2022 ވޯލްޑް ކަޕްގައި ގްރޫޕް ބީގައި ހިމެނޭ އިންގްލެންޑަކީ ޔޫރަޕް ފުޓްބޯޅައިގައި ވެސް އަދި ދުނިޔޭގެ ފުޓްބޯޅައިގެވެސް ވަރުގަދަ ބާރެކެވެ. އިންގްލެންޑް އެންމެ ފުރަތަމަ ވޯލްޑް ކަޕް މުބާރާތެއްގައި ވާދަކުރީ 1950 ވަނަ އަހަރު ބްރެޒިލްގައި ބޭއްވުނު މުބާރާތުގައެވެ. ފީފާގެ މެބްބަރަކަށް ވުމަށް ފަހު އިންގްލެންޑް އެންމެ ފުރަތަމަ ކުޅުނު ބައިނަލްއަޤުވާމީ މުބާރާތަކީ ވެސް މިއީއެވެ. މި މުބާރާތުގެ ގުރޫޕް ސްޓޭޖުން އިންގްލެންޑް ކެޓިއެވެ. ޖެހިގެން އައި ތިން މުބާރާތުގައި ވެސް އިންގްލެންޑް ކެތީ ގުރޫޕް ސްޓޭޖުންނެވެ. ނަމަވެސް 1962 ވަނަ އހަރު ޗިލީގައި ބޭއްވުނު މުބާރާތުގެ ކުއަޓާ ފައިނަލަށް އެޓީމު ދަތުރު ކުރިއެވެ. އޭގެ ފަހުން 1966 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވުނު ވޯލްޑް ކަޕް މުބާރާތުގެ ތަށި އެ ޓީމުން އުފުލާލިއެވެ. މިއީ އިންގެލެންޑަށް ވޯލްޑް ކަޕުގައި މިހާތަނަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީ ވެސް މެއެވެ. މި މުބާރާތަށް ފަހު މިހާތަނަށް ވޯލްޑް ކަޕް މުބާރާތެއްގެ ތައްޓެއް ލިބިފައިނުވާއިރު، މުބާރާތުގެ ފައިނަލަށް ވެސް އެ ޓީމު ގޮސްފައެއް ނުވެއެވެ. ނަމަވެސް 1990 ވަނަ އިޓަލީގައި ބޭއްވުނު މުބާރާތާއި އެންމެ ފަހުން 2018 ވަނަ އހަރު ރަޝިއާގައި ބޭއްވުނު މުބާރާތުގެ ސެމީއަށް އިންގްލެންޑް ދަތުރުކުރިއެވެ. މި ދެމުބާރާތުގައި އެޓީމަށް ލިބިފައިވަނީ ހަތަރު ވަނައެވެ.
ކޮލިފައިވީ ގޮތް
އިންގްލެންޑް މި އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވީ ކޮލިފައިންގެ ގުރޫޕް އައިގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. ނިސްބަތުން އިންގްލެންޑަށް އުނދަގޫ ގުރޫޕަކުން، މުބާރާތަށް ކޮލިފައިވީ ފަސޭހަކަމާ އެކު އެވެ. ކުޅުނު 10 މެޗުގެ ތެރެއިން އަށް މެޗުން އިންގްލެންޑް މޮޅުވިއިރު، މެޗަކުން ބަލިވެފައެއް ނުވެއެވެ. ދެމެޗުން ވަނީ އެއްވަރުވެފައެވެ. އިންގްލެންޑް 26 ޕޮއިންޓާ އެކު ގުރޫޕްގެ އެެއްވަނަ ހޯދިއިރު، ޕޮލަންޑް ތާވަލްގެ ދެވަނައިގައި ނިންމާލީ 20 ޕޮއިންޓާ އެކު އެވެ.
ކޯޗު

