ކޮންމެ ބަދިގެއެއްގެވެސް ކޮންމެހެންވެސް އޮތުން ލާޒިމް އެއްޗެއްގެ ގޮތުގައި ވެގެންމިދަނީ ސިންކް މަތީގައި ބާއްވާލާފައި އޮންނަ ސޮޕޮންޖްގަނޑެވެ. އެހެނަސް މި ސްޕޮންޖްކޮޅު އެންމެ ފަހުން ބަދަލުކޮށްލެވުނީ ކިހާދުވަހު ބޭނުންކޮށްފައިބާއެވެ؟ 01 ހަފްތާބާއެވެ؟ ނުވަތަ 02 ހަފްތާބާއެވެ؟ ނުވަތަ މަސްދުވަސް ވެދާނެބާއެވެ؟

އާދެ، މި ސްޕޮންޖްގަނޑު ތުނިވެ ބާވެ ވަސްދުވަން ފަށާތާ އެތަށް ދުވަހެއްވާއިރުވެސް މި ސްޕޮންޖްކޮޅު އެއްލާނުލާ، އޭގެ ޒަމާން މުޅިންހެން ދަންދެން ބޭނުންކުރުމުގެ ނިޔަތުގައި އުޅޭމީހުން މަދެއްނޫނެވެ. ހަފްތާއިން ހަފްތާއިން ސްޕޮންޖް ބަދަލުކުރާ މީހުން ތިބިނަމަވެސް، ގިނައިން ފެންނަމުންދަނީ ކުރިން މި ދެންނެވި ފަދަ މަންޒަރެވެ. އެކަމުން ތިމާގެ ހަށިގަނޑަށާއި ދެންހުރި މީހާއަށް ލިބިދާނެ ގެއްލުމާއިމެދު ހަމަ ވިސްނާ ނުލެވެނީއެވެ.

Ad
rt

2017 ގައި ހަދާފައިވާ ދިރާސާއަކުން ދައްކާގޮތުގައި، ގިނަދުވަހު ބޭނުންކޮށްފަހުންނަ މި ސްޕޮންޖް ތަކަކީ ފާޚާނާ ތައްޓަށްވުރެ ގިނަ ޖަރާސީމް ހަރުލާފައި ހުންނަ އެއްޗެކެވެ. މި ދިރާސާއިން ނިންމާފައިވަނީ ގާތްގަނޑަކަށް 5.5 ޓްރިލިއަން މައިކްރޮސްކޯޕިކް ބަގްސް އާދައިގެ ބަދިގޭ ސޮޕޮންޖްގައި ހަރުލާފައި ހުންނަކަމަށެވެ. މި ސްޕޮންޖްގައި ހުރިހާ ވައްތަރެއްގެ ޖަރާސީމް ހަރުލާފައި ހުންނަކަމަށާއި، އޭގެ ތެރޭގައި ބެކްޓީރިއާ، ފަންގައި، އަލްގޭ އަދި އެކިވައްތަރުގެ ވައިރަސްތަށް ހިމެނޭކަމަށް ދިރާސާވެރިން ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން ކޯވިޑް 19ގެ ވައިރަސް ވެސް ފެތުރުމުގެ އިސް ރޯލެއް މި ސްޕޮންޖް އަދާކޮށްފައިވާކަމަށް އެވެރިން ރައުޔު ނެރެފައިވެއެވެ.

ބަދިގޭގައި ބޭނުންކުރާ މި ސްޕޮންޖަކީ ބެކްޓީރިއާތަށް އުފަލުގައި ދިރިއުޅުމަށްޓަކައި އެންމެ ފުރިހަމައަށް ތައްޔާރުކުރެވިފައިވާ އެއް މާޙައުލޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ބެކްޓީރިއާ އަކީ އާންމުކޮށް ތެތްކޮށް ހުންނަ ތަންތަނުގައި އާލާވާ އެއްޗިއްސެވެ. މިތަކެތި ނިއުޓްރިއެންޓްސް ގެ ގޮތުގައި ކާނާއާއި ތަށިދޮންނަ ސައިބޯނިވެސް ބޭނުންކުރުން އެކަށީގެންވެއެވެ. މި ބެކްޓީރިއާތަށް ސޮޕޮންޖްގައި ހަރުލާފައި ހުރުމުން، ސޮޕޮންޖް ބޭނުންކުރާ ކޮންމެ އެއްޗެއްގައި އަދި ތަނެއްގައިި ހޭކި ފެތުރިގެންދާތަން އާދެއެވެ.

