ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ޖީގައި މިރޭ ކުޅުނުމެޗުން ބްރެޒިލް މޮޅުވެއްޖެ އެވެ.

ގަތަރުގެ ލުސައިލް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ސާބިޔާގެ މައްޗަށް ބްރެޒިލް އަށް ކުރި ހޯދީ ދެވަނަ ހާފުގައި ރިޗާލިސަން ޖަހައިދިން ގޯލަކުންކުންވެ.

Ad
rt

މިރޭގެ މެޗުގައި ބޯޅަހިފަހައްޓައިގެން ކުޅެ ގިނަ ހަމަލާތައް އުފެއްދީ ބްރެޒިލުންނެވެ. އެ ޓީމަށް ލިބުނު ގިނަ ފުރުސަތުތައް ބޭކާރުކޮށްލީ ސާބިއާގެ ވަރުގަދަ ޑިފެންސް އާއި ގޯލްކީޕަރެވެ.

މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައެއް ނުވެއެވެ. ނޭމާ ތަނަވަސްކުރި ފުރުސަތެއްގައި ވިނީޝިއަސް ޖޫނިއާ ފޮނުވާލި ހަމަލާ ގޯލްކީޕަރު ވަންޔާ މިލިންކޮވިޗް ސަވިޗް ދިފާއު ކުރި ވަގުތު ރީބައުންސް ވެފައި އައި ބޯޅައިން، ބްރެޒިލްގެ ފުރަތަމަ ލަނޑު ރިޗާލިސަން ޖެހީ 62 ވަނަ މިނެޓުގަ އެވެ.

ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފްގައި ބްރެޒިލް އިން ކުޅެމުން ދިޔައީ އަވަސް ކުޅުމެކެވެ. ސާބިޔާގެ ޑިފެންސްއަށް ބާރުބޮޑުކޮށް ކައިރި ކައިރީގައި ނުރައްކާ ކުރަމުންނެވެ.

73 ވަނަ މިނެޓްގައި ވިނީޝަސް ދިން ޕާހަކުން މެޗުގެ ދެވަނަ ގޯލް ވެސް ކާމިޔާބުކޮށްދިނީ ރިޗާލިސަން އެވެެ. ރިޗާލިސަންގެ މި ގޯލަކީ މިހާތަނަށް މި މުބާރާތުގައި ފެނިގެން ދިޔަ އެންމެ ހިތްގައިމު ގޯލެވެ. ސާބިޔާގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ވިނީޝަސް ދިން ޕާސް ވައިގެތެރޭ ކޮންޓްރޯލް ކޮށްލުމަށް ފަހު ވޮލީ އަކުން ބޯޅަ ގޯލަށް ވައްދާލީ ބިމުގައި ނުޖައްސަ އެވެ.

އުމުރުން 25 އަހަރުގެ ރިޗާލިސަން ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗުން އޭނާ ވިދާލީ މި ދެ ގޯލާއި އެކު އެވެ. އޭނާ ވަނީ މިހާތަނަށް ގައުމީ ޓީމަށް 39 މެޗު ކުޅެދީ، 19 ގޯލު ޖަހައިފަ އެވެ.

މި ދެ ގޯލަށްފަހު ބްރެޒިލް އިން އިތުބާރާއެކު ކުޅެމުންދިޔައިރު ރޮޑްރީގޯއާއި ފްރެޑްގެ ބާރު ހަމަލާތައް ސާބިއާގެ ކީޕަރު ދިފާއުކުރިއިރު ކަސެމެއިރޯ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑި އަށެވެ.

މި މެޗުގައި ސާބިޔާގެ ފަރާތުން މާބޮޑު އެޓޭކިން ކުޅުމެއް ފެނިގެން ގޮސްފައި ނުވާއިރު އެޓީމަށް ބްރެޒިލްގެ ގޯލާ އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައެއް ނުވެ އެވެ.

މި ގްރޫޕްގައި ހިމެނޭ ބްރެޒިލް އާއި ސްވިޒަލޭންޑަށް ތިން ޕޮއިންޓް ލިބިފައިވާއިރު ކެމަރޫން އާއި ސާބިޔާ އަށް ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ. ގްރޫޕް ސްޓޭޖުގައި ބްރެޒިލް ދެން ބައްދަލުކުރާނީ ސްވިޒަލޭންޑެވެ. ސާބިޔާ ނިކުންނާނީ ކެމަރޫންއާ ދެކޮޅަށެވެ.