މިއަހަރުގެ ތިންވަނަ ކުއާޓާގައި އެސްޓީއޯއަށް 168 މިލިއަން ރުފިޔާގެ ސާފު ފައިދާ ލިބިއްޖެއެވެ.
އެ ކުންފުނިން އާއްމު ކުރި ކުއާޓާލީ ރިޕޯޓުން ދައްކާ ގޮތުގައި ޓެކްސްއަށް ކެނޑުމުގެ ކުރިން މިކުއާޓާގެ ސާފު ފައިދާއަކީ 205 މިލިއަން ރުފިޔާއެވެ. އަދި ދެވަނަ ކުއާޓާގައި ޓެކްސްއަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 155 މިލިއަން ރުފިޔާ ލިބުނު އިރު، ތިންވަނަ ކުއާޓާގައި ސާފު ފައިދާ ވަނީ 8 އިންސައްތައިގެ ކުރިއެރުމެއް ލިބިފައެވެ.
ދުނިޔޭގެ ތެލުގެ ބާޒާރުގައި އަގު މަތިވުމާއިއެކު ފައިނޭންސް ކުރުމުގެ ހަރަދު އިތުރުވެފައި ވީ ނަމަވެސް ކުންފުނީގެ ޖުމްލަ ފައިދާ އިތުރުވުމާއި ހިިންގުމުގެ ހަރަދު ނިސްބަތުން ކުޑަކުރެވުމާއި އެކު ސާފު ފައިދާ ވަނީ އިތުރުވެފައެވެ.
އެސްޓީއޯއަށް ތިންވަނަ ކުއާޓަރުގެ ޖުމްލަ އާމްދަނީގެ ގޮތުގައި ވަނީ 4.6 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
ކުންފުންޏަށް ދެވަނަ ކުއާޓަރގައި ޖުމްލަ ފައިދާގެ ގޮތުގައި 458 މިލިއަން ރުފިޔާ ލިބުނުއިރު ތިންވަނަ ކުއާޓަރގައި ޖުމްލަ ފައިދާގެ ގަޮތުގައި ވަނީ 515 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ އޭގެ ކުރީ ކުއާޓަރއާއި އަޅާބަލާއިރު 13 އިންސައްތައިގެ ކުރިއެރުމެކެވެ.
މީގެ މައިގަނޑު ސަބަބަކީ އެސްޓީއޯއިން ކުރަމުން ގެންދާ ހުރިހާ ވިޔަފާރީތައް ރަނގަޅު ކުރެވި މުދާ ގަތުމަށް ކުރާ ހަރަދު ކުޑަކުރެވިފައިވުން ކަމަށް އެސްޓީއޯއިން ބުންޏެވެ.
މިއަހަރުގެ ތިންވަނަ ކުއާޓަރުގެ ހިންގުމުގެ ފައިދާގެ ގޮތުގައި ވަނީ 255 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ، އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު 18 އިންސައްތައިގެ ކުރިއެރުމެކެވެ. ދެވަނަ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި ލިބުނީ 217 މިލިއަން ރުފިޔާއެވެ.
ހިންގުމުގެ ފައިދާ ބޮޑުވީ ކުންފުނީގެ ޖުމްލަ ފައިދާ އިތުރުވުމާއެކު ހިންގުމުގެ ހަރަދު ނިސްބަތުން ކުޑަކުރެވިފައިވުން ކަމަށް އެސްޓީއޯއިން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!