މިފްކޯގެ 29 ވަނަ އަހަރީ ދުވަހާ ގުޅިގެން ހުޅުމާލޭގައި ހުންނަ ފިޔަވައްޗަށް ގިނަ އަދަދެއްގެ ފޮތާއި ކިޔެވުމަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފިއެވެ.

މިފްކޯގެ ފަރާތުން މިތަކެތި ހަދިޔާ ކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެގޮތުން ތަކެތި ހަދިޔާ ކުރުމަށް އެ ކުންފުނީގެ އިސްވެރިންނާއި މުވައްޒަފުން ވަނީ ފިޔަވައްޗަށް ޒިޔާރަތް ކޮށްފައެވެ.

Ad
rt

މިފްކޯއިން ވަނީ ފިޔަވަތިން އިންތިޒާމުކުރި ކުޑަކުދިންގެ ކުޅިވަރު ދުވަހުގައި ބައިވެރިވެފައެވެ. މި ހަރަކާތުގައި އެމަރުކަޒުގައި ދިރިއުޅޭ އެކި އުމުރުފުރާގެ ކުދިން ބައިވެރިވާގޮތަށް އެކި ކުޅިވަރު ހަރަކާތްތައް ކުރިއަށްގެންގޮސްފައިވެއެވެ.

އެގޮތުން، ދުވުމުގެ ރޭހާއި، ސްޕޮންޖު ޕާސްކުރުންފަދަ މަޖާ ކުޅިވަރުތައް ކުރިއަށްގެންގޮސްފައިވެއެވެ. އަދި ފިޔަވަތީގެ މުވައްޒަފުންނާއި މިފްކޯގެ މުވައްޒަފުން ބައިވެރިވާގޮތަށް ތްރީ-ލެގްޑް ރޭހެއްވެސް ވަނީ ބާއްވާފައެވެ.

މި ޒިޔާރަތުގައި ފިޔަވައްޗާއި ގުޅިގެން ކުރިއަށް އޮތް ތަނުގައި ވެވެން އޮތް އެހީއާއި އެއްބާރުލުމާ ބެހޭގޮތުން މިފްކޯއިން ވަނީ މަޝްވަރާކޮށްފައެވެ.

މިފްކޯއިން ވަނީ އެކުންފުނީގެ އަހަރީ ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަކުރަން ނިންމާފައެވެ.