ޕޯޗުގަލް އެންމެ ފުރަތަމަ ވޯލްޑަ ކަޕެއްގައި ވާދަކުރީ 1966 ވަނަ އަހަރެވެ. ޕޯޗުގަލްގެ ލެޖެންޑް ޔުސޭބިއޯގެ މޮޅު ކުޅުމާ އެކު، އެ އަހަރުގެ މުބާރާތުގެ ތިން ވަނަ އެ ގައުމުން ހޯދި އެވެ. އެކަމަކު ފަހުގެ ތާރީހެއްގައި ވޯލްޑް ކަޕްގައި އެ ގައުމަށް ލިބުނު އެންމެ ރަނގަޅު ނަތީޖާއަކީ 2006 ގެ މުބާރާތުގެ ސެމީ ފައިނަލްގައި ވާދަކުރުމެވެ. ބްރެޒިލްގައި އެންމެ ފަހުން 2014 ގައި އޮތް ވޯލްޑް ކަޕުން ޕޯޗުގަލް ކެޓީ ގުރޫޕް ސްޓޭޖުންނެވެ. އަދި 2018 ވަނަ އަހަރުގެ މުބާރާތުން ކެޓީ ދެވަނަ ބުރުންނެވެ.

މި އަހަރުގެ ވޯލްޑް ކަޕަށް ކުރިމަތިލާއިރު، ޕޯޗުގަލްގެ ސަޕޯޓަރުން ރަނގަޅު ނަތީޖާއަކަށް އުންމީދުކުރެ އެވެ. އޭގެ އެއް ސަބަބަކީ 2016ގެ ޔޫރޯ ޕޯޗުގަލް އިން ކާމިޔާބުކުރުމެވެ. މިއީ ޕޯޗުގަލްގެ ފުޓްބޯޅައިގެ ތާރީހުގައި މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އެވެ.

Ad
rt

ކޮލިފައިވީ ގޮތް

ޔޫރަޕް ކޮލިފައިން ގުރޫޕު އޭގެ އެއްވަނަ ހޯދާ ސާބިއާ ވޯލްޑް ކަޕުން ޖާގަ ހޯދިއިރު، ދެވަނާގައި ނިންމާލި ޕޯޗުގަލް އަށް ޖެހުނީ ވޯލްޑް ކަޕުން ޖާގައެއް ހޯދުމަށް ޕްލޭއޮފް ކުޅޭށެވެ. ޕޯޗުގަލް މި ފަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވީ ޕްލޭއޮފް ކުޅެގެންނެވެ. ޕްލޭއޮފް ސެމީގައި ޕޯޗުގަލް ބައްދަލުކުރީ ތުރުކީއާއެވެ. މި މެޗު 1-3 އިން ކާމިޔާބު ކޮށް ޕްލޭއޮފް ފައިނަލުން ޕޯޗުގަލް ޖާގަ ހޯދިއެވެ. ޕްލޭއޮފް ފައިނަލުގައި ޕޯޗުގަލް ބައްދަލުކުރީ ނޯތް މެސެޑޯނިއާ އާއެވެ. އެ މެޗު ފަސޭހަކަމާއި އެކު ޕޯޗުގަލް އިން ކާމިޔާބު ކުރީ 0-2 އިންނެވެ.

މުހިންމު ކުޅުންތެރިން

ކްރިސްޓިއާނޯ ރޮނާލްޑޯ

ޕޯޗުގަލްގެ ކެޕްޓަން ރޮނާލްޑޯ އަކީ އެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ އެވެ. ދުނިޔޭގެ މޮޅު ކުޅުންތެރިއާގެ މަގާމު ފަސް ފަހަރު ހޯދާފައިވާ ރޮނާލްޑޯ އަކީ ޕޯޗުގަލްގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ވެސް މެ އެވެ. ގައުމީ ޓީމާ އެކު ކާމިޔާބަކަށް ރޮނާލްޑޯ ކުރި އުންމީދު 2016 ވަނަ އަހަރުގެ ޔޫރޯގެ ޗެމްޕިއަންކަމާ އެކު ހާސިލްވި ނަމަވެސް، ވޯލްޑް ކަޕްގެ ތަށި އުފުލާލަން ވެސް އޭނާ ވަރަށް ބޭނުންވެ އެވެ. ކްލަބު ފުޓްބޯޅައިގައި އަދި އަމިއްލަ ގޮތުން ރޮނާލްޑޯ އަށް މިހާރު ނުލިބޭ ކާމިޔާބެއް ނެތެވެ. އޭނާގެ ކެރިއަރުގައި މިހާރު މަދުވަނީ ހަމައެކަނި ވޯލްޑް ކަޕްގެ ތައްޓާއި މެޑެއްޔެވެ. މިއީ 37 އަހަރުގެ ކުޅުންތެރިޔާއަށް އެ އުންމީދު ފުރިހަމަކުރަން ލިބޭ ފަހު ފުރުސަތަށް ވެސް ވެދާނެ އެވެ. އެހެންކަމުން އޭނާގެ އެންމެ މޮޅު ކުޅުން ފެންނާނެ ކަމަށް ސަޕޯޓަރުން އުންމީދުކުރާނެ އެވެ.

