މުއްދަތު ހަމަވެފައިވާ ބާސްމަތީ ހަނޑޫ، ތާރީހު ބަދަލުކޮށްގެން ވިއްކަމުންދާތީ ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އެދިއްޖެ އެވެ.
އެ އޮތޯރިޓީން ވިދާޅުވީ އަލް ގަމަރް ގޯލްޑް ޕރިމިއަމް ބާސްމަތީ ރައިސްގެ 5 ކިލޯގެ ޕެކެޓްތަކުގެ މުއްދަތު ހަމަވުމުން، ތާރީޚް ބަދަލުކޮށްގެން ވިއްކަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެކަން ފާހަގަކުރެވުނީ އެ އޮތޯރިޓީން ހިންގި އިންސްޕެކްޝަނަކުން ކަމަށެވެ.
މިއީ ޕާކިސްތާނުގެ އުފެއްދުމެއް ކަމަށާއި އެ ޕެކެޓްތަކުގެ މުއްދަތު ހަމަވުމުން، ޕެކެޓްގައި ލިޔެފައިވާ ތާރީހް މަތީގައި ސްޓިކަރ ހަރުކޮށް އެތާރީހަށް ބަދަލުގެނެސްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް އެމްއެފްޑީއޭ އިން ވަނީ ވިދާޅުވެފަ އެވެ.
މުއްދަތު ހަމަވެފައިވާ ކާބޯތަކެތި ވިއްކުމަކީ އޭގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމާއި ފެންވަރު ގެއްލި އާންމު ސިއްހަތަށް ނުރައްކަލަކަށް ވެދާނެ ކަމެއްކަން ފާހަގަކުރައްވާ އެ އޮތޯރިޓީން ވަނީ ފާހަގަކުރައްވާފަ އެވެ.
މީގެ އިތުރުން މުއްދަތު ހަމަވެފައިވާ ތަކެތީގެ މުއްދަތު އޮޅުވާލައިގެން އެތެރެ ނުކުރުމަށާއި ނުވިއްކުމަށާއި ބޭނުން ނުކުރުމަށް ވެސް އެމްއެފްޑީއޭ އިން އިލްތިމާސް ކުރައްވާފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!