އަންނަ އަހަރު އެވިޑް ކޮލެޖުން ހިންގުމަށް ހަމަޖައްސާފައިވާ ކޯސްތަކަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

އެކަމަށްޓަކައި އެވިޑް ކޮލެޖްގެ ޑައިމަންޑް ކެމްޕަހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި އެ ކޮލެޖްގެ ޗެއާމަން ޢަބްދުﷲ މުސްތާޤް ރަޝާދާއިއެކު އެކޮލެޖްގެ ސީނިއަރ މެނޭޖްމެންޓްގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

Ad
rt

އަންނަ އަހަރު " ނައިބްރަޝާދު ސްކޮލަޝިޕް " ގެ ގޮތުގައި މާސްޓާސް ލެވެލްގެ 10 ފުރުސަތާއި ބެޗްލާސް ޑިގްރީގެ 10 ފުރުސަތާއި ފައުންޑޭޝަން ލެވެލްގެ 10 ފުރުސަތު އެވިޑުން ވަނީ ހަމަޖައްސައިފައެވެ. އަދި ޖެނުއަރީ އިންޓޭކްގައި އެކިއެކި ދާއިރާތަކުން ތަފާތު ލެވެލްގެ 90 އަށްވުރެ ގިނަ ކޯހުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

އެވިޑް ކޮލެޖްގައި ކޯސްހިންގާ ދާއިރާތަކުގެ ތެރޭގައި ބިޒްނަސް ، އެޗްއާރް، ޓީޗިން، ސްޕެޝަލް އެޑިޔުކޭޝަން ، ޝަރީއާ އެންޑް ލޯ، ކައުންސެލިން، ސައިކޮލޮޖީ ، ޕްރޮޖެކްޓް މެނޭޖްމެންޓް ހިމެނެއެވެ. މި ދާއިރާތަކުގެ ކޯސްތަކުގައި، ސެޓްފިކެޓް ލެވެލުން ފެށިގެން މާސްޓާސް ލެވެލަށް ކިޔެވުމުގެ ފުރުސަތު ލިބޭނެއެވެ.

އެވިޑް ކޮލެޖުން މައުލޫމާތު ދޭގޮތުގައި ޖެނުއަރީ އިންޓޭކްގައިވެސް މުޅިން އާ ކޯސްތަކެއް ފެށުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި އެޑްވާންސް ސެޓްފިކެޓް އިން އިސްލާމިކް ސްޓަޑީޒް އާއި ޑިޕްލޮމާ އިން އޮޑިޓިން އެންޑް ފްރޯޑް އިންވެސްޓިގޭޝަން ކޯސް ހިމެނެއެވެ.

އެވިޑް ކޮލެޖްގައި 2023 ވަނައަހަރު ހިންގުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ޕްރޮގްރާމްތަކުގެ ތެރޭގައި އަޔާޓާ ، ޕީއެމްއައި، ސީޓީއެޗް އަދި ޔޫ ޑަބްލިޔު އެލްގެ ބައެއް ކޯސްތައް ހިމެނެއެވެ. ޔޫ ޑަބްލިޔު އެލް ގެ ޕްރޮގްރާމްތަކުގެ ތެރެއިން މިހާތަނަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެޕްރޫވްކޮށްފައިވާ ކޯސްތަކަކީ މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަންއާއި ބެޗްލާ އޮފް އާޓްސް އިން ބިޒްނަސް އާއި ބެޗްލާ އޮފް އާޓްސް އޮނާސް އިން އެކައުންޓިން އެންޑް ފައިނޭންސްއެވެ.

ޔޫ ޑަބްލިޔު އެލްގެ ކޯސްތަކުގައި ބައިވެރިވުމަށް އަންނަ އަހަރުގެ ކުރީކޮޅުގައި ހުޅުވާލެވޭނެ ކަމަށް އެވިޑުން ބުންޏެވެ.

އެ ކޮލެޖުގެ ޗެއާމަން މުސްތާޤް ވިދާޅުވީ އެވިޑް ކޮލެޖުން އަބަދުވެސް ބަލަނީ ތަފާތު ދާއިރާތަކުން ވީހާވެސް ގިނަ ފަރާތްތައް ތަމްރީންކޮށް ދިވެހިރާއްޖޭގެ އެކިއެކި މުއައްސަސާތަކުގައި މަސައްކަތްކުރާ މީހުންނަކީ ކަމަށް ގާބިލް އަދި ފެންވަރު ރަނގަޅު މުވައްޒަފުން ކަމުގައި ވުމަށް މުއައްސަސާތަކަށް އެހީތެރިވެ ދިނުމަށް ކަމަށެވެ. އެހެންކަމުން މިފަހަރު އަލަށް ފަށާ ހުރިހާ ޕްރޮގްރާމްތަކަކީވެސް އެގޮތަށް ބަލައިގެން ފަރުމާކުރެވިފައިވާ ޕްރޮގްރާމްތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މުވައްޒަފުންނަށް މަތީތައުލީމު ފޯރުކޮށްދިނުމަށާއި ފެންވަރުމަތިކޮށް އިތުރަށް ތަމްރީންކުރުމަށްޓަކައި ބޭނުންވާނަމަ ރާއްޖޭގެ އެކިއެކި މުއައްސަސާތަކުން އެވިޑް ކޮލެޖާއި ގުޅުއްވުމަށް މުޝްތާޤް ދައުވަތު ދެއްވިއެވެ.

އެވިޑް ކޮލެޖްގެ ޖެނުއަރީ އިންޓޭކާ ގުޅޭގޮތުން މަޢުލޫމާތު ހޯއްދުމަށް 3006768 ނުވަތަ 7803228 ގުޅައިގެން ލިބޭނެއެވެ. އަދި ކޯސްތަކުގައި ބައިވެރިވުމަށް 20 ޖެނުއަރީ 2023 ގެ ކުރިން އެވިޑް ކޮލެޖްގެ ވެބްސައިޓު މެދުވެރިކޮށް އޮންލައިންކޮށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ.

އެވިޑް ކޮލެޖަކީ ދިވެހިރާއްޖޭގައި ހިންގާ އަމިއްލަ އެންމެ ބޮޑު އެއްކޮލެޖެވެ. މިހާރުވެސް އެވިޑް ކޮލެޖްގައި ދެހާހަށްވުރެ ގިނަ ދަރިވަރުން އެކިއެކި ކޯސްތަކުގައި މަތީ ތަޢުލީމު ހާޞިލްކުރަމުންގެންދެއެވެ.