އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް ޕޭމަންޓް ޕްލެޓްފޯމު ކަމަށްވާ، އެމްފައިސާ މެދުވެރިކޮށް އެފްއެސްއެމްގެ ޝެޑުތަކަށް ފައިސާ ދެއްކޭނެ ގޮތް ހަދައިފިއެވެ.

މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ޚިދުމަތް ފައްޓަވައިދެއްވީ އުރީދޫގެ ސީއީއޯ ޚާލިދު އަލް ހަމާދީ އާއި އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ގަސަމެވެ.

Ad
rt

އުރީދޫ އިން ބުނި ގޮތުގައި މި ޚިދުމަތް ތައާރަފު ކުރީ މާލޭގައި ހުންނަ އެފްއެސްއެމް ޕެޓްރޯލް ޝެޑުތަކުން އެމް-ފައިސާ މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޕެޓްރޯލަށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސައިދިނުމުގެ ބޭނުމުގައެވެ. އަދި މިއީ އިތުބާރު ހިފޭ، ފަސޭހަ އަދި ރައްކާތެރި ޕޭމަންޓް ސޮލިއުޝަނެއް ފޯރުކޮށްދިނުމުގެ މަގްސަދުގައި ފެށި ޚިދުމަތެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މި ޚިދުމަތް ދިނުމަށް މާލޭގައި ހުންނަ އެފްއެސްއެމްގެ ޕެޓްރޯލް ޝެޑުތަކުގައި އެމްފައިސާ ކިޔުއާރު ކޯޑު ވަނީ ބަހައްޓާފައެވެ. މި ކޯޑު ސްކޭން ކޮށްގެން ފަސޭހަ ކަމާއެކު ފައިސާ ދެއްކޭނެއެވެ.

އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޚާލިދު އަލް ހަމާދީ ވިދާޅުވީ އުރީދޫއިން މަސައްކަތް ކުރަނީ އެމްފައިސާ މެދުވެރިކޮށް ރައްޔިތުންގެ ދިރިއުޅުމުގެ ކަންކަން ފަސޭހަކަމާއެކު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމަށެވެ. އަދި އެފްއެސްއެމްއާއެކު ވެވުނު ޕާޓްނަރޝިޕަކީ ރައްޔިތުން އިތުރަށް ބާރުވެރިކުރުވައި، ޑިޖިޓަލް ފައިނޭންޝަލް ޚިދުމަތްތައް ރާއްޖޭގައި އިތުރަށް ކުރިއެރުވުމަށް އެޅުނު ވަރަށް ބޮޑު ފިޔަވަޅެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ގަސަމް ވިދާޅުވީ އެ ކުންފުނީގެ ވިސްނުމަކީ ފިއުލް ޝެޑުތަކުން ކަސްޓަމަރުންނަށް އީޖާދީ އަވަސް އަދި ފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށެވެ. އަދި އުރީދޫގެ އެމްފައިސާގެ ހިދުމަތް ތައާރަފްކުރުމުން އެމް ފައިސާގެ ހިދުމަތް ހޯދާ އަދި އެފްއެސްއެމް ފިއުލް ޝެޑްތައް ބޭނުންކުރާ ގިނަ ކަސްޓަމަރުންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އުރީދޫއާ ގުޅިގެން ކުރިއަށް އޮތް ތަނުގައި ގދ.ތިނަދޫ އާއި ފުވައްމުލައް ސިޓީއާއި ސ. ގަމުގައި ބަހައްޓާފައިވާ ފިއުލް ޝެޑްތަކުގައި މި ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް ވެސް ގަސަމް ވިދާޅުވިއެވެ.

އެމް-ފައިސާ ވޮލެޓަށް ފައިސާ ޖަމާކުރުމަށް ބީއެމްއެލް، އެސްބީއައި، އެމްއައިބީ އަދި އެމް-ފައިސާ އެޖެންޓުން މެދުވެރިކޮށް ކޭޝް އިން ކުރެވޭނެއެވެ. ހުރިހާ ނެޓްވޯކެއްގެ ކަސްޓަމަރުންނަށް އުރީދޫ އެޕް މެދުވެރިކޮށް އެމް-ފައިސާއަށް ރަޖިސްޓްރީވެ، ޔޫޓިލިޓީ ބިލް ދެއްކުމާއި، އެޕް އަދި ވައިބާ މެދުވެރިކޮށް ފައިސާ ޓްރާންސްފާ ކުރުން ފަދަ ހުރިހާ ހިދުމަތެއް ލިބިގަތުމުގެ އިތުރުން ޕާޓްނަރު މާޗަންޓުންނަށް ފައިސާ ދައްކާ ހާއްސަ އޮފާތައްވެސް ލިބިގެންދާނެއެވެ.