މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އެމްޕީއެލްގެ 240،000ރ. އަށް ޚިޔާނާތްތެރިވި އެތަނުގެ މެނޭޖަރަކު އަށް މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

އެމްޕީއެލްއިން ހިންގި ސަދަން ޓްރާންސްޕޯޓް ލިންކުގެ ފައިނޭޝަލް މެނޭޖަރެއްގެ ގޮތުގައި ހުރެ، 2015 ވަނަ އަހަރު އެތަނުގެ ފައިސާއަށް ޚިޔާނާތްތެރިވިކަން ސާބިތުވީ ސ. ފޭދޫ ބުލްބުލްގެ އަބްދުﷲ ރަޝީދުގެ މައްޗަށެވެ. އެއީ އެތަނަށް ލިބުނު 248،000ރ. އަށް ޚިޔާނާތްވުމުންނެވެ.

Ad
rt

މިދިޔަ ހަފުތާގައި ކޯޓުން ކުރި ހުކުމުގައިވަނީ އޭނާ ދައުވާއަށް އިންކާރު ކުރިޔަސް، ހެކިތަކުން އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ.

އެ ކުށުގެ އަސްލު އަދަބަކީ އެއް އަހަރާއި ހަތް މަހަށް ޖަލަށްލުން ކަމަށް ވިޔަސް، އެ މައްސަލަ އެކި ސަބަބުތަކާ ހެދި ލަސްވެފައިވާތީ ގާޒީ އަލީ ނަދީމް ނިންމެވީ އަދަބުގެ މިންވަރު ނުވަ މަހުގެ ޖަލު ހުކުމަކަށް ކުޑަ ކުރުމަށެވެ. އަދި ބަންދުގައި އޭނާ 30 ދުވަސް ހޭދަކޮށްފައިވާތީ އެ ބައި އުނިކުރުމުން އޭނާ ތަންފީޒު ކުރަން ޖެހެނީ އަށް މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.

އަދަބުގެ ބާވަތް ޖޫރިމަނާއަކަށް ބަދަލުކުރަން ރަޝީދުގެ ފަރާތުން އެދުނަސް، ކޯޓުން ނިންމީ ޖޫރިމަނާއަކަށް ބަދަލު ނުކުރުމަށެވެ.