މިދިޔަ އަހަރު ލޯބީގެ މައްސަލައެއްގައި މަރާލި މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި، މޭރީގެ މެޑިކަލް ޗާޓު ނެތް ކަމަށް ދައުލަތުން ބުނާ ބުނުން އެ މައްސަލާގައި ދައުވާލިބޭ ހަލީމަތު ލަމްހާ ދޮގުކޮށްފި އެވެ.

ލަމްހާ އާއި މޭރީގެ ފިރިމީހާ މާވިންގެ މައްޗަށް ދައުވާކުރަނީ އެ ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅެމުން އެ ދެ މީހުން ބައިވެރިވެގެން މޭރީ މަރާލި ކަމަށް ބުނެ އެވެ. އެ މައްސަލާގައި ކޯޓުން އޮތީ މޭރީއަށް ފަރުވާ ދިން މެޑިކަލް ޗާޓުތައް ފޮނުވަން ދައުލަތުގެ މައްޗަށް އަމުރެއް ނެރެފަ އެވެ.

Ad
rt

ދައުލަތުން ކްރިމިނަލް ކޯޓުގައި މިއަދު ބުނިގޮތުގައި މަރުވެގެން ހޮސްޕިޓަލަށް ގެންނަ މީހުންގެ މެޑިކަލް ޗާޓެއް ނަހަދާނެ ކަމަށް އައިޖީއެމްއެޗުން ބުނެފައިވާ ކަމަށެވެ. އަދި އެކަން އިތުރަށް ބަލަމުންދާ ކަމަށް ދައުލަތުން ބުންޏެވެ.

އައިޖީއެމްއެޗްގައި އޭރު މަސައްކަތްކުރި ނަރުހެއް ކަމަށްވާ ލަމްހާ އެކަން ދޮގުކުރި އެވެ. އޭނާ ބުނީ އެ ހުރިހާ ލިޔުންތަކެއް ހުންނާނެ ކަމަށާއި އަދި ދައުލަތުން ހަދަނީ "ކަނޑައެޅިގެން ބޮޑު ދޮގެއް" ކަމަށް އޭނާ ބުންޏެވެ.

މާވިން ވެސް ބުނީ އެގޮތަށެވެ.

ގާޒީ ހުސައިން ފާއިޒް ރަޝާދު ވެސް އެންގެވީ އެކަންކަން ދައުލަތުން ޒިންމާދާރުކަމާ އެކު ބަލަންޖެހޭނެ ކަމަށެވެ.

އެ މައްސަލާގައި މިއަދު ހަތަރު މީހެއްގެ ހެކިބަސް ކޯޓުން ނެގި އެވެ. އެއީ މޭރީ އާއި މާވިން އުޅުނު ގޭގެ އެހެން ފްލޯތަކުގައި އުޅުނު މީހުންނެވެ. އެ މީހުންގެ ހެކިބަސް ނެގީ އެ ހާދިސާ ހިނގި ދުވަހު އެގޭ ސިޑިން މަތިން މީހަކު ނުފެންނަ ކަން ސާބިތު ކުރުމަށެވެ