އިންގްލެންޑްގެ ކޯޗުކަމާ ގެރެތު ސައުތުގޭޓް ހަވާލުވީ 2016 ވަނަ އަހަރު އެވެ. މި އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި ސައުތުގޭޓްގެ އިރުޝާދުގެ ދަށުން އިންގްލެންޑް ވަނީ ފަސޭހަކަމާ އެކު ވޯލްޑް ކަޕަށް ކޮލިވެފަ އެވެ. ސައުތުގޭޓްގެ އިރުޝާދުގެ ދަށުން އިންގްލެންޑް ވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ހަތަރު ވަނަ ހޯދައިފަ އެވެ. މިއީ ފަހުގެ ތާރީހެއްގައި ބައިނަލްއަގްވާމީ މުބާރާތަކުން އިންގްލެންޑަށް ލިބުނު އެންމެ ބޮޑު ކާމިޔާބެވެ.
ސައުތުގޭޓްގެ ކޯޗިން ކެރިއަރު 2006 ވަނަ އަހަރު ފެށީ މީޑްލްސްބަރާ އިންނެވެ. އޭގެ ފަހުން އިންގްލެންޑްގެ 21 އަހަރުން ދަށުގެ ޓީމުގައި ވެސް އޭނާ މަސައްކަތްކުރި އެވެ.
މުހިންމު ކުޅުންތެރިން
ހެރީ ކޭން

އިންގްލެންޑްގައި މިހާރު ތިބި ކުޅުންތެރިންނާ އެކު، މި މުބާރާތަށް ކުރިމަތިލާއިރު އެ ޓީމަކީ ފޭވަރިޓެކެވެ. އިންގްލެންޑްގައި މިހާރު ތިބި ކުޅުންތެރިންގެ ތެރެއިން، އިދިކޮޅު ޓީމުތަކުން ސަމާލުވާން ޖެހޭ ގިނަ ކުޅުންތެރިންތަކެއް އެބަތިއްބެވެ. އޭގެ ތެރެއިން އެއް ކުޅުންތެރިއަކީ ޓީމުގެ ކެޕްޓަން އަދި ފޯވަޑް ހެރީ ކޭނެވެ. ޓޮޓެންހަމް ހޮޓްސްޕާ އަށް ކުޅެމުންދާ ކޭން ،29، އިންގްލެންޑްގެ ގައުމީ ޓީމަށް ކުޅެން ފެށީ 2015 ވަނަ އަހަރު އެވެ. އޭގެ ފަހުން ކުޅުނު 75 މެޗުން އޭނާ ވަނީ 51 ލަނޑު ޖަހައިފަ އެވެ. އިންގްލެންޑާ އެކު 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޭން ކުޅުނެވެ. އެ މުބާރާތަކީ އޭނާ އެންމެ ބޮޑަށް ވިދާލި މުބާރާތެވެ. އެ މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ކޭން ހޯދި އެވެ.
ފިލް ފޯޑަން

ވޯލްޑް ކަޕް މުބާރާތަކަށް މުޅިން އަލަށް ނުކުންނަ އުމުރުން އެންމެ 22 އަހަރުގެ ފިލް ފޯޑަން އަކީ މި އަހަރުގެ ވޯލްޑް ކަޕް ގައި އިންގްލެންޑްގެ ތަރިއަކަށް ވާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރާ ކުޅުންތެރިއެކެވެ. މެންޗެސްޓާ ސިޓީގައި އޭނާ މި ސީޒަންގައި މޮޅު ކުޅުމެއް ދައްކާފައިވާއިރު، އިންގްލެންޑްގެ ގައުމީ ޓީމަށް ވެސް އޭނާގެ ބޭނުން ރަނގަޅަށް ހިފޭނެ ކަމަށް ގިނަ ބަޔަކު ގަބޫލްކުރެ އެވެ.
2020 ވަނަ އަހަރު އިންގެލެންޑް އަށް ކުޅެން ފެށި މިޑްފީލްޑަރ ފޯޑަން ވަނީ މިހާތަނަށް އިންގްލެންޑް ގައުމީޓީމަށް 18 މެޗު ކުޅެދީ ދެ ލަނޑު ޖަހައިދީފައެވެ.
ގުރޫޕުގައި އޮތް ފުރުސަތު
މި އަހަރުގެ ވޯލްޑް ކަޕުގައި އިންގްލެންޑް ލައްވާލީ ގުރޫޕް ބީގައެވެ. މި ގުރޫޕްގައި އެ ޓީމަކީ ފޭވަރިޓެވެ. މި ގުރޫޕުގައި ދެން ހިމެނެނީ އީރާން، އެމެރިކާ، އަދި ވޭލްސްއެވެ. މި ގުރޫޕުގައި އޮތް ޓީމުތަކަށް ބަލާއިރު، އިންގްލެންޑަށް ދެވަނަ ބުރަށް ދިއުމަކީ މާ އުނދަގޫ ކަމަކަށް ވާނެ ކަމަށް ނުބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!