ބަނާޑޯ ސިލްވާ

ޕޯޗުގަލް އަކީ އަބަދުވެސް މޮޅެތި ޕްލޭމޭކަރުން އުފައްދާ ގައުމެކެވެ. މީގެ ކުރިން ޕޯޗުގަލްގެ ޓީމުން ވިދާލި ރުއި ކޮސްޓާ އާއި ޑެކޯ އަކީ ދުނިޔޭގެ ފެންވަރުގެ ޕްލޭމޭކަރުންނެވެ. މިހާރު އެ ކުޅުންތެރިންގެ ފިޔަވަޅު މަތީގައި، ޕޯޗުގަލް ޓީމުގެ ކްރިއޭޓިވް ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަވެފައި ވަނީ މެންޗެސްޓާ ސިޓީގެ ބެނާޑޯ ސިލްވާ އެވެ. މިއީ ސިލްވާ ވޯލްޑް ކަޕްގައި ކުޅޭ ދެވަނަ ފަހަރެވެ. ޔޫރޯ 2016ގައި ޕޯޗުގަލްގެ ޓީމުން އޭނާ އަށް ފުރުސަތު ނުލިބުނީ އަނިޔާގެ ސަބަބުންނެވެ. އެހެންކަމުން މިއީ ބައިނަލްއަގުވާމީ ބޮޑު މުބާރާތެއްގައި ފެންވަރު ދައްކާލަން އޭނާ އަށް ލިބޭ ފުރަތަމަ ފުުރުސަތެވެ.

ކޯޗު

ޕޯޗުގަލް ޓީމުގެ ކޯޗަކީ 2016 ވަނަ އަހަރު އެ ގައުމަށް ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށް ދިން ފެނާންޑޯ ސަންތޯސްއެވެ. ޕޯޗުގަލް އަށް އުފަން އުމުރުން 68 އަހަރުގެ ސަތޯސް ޕޯޗުގަލް ގެ ކޯޗުކަމާއި ހަވާލުވީ 2014 ވަނަ އަހަރުގައެވެ. ސަންތޯސް ޕޯޗުގަލްގެ ޓީމާ ހަވާލުވީ 2014ގެ ވޯލްޑް ކަޕްގައި އެ ޓީމުން ނެރުނު ދަށް ނަތީޖާތަކާ އެކު، އޭރު ކޯޗަކަށް ހުރި ޕައުލޯ ބެންޓޯ މަގާމުން ވަކިކުރުމުންނެވެ. އޭގެ ކުރިން ސަންތޯސް ވަނީ ޕޯޗުގަލް އާއި ގްރީސްގެ ގިނަ ކްލަބުތަކަކަށް ކޯޗުކޮށްދީފަ އެވެ. އޭގެ ތެރޭގައި ޕޯޗުގަލްގެ އެންމެ މަޝްހޫރު ކްލަބުތައް ކަމަށްވާ ބެންފީކާ އާއި ޕޯޓޯ އަދި ސްޕޯޓިން ލިސްބަން ހިމެނެ އެވެ. ގްރީސްގެ ގައުމީ ޓީމަށް ވެސް އޭނާ ކޯޗުކޮށްދިނެވެ. 2016 ވަނަ އަހަރުގެ ޔޫރޯ މުބާރާތް ކާމިޔާބު ކުރުމަކީ ސަންތޯސް އަށް ވެސް އަދި ޕޯޗުގަލް އަށް ވެސް މިހާތަނަށް ފުޓްބޯޅައިގައި ހޯދުނު އެންމެ ބޮޑު ކާމިޔާބީއެވެ.

ގުރޫޕުގައި އޮތް ފުރުސަތު

ގުރޫޕް އެޗްގައި ފޭވަރިޓަކީ ޕޯޗުގަލް އެވެ. މި ގުރޫޕްގައި ދެން އޮތީ ގާނާ އާއި އުރުގުއޭ އަދި ކޮރެއާއެވެ. އެހެންކަމުން ޕޯޗުގަލް އަށް މި ގުރޫޕުން ދެވަނަ ބުރުގެ ފުރުސަތެއް ލިބޭނެ ކަމަށް ތަޖުރިބާކާރުން ގަބޫލްކުރެ އެވެ. އެކަމަކު ގާނާ އާއި އުރުގުއޭ އަކީ ބަލިކުރަން ފަސޭހަ ޓީމުތަކެއް ނޫނެވެ. އެހެންކަމުން ޕޯޗުގަލް އަށް މި ގުރޫޕުން ސަލާމަތްވުމަކީ އުނދަގޫ ކަމަކަށް ވާނެ އެވެ.