ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގައި ޑޭ ކެއާ ސެންޓަރެއް ހުޅުވައިފިއެވެ.
މިއަދު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި މި ސެންޓަރު ހުޅުއްވައިދެއްވީ އެ ކުންފުނީގެ ޗެއާމަން ބްރިގޭޑިއާ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް މުޙައްމަދު ދީދީއެވެ.
މިއީ އަންހެނުންނަށް ބާރުވެރިކަން ހޯދައިދީ ވަޒީފާ އަދާކުރުމުގެ ފަހި ފުރުސަތު ކަށަވަރުކުރުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުން އިސްނަގައިގެން އޮފީސް މާހައުލުގައި ކުދިން ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތުގެ ތެރެއިން ހުޅުވި ފުރަތަމަ ޑޭ ކެއާ ސެންޓަރެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވީ މުވައްޒަފުންނަށް މަސައްކަތް ކުރާ މާހައުލަކީ ހިތްހަމަ ޖެހިގެން މަސައްކަތް ކުރެވޭނެ މާހައުލަކަށް ހެދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިރުޝާދު ދެއްވާފައިވާ ކަމަށާއި މި ޑޭ ކެއާ ސެންޓަރަކީ އެ އިރުޝާދާ އެއްގޮތަށް ހުޅުވި ތަނެއް ކަމަށެވެ.
މި ސެންޓަރުގެ ސަބަބުން މުވައްޒަފުން އޮފީހުގައި ހޭދަ ކުރާ ވަގުތުތަކުގައި އެ މުވައްޒަފުންގެ ދަރިންނަށް ރައްކާތެރި އަދި ފައިދާ ކުރަނިވި ގޮތެއްގައި އޮފީސް ތެރޭގައި ވަގުތު ހޭދަ ކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޝަރީފު ވިދާޅުވީ މިހާރުވެސް 39 މުވައްޒަފުން ޑޭ ކެއާ ސެންޓަރު ބޭނުން ކުރުމަށް ރަޖިސްޓްރީ ކޮށްފައިވާ ކަމަށާއި ސެންޓަރުގައި ކުޑަކުދިން ބެލުމަށް ހާއްސަ ޓްރެއިނިން ލިބިފައިވާ ޓީޗަރެއް މަސައްކަތް ކުރާނެ ކަމަށެވެ.
ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް ޗައިލްޑް ކެއަރ ސެންޓަރެއް ޤާއިމް ކުރެވުނު ފުރަތަމަ އެސްއޯއީގެ ޝަރަފް ލިބިގަނެ، މިކުންފުނީގެ ޗައިލްޑް ކެއަރ ސެންޓަރ، ކުންފުނީގެ ބޯޑުގެ ޗެއަރމަން ބްރިގޭޑިއަރ ޖެނެރަލް (ރޓ) އިބްރާޙީމް މުޙައްމަދު ދީދީ މިއަދު ވަނީ ހުޅުއްވައިދެއްވާފައި. pic.twitter.com/TIuKRLU3Jg
— STELCO (@STELCOMALDIVES) November 9, 2022
ސްޓެލްކޯގެ ޑޭ ކެއާ ސެންޓަރަކީ ފަސް އަހަރާއި 10 އަހަރާއި ދެމެދުގެ ކުދިންނަށް ހާއްސަ ސެންޓަރެކެވެ. ސެންޓަރު ހުޅުވިފައި ހުންނާނީ ސަރުކާރުގެ ރަސްމީ މަސައްކަތްކުރާ ދުވަސްތަކުގެ ހެނދުނު 8:15 އިން ހަވީރު 4:00އަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!