ގާނާ އެންމެ ފުރަތަމަ ވޯލްޑަ ކަޕެއްގައި ވާދަކުރީ 2006 ވަނަ އަހަރުއެވެ. އެ އަހަރުގެ މުބާރާތުގެ ދެވަނަ ބުރަށް އެ ޓިމުން ދަތުރުކުރިއެވެ. އޭގެ ފަހުން 2010 ވަނަ އަހަރުގައި ސައުތް އެފްރިކާގައި ބޭއްވި މުބާރާތުގެ ކުއާޓާއަށް ގާނާ ދަތުރު ކުރިއެވެ. ނަމަވެސް އެންމެ ފަހުން 2014 ވަނަ އަހަރުގެ މުބާރާތުން އެތީމު ކެޓީ ގުރޫޕް ސްޓޭޖުންނެވެ. މި ފަހަރުގެ މުބާރާތަކީ ގާނާއިން ވާދަކުރާ ހަތަރުވަނަ ވޯލްޑް ކަޕް މުބާރާތެވެ.
ކޮލިފައިވީ ގޮތް
ގާނާއިން ވޯލްޑް ކަޕުން ޖާގަ ހޯދީ ޕްލޭއޮފް ކުޅެގެންނެވެ. ޕްލޭއޮފްގައި އެޓީމުން ބައްދަލުކުރީ ނައިޖީރިއާއާއެވެ. ދެ ލެގު ކުޅެގެން ވެސް އެއްވަރުވުމުން ނަތީޖާއަށް ބެލީ އަވޭ ގޯލުންނެވެ. ގާނާއަށް ކުރި ލިބުނީ އަވޭ ގޯލުންނެވެ.
ކޯޗު

ގާނާ ޓީމުގެ ކޯޗަކީ ޖަރުމަނަށް އުފަން އޮޓޫ އެޑޫ އެވެ. ގާނާ ޓީމުގެ އެސިސްޓެންޓް ކޯޗުގެ މަގާމު ފުރަމުން އައި އޮޑޫ ގާނާގެ ޓީމާއި ހަވާލުވީ މި އަހަރުގެ މާޗުމަހުގައެވެ. މީގެ ކުރިން ޔޫރަޕްގެ ގިނަ ކުލަބުތަކަކަށް ވެސް ކުޅެފައިވާ އެޑޫ ކޯޗިޖް ކެރިއަރު ފެށީ 2009 ވަނަ އަހަރު ހެންބާގް އެސްވީ ޔޫތް ޓީމުންނެވެ. އޭގެ ފަހުން ޖަރުމަނުގެ ބައެއް ކުލަބުތަކާއި އެކުގައި ވެސް މަސައްކަތް ކޮށްފައިވެއެވެ. މި ފަހަރުގެ ވޯލްޑް ކަޕަކީ އެޑޫގެ ފުރަތަމަ ވޯލްޑް ކަޕް ތަޖުރިބާއެވެ.
މުހިންމު ކުޅުންތެރިން
ޑެނިއެލް އަމާޓީ

ލެސްޓާ ސިޓީއަށް ކުޅެމުން އަންނަ އަމާޓީ އަކީ ގާނާގެ އެންމެ ހުނަރުވެރި މިޑްފީލްޑް ކުޅުންތެރިޔާއެވެ. ލެސްޓާ ސިޓީގައި ވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ އަމާޓީ ގާނާ ޓީމަށް ކުޅެން ފެށީ 2015 ވަނަ އަހަރުގައެވެ. އޭނާ ވަނީ މިހާތަނަށް ގާނާ ޓީމަށް 45 މެޗު ކުޅެދީފައެވެ.
އެންޑްރޫ އަޔޫ

ގަތަރުގެ އަލް ސައްދުއަށް ކުޅެމުން އަންނަ އުމުރުން 32 އަހަރުގެ ވިންގާ އަޔޫ އަކީ މިވަގުތު ގާނާ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާއެވެ. ވެސްޓް ހަމް އާއި ސްވެންސީ އަދި މާސޭ ފަދަ ޔޫރަޕްގެ ނަން މަޝްހޫރު ގިނަ ކުލަބުތަކަށް ކުޅެފައިވާ އަޔޫ ގާނާ ޓީމަށް ކުޅެން ފެށީ 2007 ވަނަ އަހަރުގައެވެ. އޭނާ ވަނީ މިހާތަނަށް ގާނާއަށް ކުޅެދިން 109 މެޗުގައި 23 ގޯލު ޖަހައިދީފައެވެ.
ގުރޫޕުގައި އޮތް ފުރުސަތު
ގުރޫޕް އެޗްގައި ފޭވަރިޓަކީ ޕޯޗުގަލް އެވެ. މި ގުރޫޕްގައި ދެން އޮތީ ގާނާ އާއި އުރުގުއޭ އަދި ކޮރެއާއެވެ. އެހެންކަމުން ގާނާ އަށް މި ގުރޫޕުން ދެވަނަ ބުރުގެ ފުރުސަތެއް ލިބޭނެ ކަމަށް ތަޖުރިބާކާރުން ނުދެކެ އެވެ. ޕޯޗުގަލް އާއި އުރުގުއޭ އަކީ ބަލިކުރަން ފަސޭހަ ޓީމުތަކެއް ނޫނެވެ. އެހެންކަމުން ގާނާ އަށް މި ގުރޫޕުން ސަލާމަތްވުމަކީ އުނދަގޫ ކަމަކަށް ވާނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!