ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިސްކިތް އެޅުމަށް އެޗްޑީސީން ދެ ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މިސްކިތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސަންފްރަންޓާއި ވެލިގާ ހާޑްވެއާ އާއެވެ. މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފްއެވެ. އަދި ސަންފްރަންޓްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރަޝާދު އާދަމެވެ. ވެލިގާ ހާޑްވެއާގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަބޫބަކުރެވެ.
ސަންފްރަންޓުން ހުޅުމާލޭގައި އަލަށް ބިނާ ކުރަން ނިންމާފައިވާ މިސްކިތަކީވެސް ޒަމާނީ އަދި އިސްލާމީ ތަރިކަ ރަމްޒް ކޮށްދޭ ގޮތަށް ފަރުމާއަކަށް ކުރެހިފައިވާ މިސްކިތެކެއް ކަމަށް އެޗްޑީސީން ބުންޏެވެ. 22,935 އަކަފޫޓުގެ ބިމެއްގައި ބިނާކުރާ މި މިސްކިތަކީ އިސްލާމިކް ސެންޓަރެއްގެ ކޮންސެޕްޓަށް މިސްކިތުގެ ބޭރުގައި އީދު ފަދަ މުނާސަބަތުގައި ސަލާން ގަލާން ކުރުން ފަދަ ހަރަކާތްތަކަށް ރައްޔިތުންނަށް ޖާގަ ލިބޭނެ ޒަމާނީ މިސްކިތެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އަލަށް ބިނާ ކުރާ މި މިސްކިތުގައި އަންހެނުންނަށް އެކަހެރިކޮށް ވުޟޫ ކުރެވޭނެ ޖާގައާއި ނަމާދު ކުރެވޭނެ ޖާގަ ވެސް ހުންނާނެއެވެ.
މި މިސްކިތުގައި އިރުގެ ހަކަތަ، ބޭނުންކުރެވޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.
މި މިސްކިތުގެ އެތެރޭގައި އެއްފަހަރާ 2000އަށް ވުރެ ގިނަ މީހުންނަށް ނަމާދު ކުރެވޭނެއެވެ.
ވެލިގާއިން ބިނާ ކުރާ މިސްކިތަކީވެޒަ ޒަމާނީ ރީތި ފަރުމާއަކަށް ބިނާ ކުރާ މިސްކިތެއް ކަމަށް އެޗްޑީސީން ބުންޏެވެ. 15,457 އަކަފޫޓުގެ ބިމެއްގައި ދެ ފަންގިފިލާއަށް ބިނާކުރެވޭ މި މިސްކިތުގައި ވެސް އިރުގެ ހަކަތަ ބޭނުންކުރާނެއެޗެ. އަދި އެކަހެރިކޮށް އަންހެނުންނަށް ނަމާދު ކުރުމުގެ ހުރިހާ އިންތިޒާމެއް މި މިސްކިތުގައިވެސް ހަމަޖެހިފައިވެއެވެ.
މީގެއިރުތުން، މި މިސްކިތުގެ އެތެރޭގައި އާއި ބޭރުގައި އެއްފަހަރާ 2,200 މީހުންނަށް ނަމާދު ކުރެވޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!