އަފްގާނިސްތާނުގައި ވެރިކަން ކުރާ ތޯލިބާނުންނާއި އިސްރާއީލާއި ދެމެދު ސިޔާސީ ގުޅުން ގާއިމް ކުރުމަށް މަޑުމަޑުން މަސައްކަތް ފަށާފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އަފްގާންގެ ކުރީ ސަރުކާރުގެ އިސް އޮފިޝަލެއް އަދި މިހާރު ތޯލިބާނުންނާއި އެކު ސަރުކާރުގައި މަސައްކަތް އޮފިޝަލަކުން އައި24ނިއުސްއަށް ދީފައިވާ އިންޓަވިއުއެއްގައި ބުނީ އިސްރާއީލާއި ގުޅުން ބަދަހި ކުރުމަށް ބާރު އަޅަމުން ދަނީ ތޯލިބާނުންގެ ތެރެއިން ފެކްޝަނަކުން ކަމަށެވެ.

Ad
rt

އެ ފެކްޝަންގައި އެންމެ މަތީ ފަންތީގެ ތޯލިބާނުންގެ ވެރިންގެ އިތުރުން ޕޮލިސީ ލެވަލްގެ މީހުންނާއި ތަފާތު ދާއިރާތަކުން ލަފާދޭ 200 އެއްހާ މީހުން ތިބޭކަމަށް ބުނެ އެވެ.

މައުލޫމާތުދިން މީހާ ބުނީ އެ ފެކްޝަންގެ ހުށަހެޅުމާއި މެދު ތޯލިބާން ސަރުކާރުން ގޮތެއް ނުނިންމާ ކަމަށެވެ. އެކަމަކު މި ހިޔާލު ސަރުކާރުން ބަލައިގަނެ ކުރިޔަށްދާނެ ކަމަށް ވަރަށް ބެލެވޭ ކަމަށެވެ.

ތޯލިބާނުން އިސްރާއީލާއި ގުޅުން ބަދަހި ކުރުމަށް ބޭނުންވާ މައިގަނޑު ބޭނުމަކީ ދުނިޔޭގެ ބާރުގަދަ ގައުމަކާއި ގާތް ގުޅުމެއް ބޭއްވުމެވެ. ހުޅަނގުގެ ގައުމުތަކާއި އަރަބި ދުނިޔެ އަދި އެމެރިކާއިން ތޯލިބާނުން ބަލައި ނުގަތް ނަމަވެސް އިސްރާއީލަކީ އެ ގައުމުތަކުގެ ބާރާއި އަމިއްލަ ބާރާއި އެކު ނުފޫޒުގަދަ ބާރަކަށް ވެފައިވާ ކަމަށް ތޯލިބާނުން ބުނެ އެވެ.

ތޯލިބާނުން ވަނީ މިދިޔަ އަހަރުތަކުގައި އިސްރާއީލާއި ގުޅުން ބަދަހި ކުރުމަށް "އަބްރަހަމް ކޯޑުގައި" ސޮއި ކުރި ގައުމުތައް ފާހަގަކޮށްފައި އެވެ. އޭގެ ތެރޭގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)، މޮރޮކޯ، ބަހްރެއިން އަދި ސޫދާން ފަދަ ގައުމުތައް ހިމެނޭ ކަމަށް ބުނެފައިވެ އެވެ.

ތޯލިބާން ސަރުކާރުގައި މަސައްކަތް ކުރާ އެމީހާ ބުނީ އެ ގައުމުތަކުންވެސް އިސްރާއީލާއި ގުޅުން ބަދަހި ކުރަނީ ގައުމުގެ އަމިއްލަ މަސްލަހަތުގައި ކަމަށެވެ. ހަމަ އެގޮތަށް އަފްގާނިސްތާނުގެ ވެސް އަމިއްލަ މަސްލަހަތެއް އެބައޮތް ކަމަށް ބުންޏެވެ.

މި މައްސަލަ އާއި ގުޅޭގޮތުން އިސްރާއީލް ފޮރިން މިނިސްޓްރީން އަދި އެއްޗެއް ނުބުނެ އެވެ.

މީގެ މަހެއްހާ ދުވަސް ކުރިން އިސްރާއީލާއި ގުޅުން ބަދަހި ކުރަން ވިސްނަންތޯ އަލްޖަޒީރާއިން ވަނީ ތޯލިބާން ސަރުކާރާއި ސުވާލުކޮށްފައި އެވެ. އެ ސުވާލުގެ ޖަވާބުގައި ތޯލިބާން ސަރުކާރުގެ ޕޮލިޓިކަލް އޮފީހުގެ ތަރުޖަމާނު ޑރ. މުހައްމަދު ނައީމް ވަނީ އޭގެ މައްސަލައެއް އޮތްތޯ އެ ނޫސްވެރިއާ އާއި ސުވާލު ކުރައްވާފައި އެވެ. އަދި ވިދާޅުވީ ދެން ގުޅާފަހަރަކުން އެ ނޫސްވެރިން އަހާނީ މާސް އާއި ތޯލިބާނުން ގުޅުން ބަދަހިކުރަން ވިސްނަންތޯ ކަމަށެވެ.

މީގެ އެއް އަހަރު ކުރިން ތޯލިބާނުންގެ ރަސްމީ ތަރުޖަމާނު ޒަބީހުﷲ މުޖާހިދު ވަނީ އެމެރިކާ އާއި ދުނިޔޭގެ އެހެން ގައުމުތަކާއި އެކު ގުޅުން ބަދަހި ކުރަން ބޭނުންވި ނަމަވެސް އިސްރާއީލާއި ގުޅުން ބަދަހި ކުރަން ނުވިސްނާ ކަމަށް ވިދާޅުވެފައި އެވެ. އެކަމަކު މިހާރު ވިދާޅުވަމުން ގެންދަވަނީ މިދިޔަ 50 އަހަރު އަރަބިންނާއި އީރާނުން އަފްގާން ރައްޔިތުންނަށް ވިސްނައިދީފައިިވަނީ އިސްރާއީލަކީ އެންމެ ބޮޑު ދުޝްމަނުގެ ގޮތުގައި ކަމަށެވެ.

ތޯލިބާނުންގެ ހިޔާލު ބަދަލުވެ އިސްރާއީލާއި ގުޅުން ބަދަހި ކުރުމަށް ވިސްނުން ގެންގުޅޭއިރު މަޝްވަރާތައް ފެށި އޭގެ ނަތީޖާއަކާއި ހަމައަށް ދިއުމަށް 10 ވަރަކަށް އަހަރު ނަގާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

1996 ވަނަ އަހަރު ތޯލިބާނުން ކާބުލް ފުރަތަމަ ފަހަރަށް ހިފުމަށް ފަހު، ތާލިބާނުން އިސްވެ އޮވެ "އިސްލާމިކް އެމިރޭޓް އޮފް އަފްޣާނިސްތާން" ނުން އެގައުމުގައި ވެރިކަން ކުރީ "ލިމިޓެޑް ރިކޮގްނިޒްޑް ސަރުކާރެއްގެ" ގޮތުގަ އެވެ. ތާލިބާނުން އެމީހުންގެ ވެރިކަން އަލުން ޤާއިމުކުރީ 15 އޮގަސްޓް 2021 ގައި ކާބުލް ދެވަނަ ފަހަރަށް ހިފުމަށްފަހު، އެމީހުންގެ ސަރުކާރު އެއްވެސް ޤައުމަކުން ރަސްމީކޮށް ބަލައިފައެއް ނުވެއެވެ.