ތަށިތަށް ދޮވުމުގެ އިތުރުން މި ސްޕޮންޖްކޮޅު ކައުންޓާ ޓޮޕާއި ބަދިގެތެރެ ސާފްކުރަން ބޭނުން ކުރާނަމަ، އޭގައި ހަރުލާފައިވާ ބެކްޓީރިއާތަކާއި ވައިރަސްތަށް ފެތުރުންވެސް އެކަށީގެންވެއެވެ. މިކަމުން ރައްކާތެރި ވުމަށްޓަކައި އެންމެ ބުއްދިވެރި ގޮތަކީ، އެކި ކަންކަމަށް ތަފާތު ސްޕޮންޖް ބޭނުންކުރުމެވެ. ތަށިދޮންނަން ޚާއްސަ ސްޕޮންޖެކެވެ. ޓޭބަލް ޓޮޕާއި އެހެނިހެން ސަރަހައްދުތަކަށްް ތަފާތު ސްޕޮންޖެކެވެ. އުނދުނަށް އެހެން ސްޕޮންޖެކެވެ. ނަސީބަކުން ސްޕޮންޖް ވިއްކަން ހުންނަނީވެސް ސެޓުސެޓަށްތާއެވެ.

ސްޕޮންޖު ގިނަދުވަހު ބޭނުންކުރެވޭނޭހެން ސާފުކުރާނެ އުސޫލެއްވޭބާއެވެ؟ އާދެ ސްޕޮންޖްކޮޅު ސާފްކޮށް ގެންގުޅެން ބޭނުންވާނަމަ، އެންމެ ރަނގަޅު ގޮތަކީ، ބްލީޗްހިމެނޭ ހެވީ ޑިއުޓީ ޑިޓާޖަންޓް ބޭނުންކޮށްގެން ދޮންނަ މެޝިނަށް ލައިގެން ހޫނުފެނުގައި ދޮވުމެވެ. މިއީ އެންމެނަށް ކުރަން ވަގުތުވެދާނެ ކަމެއްނޫނެވެ. ކޮންމެ ދުވަހަކު މެޝިނުން ދޮންނަން ހަދައިގެން ފެންބިލް ބޮޑުވާ މަންޒަރު ފެނިދާނެކަމަށް ލަފާކުރެވެއެވެ.

ދެވަނަ ގޮތަކީ، ސައިބޯނިން ސްޕޮންޖް ފުރާލުމަށްފަހު ފެން އިސްކުރު ދަށުގައި ރަނގަޅަށް ދޮވެލާނީއެވެ. ހިތް އެދޭނަމަ، ހޫނުފެނަށް ބްލީޗް އަޅައި 15 ވަރަކަށް މިނިޓް ވަންދެން ސޮޕޮންޖް އޭގައި ބޭއްވުމަށްފަހު ސައިބޯނިލައި ދޮވެވިދާނެއެވެ. އެއަށްފަހު މުހިންމީ ސޮޕޮންޖްގަނޑު ރަނގަޅަށް ހިއްކާލުމެވެ. މިކަން ކުރުމަށްޓަކައި އަވީވެސް ލެވިދާނެއެވެ. ނުވަތަ 2 މިނިޓް މައިކްރޮވޭވް ވެސް ކޮށްލެވިދާނެއެވެ.

ދެން އުފެދޭ ސުވާލަކީ، ބަދިގޭގައި ގެންގުޅޭ މި ސްޕޮންޖްކޮޅު ބަދަލު ކުރަންވީ ކިހާ ދުވަހު ބޭނުންކޮށްފައިބާއެވެ؟ އާދެ ދިރާސާތަކުން ދައްކާގޮތުގައި އެންމެ ރަނގަޅީ ހަފްތާއިން ހަފްތާއަށް އާކުރުމެވެ. ނަމަވެސް އެންމެ ލަސްވެގެން ދެ ހަފްތާއިން އާކުރުން ލާޒިމްކުރެއެވެ. ސަބަބަކީ، ކިތަންމެ މަސައްކަތް ކުރިޔަސް، އަވީ ލިޔަސް މައިކްރޮވޭވް ކުރިޔަސް، މެޝިނަށްލިޔަސް އަދި އެހެން ކަމެއް ކުރި ނަމަވެސް، ބެކްޓީރިއާތަށް އަލުން އާލާވާނެތީ އެވެ. ތިމާއާއި މުޅި ޢާއިލާގެ ދުޅަހެޔޮކަމަށް ސްޕޮންޖްތަށް އަވަސްއަވަހަށް އާކުރަަމާހެއްޔެވެ؟