ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިތުރު ހަތަރު ސުކޫލް އެޅުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނާއެކު އެޗްޑީސީން ސޮއި ކޮށްފިއެވެ.
އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފްއެވެ. އަދި އެޑިއެކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސީނިއާ ޕޮލިސީ ޑިރެކްޓަރު މޫސާ ނައީމެވެ.
ސަރުކާރުގެ ވަށާޖެހޭ ތައުލީމުގެ ހަރުދަނާ ސިޔާސަތުގެ ދަށުން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މުޅިން އާ ހަތަރު ޕަބްލިކް ސްކޫލް ބިނާ ކުރުމަށް ނިންމާފައެވެ. އެގޮތުން، އެޗްޑީސީގެ ޓީމާއެކު ކުރެވުނު މަޝްވަރާތަކާއެކު މި ހަތަރު ސްކޫލް ބިނާ ކުރުމަށް ސަރަހައްދުތައް ކަނޑައެޅިފައިވަނީ ރައްޔިތުން އާބާދުވެ ދިރިއުޅެން ބިނާ ކުރެވޭ އިމާރާތްތަކާއި ގާތުގައި ކަމަށް އެ ކުންފުނިން ބުންޏެވެ.
ދެވަނަ ފިޔަވަހީގެ މެދުތެރެއަށް ވާނެހެން ސްކޫލްތައް ބިނާކުރެވިގެން ދިޔުމުން މުޅި ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ދަރިވަރުންނަށް ފަސޭހަ ކަމާއިއެކު ސްކޫލަށް ދިޔުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް އެޗްޑީސީން ބުންޏެވެ. އަދި އެ ސްކޫލްތަކުގެ ސަބަބުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާއި ދިރިއުޅުމަށް ނިންމާފައިވާ ރައްޔިތުންނާއި އަދި ދިރިއުޅުމަށް އުންމީދު ކުރާ ރައްޔިތުންނަށް އެ ފަރާތްތަކުގެ ދަރިންނަށް ފެންވަރު ރަނގަޅު ތައުލީމެއް ސަރުކާރުގެ ބެލުމުގެ ދަށުން ދެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން ލިބިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ ސުކޫލުތަކުގެ ތެރެއިން ޕްލޮޓް N5-21 ގައި ގާއިމްކުރެވޭ ސުކޫލަކީ 50،098.85 އަކަފޫޓުގެ ޖާގައިގައި ގާއިމްކުރެވޭ ސުކޫލެކެވެ. އަދި ޕްލޮޓް LZ-9 ގައި 50،098.85 އަކަފޫޓާއި ޕްލޮޓް N4-20 ގައި 66،777.84 އަކަފޫޓު އަދި ޕްލޮޓް N5-33 ގައި 70،710.53 އަކަފޫޓުގައި ސުކޫލު ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!