ޕޭމަންޓް އިންޑަސްޓްރީގައި ދުނިޔޭގެ މަޝްހޫރު ކުންފުނި މާސްޓަ ކާޑާއެކު، ސިޓީ ޕޮސިބަލް ނެޓުވޯކްގެ މެމްބަރަކަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ވެއްޖެއެވެ.

މި އެއްބަސްވުމުގައި އިއްޔެ ވަނީ ސޮއިކޮށްފައެވެ.

Ad
rt

އެޗްޑީސީން ބުނީ، ސިޓީ ޕޮސިބަލް ނެޓުވޯކްގެ މެމްބަރަކަށް ވުމުން، އެ ކުންފުނިން ފަށާފައިވާ ސްމާޓް ސިޓީ މަޝްރޫއަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށެވެ. އެގޮތުން، ދުނިޔޭގެ އެހެން ސިޓީތަކުގައި ބޭނުން ކުރާ ސްމާޓް ސޮލިއުޝަންތަކުގެ މައުލޫމާތާއި އެ ފަދަ ސޮލިއުޝަންތައް ރާއްޖޭގައި ބޭނުން ކުރެވޭނެ ގޮތްތައް ދެނެގަނެވޭނެ ކަމަަށް ބުންޏެވެ.

މީގެ އިތުރުން ހުޅުމާލޭ ސްމާޓް ސިޓީއަކަށް ހެދުމަށް ހުރި ގޮންޖެހުންތައް ދަނެގަތުމާއި އެ ކަމަށް އެންމެ އެދެވޭ ހައްލުތައް ވެސް ލިބޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.

އެ ކުންފުނިން ގޮތުގައި، ދާދި ފަހުން ތައާރަފު ކުރި އޯޕަން އެކްސެސް ނެޓުވޯކުގެ ސަބަބުން ވަރުގަދަ ޑިޖިޓަލް އިންފްރާސްޓްރަކްޗަރެއް ހުޅުމާލޭގައި ވަނީ ގާއިމުކޮށްފައެވެ. އެހެންކަމުން ސިޓީ ޕޮސިބަލްގެ މެމްބަރަކަށް ވުމުން ހުޅުމާލެ ސްމާޓް ސިޓީއަކަށް ހެދުމަށް އެޗްޑީސީން ކުރާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް ބުންޏެވެ.

ސިޓީ ޕޮސިބަލްއަކީ އެކި ސިޓީތަކާއި ވިޔަފާރިތަކާއި ތަޢުލީމީ ދާއިރާ އަދި ކޮމިއުނިޓީތައް އެކުވެގެން ދެމެހެއްޓެނިވި، އުފެއްދުންތެރި އުމްރާނީ ތަރައްގީ ގެނައުމަށް އެކުލަވާލާފައިވާ ވިއުގައެކެވެ. އެއީ މީގެ ތިން އަހަރު ކުރިން އުފެއްދި ވިއުގައެކެވެ.

އެ ނެޓުވޯކުގައި 50 އަށްވުރެ ގިނަ ގައުމުގެ 300 އަށް ވުރެ ގިނަ ސިޓީ އާއި 600 އަށްވުރެ ގިނަ ކޮމިއުނިޓީ ހިމެނެއެވެ. ސިޓީ ޕޮސިބަލް ނެޓުވޯކުން ސިޓީތަކަކަށް ދެމެހެއްޓެނިވި، އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީތައް ގެނައުމަށް އެކި ކުންފުނިތަކާ އެކު އަންނަނީ މަސައްކަތް ކުރަމުންނެވެ.