މިއަހަރުގެ ރިވެލި ފޯރަމް ބާއްވައިފި އެވެ.
ޖެންޑަރ މިނިސްޓްރީން އިންތިޒާމުކޮށްގެން މި ފޯރަމް ބާއްވާފައިވަނީ އެއްދުވަހުގެ މުއްދަތަށެވެ. މި ފޯރަމް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ އެވެ.
ފޯރަމްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ނުކުޅެދުންތެރިކަން ހުރި މީހުންނާއި ކުޑަކުދިންނަށް ހަމަހަމަ ފުރުސަތުތައް ފަހިކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި އެފަރާތްތައް ބާރުވެރިކުރުވުމާއި، އެފަރާތްތަކުގެ ހައްގުތައް ކަށަވަރުކުރުމަކީ ވެސް މުހިންމު ކަމެއް ކަަމަށެވެ.
މީގެ އިތުރުން އެފަރާތްތަކަށް ބޭނުންވާ ތައުލީމާއި ތަމްރީނާއި އެހެނިހެން ހިދުމަތްތައް މިހާރަށްވުރެ ހަރުދަނާކޮށް ފޯރުކޮށްދިނުމަކީ ވެސް އެހާމެ މުހިންމު ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
މި ފޯރަމްގައި މަޝްވަރާ ކުރެވިގެންދިޔަ ބައިތަކަކީ ރަސްމީ ތަޢުލީމު ފެށުމުގެ ކުރިން، ނުކުޅެދުންތެރިކަން ހުރިކަން ދެނެގަނެވޭނެ ނިޒާމެއް އެކުލަވާލުމާއި، ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންނަށް ބޭނުންވާ ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދިނުމެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރިކޮށް، މުޖުތަމަޢުގެ މުހިންމު ހިއްސާއަކަށް ހެދުމާއި ދޮށީ އުމުރުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމެވެ.
މީގެ އިތުރުން މި ފޯރަމްއިން ދާއިރާތަކުން މިހާރު ކުރެވެމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ބޭނުންވާ ކަންކަން ދެނެގަނެވިފައި ވެއެވެ.
މި ފޯރަމްގެ މައިގަނޑު މަގުސަދަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް ތަފާތު ދާއިރާތަކުން ހުރި ގޮންޖެހުންތައް ދެނެގަނެ އެކަންކަމަށް ހައްލު ހޯދައި ދިނުމާއި، އަދި އެފަރާތްތަކަށް ބޭނުންވާ ޚިދުމަތްތައް ލާމަރުކަޒީ އުސޫލުން ފަސޭހަކަމާއިއެކު ތަފާތު ކުރުމެއްނެތި ލިބޭނެ އިންތިޒާމްތައް މަގުފަހިކޮށްދިނުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!