މިސިސިޕީ ކޯރަކީ އެމެރިކާގެ ދެވަނައަށް އެންމެ ބޮޑު ކޯރެވެ. އެ ކޯރަކީ އެމެރިކާގެ 20 މިލިއަން މީހުން ނުވަތަ އާބާދީގެ 16 ޕަސެންޓަށް ސާފު ބޯފެން ފޯރުކޮށްދޭން ފެންނަގާ ކޯރެކެވެ.
ކޯރާއި ގުޅޭ ކަންބޮޑުވުންތަކެއް މިފަހުގެ ތާރީހުގައި ވަނީ އިިތުރުވެފައި އެވެ. އެގޮތުން މިދިޔަ 10 އަހަރު ތެރޭގައި އެ ކޯރުގެ ފެންގަނޑު ހިނދެމުންދާ އަވަސް މިންހުރީ ކަންބޮޑުވާ ދަރަޖައެއްގައި އެވެ. އޭގެ ސަބަބުން އެތައް މިލިއަން ބަޔަކަށް ސާފު ބޯފެން ފޯރުކޮށްދިނުން އޮތީ ނުރައްކާތެރި ފައްތަރެއްގައި އެވެ.
އެ ކޯރާއި ގުޅޭގޮތުން ހަދަމުންދާ ދިރާސާތަކުން އެނގުނު ގޮތުގައި މިމަހުގެ 15 ވަނަ ދުވަހު އެ ކޯރާއި ގުޅިފައިވާ ސިޓީއެއް ކަމަށްވާ ޓެނެސީ ކައިރީގައި ފެންގަނޑުގެ އުސްމިން ވަނީ މައިނަސް 6.1 އަށް ތިރިވެފައި އެވެ. އެ ކޯރުގެ މެދުގައި އޮންނަ ރަށެއް ކަަމަށްވާ ރޮކް ޓަވާއަކީ ބޯޓުގައި ދަތުރުކޮށްފައި ދާން ޖެހޭ ރަށަކަށްވިޔަސް މިދިޔަ މަހުން ފެށިގެން ހިނގާލާފައިވާ ދެވޭވަރަށް ކޯރުގެ ފެންގަނޑު ވަނީ ހިނދިފައި އެވެ.
19 ވަނަ ގަރުނުގައި އެ ކޯރުގެ އެންމެ އަޑިއަށް ފެތިފައި ހުރި ބޯޓަކާއި އަސްކަރީ ހެލިކޮޕްޓަރެއްވެސް މިހާރު އޮތީ ވަރަށް ތިލައިގަ އެވެ. މިއީ އެ ކޯރު ހިނދެމުންދާކަމުގެ ބޮޑެތި ހެކިތަކެވެ.
ސައިންސް ވޯޓާ އެންޑް ޗެއާ އޮފް މިސިސިޕީ ރިވާ ސިޓީސްގެ ޓައުންސް އިނީޝިއޭޓިވްގެ އެޑްވައިޒަރީ ބޯޑުގެ މެމްބަރެއް ކަމަށްވާ އެލެކްޒެންޑާ މައުކޯޕޯލޮސް ބުނީ މޫސުމަން އަންނަމުންދާ ބަދަލުތަކަކީ ކޯރު ހިނދުމުގެ މައިގަނޑު ސަބަބު ކަމަށެވެ. އަދި އެމެރިކާއަށް ވެހޭ ވާރޭ ތިން ބައިކުޅަ އެއްބައި ގޮސް ޖަމާވާނީ އެ ކޯރަށް ނަމަވެސް މިހާރު ވާރޭ ވެހުން މަދުވުމުން ކޯރަށް ޖަމާވާ ފެން މަދުވެފައިވާ ކަމަށެވެ.
މި ވާހަކަ އާއި ބައެއް ސައިންސްވެރިން ދެކޮޅު ހަދާއިރު އެމީހުން ބުނަނީ ކޯރަށް އެޅޭ ފެން މަދުވީ މިއަހަރު އެކަނިކަމަށެވެ. އެމީހުން ގަބޫލު ކުރާ ގޮތުގައި ކޯރު ހިނދެންޖެހޭ ނުވަތަ ކޯރުން ފެން މަދުވާ ސަބަބުތަކުގެ ތެރޭގައި އެގައުމުގައި ފެން ބޭނުންކުރާ މިންވަރު އިތުރުވުން ހިމެނެ އެވެ.
ކޯރުން ފެން ހިނދެމުންދާ ވަރަކަށް ދިމާވަމުންދާ އަނެއް މައްސަލައަކީ ފެން ލޮނުވުމެވެ. އެލެކްޒެންޑާ ބުނީ ޓެނެސީގެ ބައެއް ސަރަހައްދުތަކުގެ ރައްޔިތުން މިހާރު އެކަން ތަހައްމަލް ކުރަމުންދާ ކަމަށާއި ބައެއް ކޮމިއުނިޓީތަކުގެ އާންމުން ލޮނުފެން މީރު ފެނަށް ބަދަލު ކުރާ ޕްލާންޓުވެސް ބޭނުން ކުރާ ކަމަށެވެ.
އެލެކްޒެންޑާ ބުނީ ކޯރު ހިނދުމަކީ މޫސުމާއި ގުޅުން ހުރ،ި އިންސާނުންގެ ބާރު އޮތް ކަމަށް ނުވާތީ ދެން އެޅޭނެ ފިޔަވަޅަކީ ފެން މެނޭޖްކޮށްގެން ބޭނުން ކުރާނެ ސިސްޓަމްތަކެއް ގާއިމްކޮށް ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުން ކަމަށެވެ. އެ ކޯރަކީ 2،350 މޭލުގެ ބޮޑު ކޯރެކެވެ.
މޫސުމީ ބަދަލުތަކާއި ގުޅިގެން މި ފަހުގެ ތާރީހުގައި ހިނދެމުންދާ ކޯރުތަކުގެ ތެރޭގައި އެ ގައުމުގެ އެންމެ ބޮޑު ލޭކް މީޑްވެސް ހިމެނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!