މިއީ 1986 ވަނައަހަރަށް ފަހު ކެނެޑާ ވޯލްޑް ކަޕަކަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ. 40 އަހަރުގެ މެދު ކެނޑުމަކަށް ފަހު ކެނެޑާ ވޯލްޑް ކަޕަށް ކޮލިފައިވިއިރު، އެޓީމަކީ ފުޓްބޯލައިގައި މާ ފާހަގަ ކޮށްލެވޭ ޓީމަކަށް ނުވެއެވެ. ނަމަވެސް ސަރަހައްދީ ފުޓްބޯޅައިގައި ކޮންމެވެސް ވަރެއްގެ ކާމިޔާބީތަކެއް ހޯދާފައިވެއެވެ. ނަމަވެސް އެއީ މާ ފަހުގެ ތާރީޚެއްގައެއް ނޫނެވެ. މިހހާތަނަށް އެންމެ ވޯލްޑް ކަޕެއްގައި ކެނެޑާ ކުޅެފައިވާއިރު، އެ މުބާރާތުން ވެސް އެޓީމު ކެޓީ ގުރޫޕު ސްޓޭޖުންނެވެ. އެ މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ކެނެޑާ ކުޅުނު ތިން މެޗުން ވެސް ވަނީ ބަލިވެފައެވެ.
ކޮލިފައިވީ ގޮތް
ކެނެޑާ މިފަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވީ ކޮންކާކަފް ސަރަހައްދުގެ ކޮލިފައިން ތިންވަނަ ބުރުގައި ކުޅުނު ކޮލިފައިން ގުރުޕުގެ އެއްވަނަ ހޯދައިގެންނެވެ. މެކްސިކޯ، އެމެރިކާ އަދި އަދި ކޮސްޓަރިކާ ފަދަ ޓީމުތައް ފަހަތައް ޖައްސާލުމަށް ފަހު ގުރޫޕުގެ އެއްވަނަ ހޯދީ ކުޅުނު 14 މެޗުގެ ތެރެއިން އަށް މެޗު ކާމިޔާބު ކޮށް ހަތަރު މެޗު އެއްވަރުކޮށް އަދި ދެމެޗުން ބަލިވެގެން ޖުމުލަ 28 ޕޮއިންޓާއި އެކުގައެވެ.
މުހިންމު ކުޅުންތެރިން
އަލްފަންސޯ ޑޭވިސް

ޖަރުމަނުގެ ބަޔާން މިޔުނިކަށް ކުޅެމުން އަންނަ އުމުރުން 21 އަހަރުގެ ޑޭވިސް އަކީ ކެނެޑާ ޓީމުގައި މިވަގުތު ހުރި އެންމެ އިތުބާރު ޒުވާން ކުޅުންތެރިޔާއެވެ. މިހާތަނަށް ވޯލްޑް ކަޕެއް ތަޖުރިބާ ކޮށްފައި ނުވާ ޑޭވިސް އަކީ މިޑްފީލްޑަށް ވެސް އަދި ޑިފެންސައްވެސް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. މިފަހަރުގެ ވޯލްޑް ކަޕުގައި ކެނެދާ ޓީމުން އެންމެ ވިދުން ގަދަވާނެ ކަމަށް ބެލެވޭ ކުޅުންތެރިއަކީ ޑާވިސްއެވެ.
2017 ވަނަ އަހަރު ކެނެޑާ ޓީމަށް ކުޅެން ފެށި ޑާވިސް ވަނީ މިހާތަނަށް އެޓީމަށް 34 މެޗު ކުޅެދީ 12 ގޯލު ޖަހައިދީފައެވެ.
ސްޓީވަން ޔޫސްޓަކިއޯ

ޕޯޗުގަލްގެ ޕޯޓޯއަށް ކުޅެމުން އަންނަ ސްޓީވަން ޔޫސްޓަކިއޯ އަކީ ކެނެޑާ ޓީމުގެ މުހިންމު ޑިފެންސިވް މިޑްފީލްޑަރެކެވެ. މިފަހަރުގެ ވޯލްޑް ކަޕުގައި ކެނެޑާ ޓީމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާނެ އެއް ކުޅުންތެރިއަކީ ވެސް އޭނާއެވެ. ޕޯޓޯގައިވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ޔޫސްޓަކިއޯ ކެނެޑާ ޓީމަށް ކުޅެން ފެށީ 2019 ވަނަ އަހަރުގައެވެ. އޭނާ ވަނީ މިހާތަނަށް ކެނެޑާ ޓީމަށް 26 މެޗު ކުޅެދީފައެވެ. އަދި ތިން ގޯލު ޖަހައިދީފައިވެއެވެ.
ކޯޗު

އިނގިރޭސި ވިލާތަށް އުފަން ކޯޗު ޖޯން ހާޑްމަން ކެނެޑާގެ ގައުމީ ޓީމާ ހަވާލުވީ 2018 ވަނަ އަހަރުއެވެ. އޭނާ އޭގެ ކރިން ކޯޗު ކޮށްދީފައިވަނީ ނިއުޒީލެންޑާއި ކެނެޑާގެ އަންހެން ޓީމަށެވެ. އެގޮތުން ހާޑްމަން ވަނީ ކެނެޑާގެ އަންހެން ޓީމަށް ސަމަ އޮލިމްޕިކް 2012 އަދި 2016 ވަނަ އަހަރު މުބާރާތުގެ ބްރޯންޒް މެޑަލް ހޯދައިދީފައެވެ. މީގެ އިތުރުން 2011 ވަނަ އަހަރު ކުޅެވުނު ޕޭން އެމެރިކަން ގޭމްސްގެ އިތުރުން އެލްގަރްވޭ ކަޕްގެ ޗެމްޕިއަންކަން ކެނެދާގެ އަންހެން ޓީމަށް ހޯދައިދީފައެވެ. ހާޑްމަންގެ އިރުޝާދުގެ ދަށުން މިފަހަރުގެ ވޯލްޑް ކަޕަށް ކެނެޑާ ކޮލިފައިވީއިރު، މިއީ ހާޑްމަންގެ ކޯޗިން ކޮޗިން ކެރިއަރުގައި އޭނާއަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީއެވެ. އޭނާގެ ކޯޗުކަމުގައި ކެނެޑާ މިހާތަނަށް 45 މެޗު ކުޅެފައިވާއިރު، 31 މެޗުން މޮޅުވިއެވެ. ހަތަރު މެޗުން އެއްވަރުވިއިރު، ބަލިވީ 10 މެޗުންނެވެ.
ގުރޫޕުގައި އޮތް ފުރުސަތު
ކެނެޑާ ހިމެނެނީ މޮރޮކޯ، ކްރޮއޭޝިއާ އަދި ބެލްޖިއަމް އާއި އެކު ގުރޫޕް އެފް ގައެވެ. މި ގުރޫޕަކީ ކެނެޑާއަށް އުނދަގޫ ގުރޫޕަކަށް ވާނެއެވެ. ދެވަނަ ބުރަށް ދިއުމަށް ކެނެޑާ ބުރަކޮށް މަސައްކަތް ކުރަން ޖެހޭނެއެވެ. ދެވަނަބުރުން ކެނެޑާއަށް ފުރުސަތު ލިބުން ދުރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!