މިއަހަރުގެ ނަސްރުގެ ދުވަހު ގިނަބައެއްގެ ލޮލުގައި އަޅައިގަތީ މަކުނުދޫ ސްކޫލު ދަރިވަރުން "ނަސްރުގެ ދުވަހާއި ގުޅޭ ފޮޓޯ ހުށައެޅުމުގެ މުބާރާތް 2022" އަށް ހުށައެޅި ފޮޓޯ ސްޓޯރީ ތަކަށެވެ.
އެ ސްކޫލުގެ ފޭސްބުކް ޕޭޖުގައި މި ފޮޓޯތައް އާންމުކުރަން ފެށުމާއި އެކު މުޅި މީސްމީޑިއާ ފަތަހަކުރީ މިފޮޓޯ ތަކުންނެވެ. ތުއްތު ކުދިންނާއި އެކި އުމުރު ފުރާގެ ކުދިންގެ ހުނަރުވެރިކަމަށް އެތައް ބައެއްގެ ތަޢުރީފު ލިބެމުންދިޔަ އެވެ.
މި ފޮޓޯތަކަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާއިރު، ރަށެއްގެ އަމާން ދިރިއުޅުމާއި ނޮވެމްބަރ 3، 1988 ފަދަ ނުރައްކާތެރި ދުވަހެއްގައި ރަށެއްގެ ރައްޔިތުން އުޅޭނެ ގޮތް ވަނީ ދައްކުވައިދީފަ އެވެ. އަދި ގައުމު ދިފާއު ކުރުމުގައި ސިފައިން ހަރަކާތްތެރިވާ މަންޒަރު ވެސް ވަނީ ދައްކައިދީފަ އެވެ.
މީގެ އިތުރުން ނަސްރުގެ ދުވަސް އެފަރާތަކަށް ނިސްބަތްވާ ޝަހީދު ހުސައިން އާދަމް، ގައުމަށްޓަކައި އަދި ދީނަށްޓަކައި ވި ގުރުބާނީ އާއި ޝަހީދުވެގެން ވެއްޓިފައި އޮތް މަންޒަރު ވެސް ވަރަށް ފުރިހަމައަށް އެކި ކުދިންގެ ފޮޓޯތަކުން ދައްކައިދީފައި ވެއެވެ. އަދި އަވަށްޓެރި އިންޑިއާ ސިފައިންގެ އެހީތެރިކަން ރާއްޖެއަށް ދިން ގޮތް ވެސް އަސަރުން ފުރިގެންވާ ގޮތަށް ވަނީ ހުށަހަޅައިދީފަ އެވެ.
މި ހަރަކާތާއި ގުޅިގެން މަކުނުދޫ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ލުތުފީ "ތިލަދުން" އަށް ވިދާޅުވީ މިއީ އެ ސްކޫލުގައި 2021 ވަނަ އަހަރު އުފެއްދި މީޑިއާ ކްލަބުން އިސްނަގައިގެން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ. މި ހަރަކާތުގައި ނަސްރުގެ ދުވަހާއި ގުޅޭ ކުރެހުމާއި ފޮޓޯ ހުށަހެޅޭނެ ކަމަށެވެ.
އެގޮތުން އަމިއްލައަށް ނުވަތަ ގްރޫޕް ފޮޓޯ ވެސް ހުށަހެޅޭނެ ކަމަށާއި ބޭނުމަކީ ކުދިންގެ މެދުގައި ދުވަހުގެ ޝައިގުވެރިކަން އުފެއްދުން ކަމަށެވެ.
"އަޅުގަނޑުމެން މިގެންދަނީ ކުރެހުމާއި ފޮޓޯ ނެގުމުގެ މުބާރާތެއް. ކޮންމެ ކުއްޖަކު ވަކިން ވެސް އަދި ގްރޫޕު ހަދައިގެން ވެސް ދުވަހާ ގުޅޭ ފޮޓޯ ފޮނުވިދާނެ. މިކަމަށް އިނާމާއި ސެޓްފިކެޓް ދިނުމަށް ވެސް ވަނީ ހަމަޖެހިފަ"
ހީކުރިވަރަށްވުރެއް ބޮޑު ތަރުހީބެއް ލިބިފައިވާކަން ފާހަގަ ކުރަމުން ލުތުފީ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ފޮނުވާފައި ހުރި ފޮޓޯ އާއި ކުރެހުންތައް ޖަޖު ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.
މަކުނުދޫ އަކީ އެކިދުވަސްތައް ފާހަގަކުރުމަށް ފޮޓޯ ސްޓޯރީ ހަދައި، އާންމުންގެ ސަމާލުކަން ހޯދާފައިވާ ރަށެކެވެ. އެގޮތުން "މަކުނުދޫ އީދު ބޮނޑި" ހަދާގޮތް ފަދަ ޝައުގުން ފުރިގެންވާ ފޮޓޯ ސްޓޯރީތައް މީގެ ކުރިންވެސް ވަނީ ދައްކާލާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!