2022 ވޯލްޑް ކަޕްގައި ގްރޫޕް ޑީ ގައި ހިމެނޭ، މިފަހަރުގެ ވޯލްޑް ކަޕަކީ އޮސްޓްރޭލިއާ ވާދަކުރާ ހަވަނަ ވޯލްޑް ކަޕެވެ. މީގެ ކުރިން އޮސްޓްރޭލިއާ ވަނީ ފަސް ފަހަރު ވޯލްޑް ކަޕުގައި ވާދަކޮށްފައެވެ. އެޓީމުން އެންމެ ފުރަތަމަ ވޯލްޑް ކަޕެއްގައި ވާދަކުރީ 1974 ވަނަ އަހަރު ޖަރުމަނުގައި ކުޅެވުނު ވޯލްޑް ކަޕުގައެވެ.
އެ މުބާރާތުގެ ގުރޫޕް ސްޓޭޖުން އޮސްޓްރޭލިއާ ކެޓިއެވެ. އޭގެ ފަހުން 2006، 2010، 2014 އަދި 2018 ވަނަ އހަރުގެ ވޯލްޑް ކަޕުގައި ވާދަކުރިއެވެ. ނަމަވެސް 2006 ވަނަ މުބާރާތް ފިޔަވައި އެއްވެސް މުބާރާތަކުން ގުރޫޕް ސްޓޭޖު ފަހަނައަޅައި ދެވިފައެއް ނުވެއެވެ. 2006 ވަނަ އަހަރުގެ މުބާރާތުގައި އެޓީމަށް ދެވުނީ ދެވަނަ ބުރާއި ހަމައަށެވެ. ދެވެނަ ބުރުން އޮސްޓްރޭލިއާ ވަނީ ކަޓާފައެވެ.
ކޮލިފައިވީ ގޮތް
އޮސްޓްރޭލިއާ މިފަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވީ އިންޓަކޮންޓިނެންޓަލް ޕްލޭއޮފް ކާމިޔާބު ކޮށްގެންނެވެ. ޕްލޭއޮފްގައި އޮސްޓްރޭލިއާ މޮޅުވީ ޕެރޫއާއި ވާދަކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، އެއްވަރުވެފައި އޮތުމުން ޕެނަލްޓީގައި ޕެރޫގެ މައްޗަށް 4-5 އިން ކުރި ހޯދައިގެންނެވެ.
މުހިންމު ކުޅުންތެރިން
އަޖްދީން ހުރުސްޓިކް

އިޓަލީގެ ހެލަސް ވެރޯނާއަށް ކުލެމުން އަންނަ އުމުރުން 26 އަހަރުގެ އަޖްދީން ހުރުސްޓިކް އަކީ އޮސްޓްރޭލިއާ ޓީމުގައި މިވަގުތު ހުރި އެންމެ އިތުބާރު އެޓޭކިން މިޑްފީލްޑަރެވެ. ޖަރުމަނުގެ އައިންޓްރަކްޓް ފްރެންކްފަރޓް ގައި ދެ ސީޒަނެއް ހޭދަކުރުމަށް ފަހު އިޓަލީގެ ވެރޯނާއަށް ހުރުސްޓިކް ބަދަލުވީ މި އަހަރުގެ ފުޓްބޯޅަ ސީޒަނަށެވެ. މީގެ ކުރިން ނެދަލެންޑްސްގެ ކުލަބުތަކަށް ވެސް ކުޅެފައިވާ ހުރުސްޓިކް އޮސްޓްރޭލިއާ ސީނިއަރ ޓީމަށް ކުޅެން ފެށީ 2017 ވަނަ އަހަރުގައެވެ. އޭނާ ވަނީ މިހާތަނަށް އޮސްޓްރޭލިއާ ޓީމަށް ކުޅެދިން 19 މެޗުގައި ތިން ގޯލުޖަހައިދީފައެވެ.
މެތިއު ރަޔާން

