ޔޮނެކްސް ސަންރައިސް ޕާކިސްތާން އިންޓަނޭޝަނަލް ސީރީސް ބެޑްމިންޓަން މުބާރާތުގައި މިއަދު ކުޅުނު މިކްސް ޑަބަލްސް އިވެންޓުގެ ފައިނަލް މެޗު ކާމިޔާބުކޮށް ރާއްޖޭގެ ފާތިމަތު ނަބާހާ އާއި ޒަޔާން ޒަކީގެ ޕެއާ ރަން މެޑަލް ހާސިލްކޮށްފިއެވެ.
ނަބާހާ އަދި ޒަޔާންގެ ޕެއާ ރަން މެޑަލް ހޯދީ މިއަދު ކުޅުނު ފައިނަލްގައި ނޭޕާލުގެ ދިޕޭޝް އާއި އަމީތާގެ ޕެއާ އާއި ބައްދަލުކޮށް ސީދާ ދެ ސެޓުން މޮޅުވެގެންނެވެ. ފުރަތަމަ ސެޓު ނަބާހާ އަދި ޒަޔާންގެ ޕެއާއިން 16-21 އިން ކާމިޔާބު ކުރިއިރު ދެވަނަ ސެޓު ކާމިޔާބު ކުރީ 19-21 އިން ނެވެ.
މީގެ ކުރިން ބައިނަލްއަގުވާމީ ބެޑްމިންޓަން މުބާރާތަކުން ރާއްޖެ އަށް ރަން މެޑަލް ލިބުނީ މި އަހަރު ޖުލައި މަހު އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން ނެވެ. އެމުބާރާތުން އަންހެން ސިންގަލްސް ބައިން އައިމިނަތު ނަބީހާ ވަނީ ރަން މެޑަލް ހޯދައިފައެވެ. އެއަށްފަހު ބެޑްމިންޓަންގެ ބައިނަލްއަގުވާމީ މުބާރާތަކުން މިއީ އިން ރާއްޖެއަށް ރަން މެޑަލް ލިބުނު ފަހަރެވެ.
މި މުބާރާތުގައި ރާއްޖެއަށް އަދި އިތުރު ރަން މެޑަލެއް ހޯދުމުގެ ފުރުސަތު އެބައޮތެވެ. އެއީ އަންހެން ޑަބަލްސް އިވެންޓުގެ ފައިނަލުގައި ރާއްޖޭގެ ދެބެން ކަމަށްވާ ނަބީހާ އާއި ނަބާހާގެ ޕެއާ އަށެވެ. ދެބެން މިއަދު ނިކުންނާނީ ބުޝްރާ ގައްޔޫމާއި މަހޫރު ޝަހުޒާދުގެ ޕެއާއާ ދެކޮޅަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!