައިވެ އެވެ.
މީގެ އިތުރުން ކޯޕަރޭޝަނުން ބުނެފައިވަނީ ހިޔާ ފުލެޓުތަކުން ފުލެޓު ލިބުނު ފަރާތްތަކުގެ ތެރެއިން ފުލެޓު ދޫކޮށްލަން ބޭނުންވާ ފަރާތްތަކަށް ވިނަރެސް ފުލެޓަށް ކުރިމަތިލުމުގެ ފުރުސަތު މީގެ ކުރިން ހުޅުވާލާފައިވާނެކަމަށާއި އަދި ގުޅީފަޅުންނާއި ސީލައިފް ޕްރޮޖެކްޓުން ފުލެޓު ގަނެފައިވާ ފަރާތްތަކަށް ލިބުނު ގެއްލުމުގެ ބަދަލުގައި ވިނަރެސް މަޝްރޫއިން ފުލެޓު ހިޔާރުކުރުމުގެ ފުރުސަތު ދީފައިވާނެކަމަށެވެ. މިއަދު މި އާންމުކުރެވުނު ލިސްޓުގައި މި ދެންނެވި އެއްވެސް ފަރާތްތަކެއްގެ ނަމެއް ނުހިމެނޭކަމަށެވެ.
މާލޭގައި ދިމާވެފައިވާ ބޯހިޔާވަހިކަމަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ވިނަރެސް މަޝްރޫއިން ވަކި އަދަދެއްގެ ފުލެޓުވަނީ މާލޭގައި ދިރިއުޅޭތާ ގިނަ ދުވަސް ވެފައިވާ ފަރާތްތަކަށާއި މާލޭ ރައްވެހިންނަށް ހާއްސަ ކޮށްފައެވެ.
އެގޮތުން މާލޭގައި ދިރިއުޅޭތާ މަދުވެގެން 15 އަހަރު ވެފައިވާ ފަރާތްތަކަށާއި މާލޭގައި ރަޖިސްޓަރ ވެފައިވާ ފަރާތްތަކަށް ހާއްސަ ކުރެވިގެންނެވެ. އަދި މިނިސްޓްރީއިންވަނީ ފުލެޓަށް ކުރިމަތިލުމަށް ޝަރުތުހަމަވާ ފަރާތްތައް ކަނޑައެޅުމަށް ޕޮއިންޓް ދޭނެ އިންތިޒާމެއް ކަނޑައަޅާފައެވެ. މިއީ ބޯހިޔާވަހިކަން ފޯރުކޮށް ދިނުމުގައި އެންމެ ހައްގުވާ ފަރާތްތަކަށް ފުލެޓު ދިނުމަށް މިނިސްޓްރީ އޮފް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ކަނޑައަޅާފައިވާ ޝަރުތުތަކެކެވެ.
އެޗްޑީސީއިން ވަގުތީ ލިސްޓު އިއުލާނު ކުރިއިރު، ފޯމް ލީ 1413 މީހުންގެ ތެރެއިން ލިސްޓުގައި ހިމެނެނީ 723 މީހުން ނެވެ.
ވިނަރެސްގާ 10 ޓަވަރު ހިމެނޭއިރު ޖުމުލަ 1،344 އެޕާޓްމެންޓް ހިމެނެ އެވެ. އެ އެޕާޓްމަންޓްތަކުގެ އަގު އުޅެނީ 2.5 މިލިއަނާއި ތިން މިލިއަނާ ދެމެދުގަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!