އޮސްޓްރޭލިއާގެ ކެޕްޓަން އަދި ގޯލްކީޕަރު މެތިއު ރަޔާން އަކީ އޮސްޓްރޭލިއާ ޓީމުގެ އެންމެ ތަޖުރިބާކާރު ގޯލްކީޕަރެވެ. ރަޔާން ވަނީ ޔޫރަޕްގެ މަޝްހޫރު ގިނަ ކުލަބުތަކަކަށް ވެސް ކުޅެފައެވެ. އޭނާ ކުޅުނު ކުލަބުތަކުގެ ތެރޭގައި ސްޕެއިންގެ ވެލެންސިއާ، ރެއާލް ސޮސިއެދާދް، އިނގިރޭސި ޕްރިމިއާ ލީގުގެ ބްރައިޓަން، އާސެނަލް، ބެލްޖިއަމްގެ ކުލަބް ބްރޫޖް ހިމެނެއެވެ. ރަޔާން މިހާރު ކުޅެމުން އަންނަނީ ޑެންމާކްގެ ކޯޕަންހޭގަން އެފްސީއެވެ.
2015 ވަނަ އަހަރު އޭސިއާގެ އެންމޮޅު ގޯލް ކީޕަރުގެ މަޤާމުވެސް ހޯދި ރަޔާން އޮސްޓްރޭލިއާގެ ގައުމީޓީމަށް ކުޅެން ފެެށީ 2012 ވަނަ އަހަރުގައެވެ. މިހާތަނަށް އޮސްޓްރޭލިއާގެ ގައުމީޓީމާއި އެކު 94 މެޗު އޭނާ ވަނީ ކުޅެފައެވެ.
ކޯޗު

އޮސްޓްރޭލިއާގެ ކޯޗު ގްރަހަމް ޖޭމްސް އާނޯލްޑް އަކީ އޮސްޓްރޭލިއާގައި މަޝްޙޫރު ތަޖުރިބާކާރު ކޯޗެކެވެ. އުމުރުން 59 އަހަރުގެ ގްރަހަމް އާނޯލްޑް ކޯޗިންގެ ދާއިރާ އަށް ވަނީ 1989 ވަނަ އަހަރެވެ. އޭނާ ވަނީ މީގެ ކުރިން އޮސްޓްރޭލިއާގެ ގިނަ ކުލަބުތަކަކަށް ކޯޗުކަން ކޮށްދީފައެވެ. އަދި މީގެ އިތުރުން އޭނާ ވަނީ އޮސްޓްރޭލިއާގެ 23 އަހަރުން ދަށުގެ ޓީމަށް ވެސް ކޯޗުކަން ކޮށްދީފައެވެ. މިފަހަރުގެ ވޯލްޑް ކަޕަކީ ގްރަހަމް އާނޯލްޑްގެ އިރުޝާދުގެ ދަށުން އޮސްޓްރޭލިއާ ކުޅޭ ފުރަތަމަ ބައިނަލްއަޤުވާމީ ބޮޑު މުބާރާތެވެ. ގްރަހަމް އާނޯލްޑް އޮސްޓްރޭލިއާގެ ކޯޗުކަމާ ހަވާލުވީ ޖުލައި 2018 ގަ އެވެ.
ގްރަހަމް އާނޯލްޑްގެ ކޯޗުކަމުގެ ދަށުން އޮސްޓްރޭލިއާ މިހާތަނަށް 33 މެޗު ކުޅެފައިވާއިރު، ބަލިވެފައިވަނީ އެންމެ ހަ މެޗުންނެވެ. އެއްވަރުވެފައިވަނީ ހަތަރު މެޗުންނެވެ.
ގުރޫޕުގައި އޮތް ފުރުސަތު
މި އަހަރުގެ ވޯލްޑް ކަޕުގައި އޮސްޓްރޭލިއާ ހިމެނެނީ ގުރޫޕް ޑީގައެވެ. މި ގުރޫޕުގައި ދެން ހިމެނެނީ ޑެންމާކް ، ފްރާންސް އަދި ޓިއުނީސިއާއެވެ. ފްރާންސް އަކީ މި ގުރޫޕް ފޭވަރިޓައް ވެފައިވާއިރު، ޑެންމާކަކީ ވެސް މި ގުރޫޕުގައި ވަރުގަދަ ބާރެކެވެ. އެހެން ކަމުން އޮސްޓްރޭލިއާއަށް މިއީ ވަރަށް އުނދަގޫ ގުރޫޕަކަށް ވާނެއެވެ. ދެވަނަ ބުރަށް ދިއުމަށް އޮސްޓްރޭލިއާއަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!