ހދ. ނޭކުރެންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއު ބަޔަކާ ހަވާލުކޮށްފި އެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކުރައްވާފައިވަނީ މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ އެވެ.
އެ ކުންފުންޏާ މި މަސައްކަތް ހަވާލުކުރައްވާފައިވަނީ 47،621,920.40 ރުފިޔާ އަށް 365 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.
މި މަޝްރޫޢުގެ ދަށުން ބަނދަރު ފުންކުރުން 22,323 ކިއުބިކް މީޓަރ (މެދު ދިޔައިން ފެށިގެން 3.5 މީޓަރ ހަމަވާ ވަރަށް) އަދި 290 މީޓަރ ބްރޭކްވޯޓަރ ޖެހުމާއި 76 މީޓަރ ޗެނަލް ބްރޭކްވޯޓަރ ޖެހުން ހިމެނެ އެވެ. އަދި 166 މީޓަރ ރިވެޓްމެންޓް ޖެހުމާއި 212 މީޓަރ ސްކޯރިންގ އެޕްރޮން ޖެހުން ވެސް ވަނީ ހިމަނާފަ އެވެ.
މީގެ އިތުރުން 212 މީޓަރ އެއްގަމު ތޮށި ޖެހުމާއި 19 މަގު ބައްތި ހަރުކުރުމާއި އެކްސެސް ޕްލެޓްފޯމް އެޅުން ވެސް މި މަޝްރޫއުގައި ވަނީ ހިމަނާފަ އެވެ. އަދި 1959 އަކަ މީޓަރު ޕޭވްމަންޓް ހެދުން ވެސް ހިމެނެ އެވެ.
މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤު އެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ޗީފް އޮޕަރޭޓިންގ އޮފިސަރ ޝާހިދު ހުސެއިން މޫސާ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!