2022 ވޯލްޑް ކަޕްގައި ގްރޫޕް ބީ ގައި ހިމެނޭ، މިވަގުތު ފީފާ ރޭންކިންގެ 16 ވަނާގައި އޮތް އެމެރިކާ އަކީ ފުޓްބޯޅައިގެ މާ ކާމިޔާބު ގައުމެއް ނޫނެވެ. ސަރަހައްދީ ފުޓްބޯޅައިގައި ކާމިޔާބީތަކެއް ހޯދިފައިވީ ނަމަވެސް ދުނިޔޭގެ ފެންވަރުގައި އެމެރިކާއަށް ކާމިޔާބެއް ލިބިފައެއް ނުވެއެވެ.

އެމެރިކާ އެންމެ ފުރަތަމަ ވޯލްޑް ކަޕެއް ކުޅެފައިވަނީ 1934 ވަނަ އަހަރުގައެވެ. އެއީ މެކްސިކޯގައި ބޭއްވުނު ވޯލްޑް ކަޕުގައެެވެ. މި މުބާރާތުގެ ގަދަ 16 ވަނަ ބުރަށް އެމެރިކާ ދަތުރުކުރި އެވެ. ނަމަވެސް 1950 ވަނަ އަހަރު ބެރެޒިލްގައި ބޭއްވުނު މުބާރާތުން އެމެރިކާ ކެޓީ ގުރޫޕް ސްޓޭޖުންނެވެ. އޭގެ ފަހުން އެމެރިކާ ވާދަކުރި 1990 ގެ ވޯލްޑް ކަޕް މުބާރާތުން ވެސް އެޓީމު ކެޓީ ގުރޫޕް ސްޓޭޖުންނެވެ. 1994 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭވި މުބާރާތުގައި އެޓީމަށް ދަތުރު ކުރެވުނީ ގަދަ 16 ވަނަ ބުރާއި ހަމައަށެވެ. 1998 ވަނަ އަހަރު ފްރާންސްގައި ބޭއްވުނު މުބާރާތުން ވެސް ގުރޫޕް ސްޓޭޖުން ކެޓިއިރު، 2002 ވަަ އަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލަށް އެމެރިކާ ދަތުރު ކުރިއެވެ. މިއީ ވޯލްޑް ކަޕް ތާރީޚުގައި މިހާތަނަށް އެމެރިކާއަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީއެވެ. 2006 ވަނަ އަހަރު ޖަރުމަނުގައި ބޭއްވުނު މުބާރާތުންވެސް ގުރޫޕް ސްޓޭޖުން ކެޓިއިރު، ޖެހިގެން އައި 2010 އަދި 2014 ވަނަ އަހަރު ބޭއްވުނު މުބާރާތްތަކުގެ ގަދަ 16 ވަނަ ބުރަށް އެމެރިކާ ދަތުރު ކުރިއެވެ.

Ad
rt

ކޮލިފައިވީ ގޮތް

އެމެރިކާ ވޯލްޑް ކަޕަށް ކޮލިފައިވީ އުތުރު ސެންޓްރަލް އެމެރިކާ ބައްރުގެ ތިންވަނަ ބުރުގެ ގުރޫޕުގެ ތިންވަނަ މަގާމް ހޯދައިގެންނެވެ. ގުރޫޕްގެ ތިންވަނަ އެމެރިކާއިން ހޯދީ ކުޅުނު 14 މެޗުން ހަތް މެޗު ކާމިޔާބު ކޮށް ހަތަރު މެޗު އެއްވަރުކޮށްގެން 25 ޕޮއިންޓާ އެކު އެވެ.

ކޯޗު

އެމެރިކާ ޓީމުގެ ކޯޗަކީ އެ ގައުމަށް އުފަން ގްރެގް ބެރްހަލްޓަރއެވެ. އޭނާ އެމެރިކާ ގައުމީޓީމުގެ ކޯޗުކަމާއި ހަވާލުވީ 2018 ވަނަ އަހަރުގައެވެ. ކްރިސްޓަލް ޕެލަސް އަދި އެލްއޭ ގެލެކްސީ ފަދަ ކުލަބުތަކަށް ވެސް ކުޅެ ތަޖުރިބާ ލިބިފައިވާ ގްރެގް ބެރްހަލްޓަރ ކޯޗިން ދާއިރާއަށް ނިކުތީ 2011 ވަނަ އަހަރު އެލްއޭ ގެލެކްސީގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައެވެ. އެމެރިކާ ޓީމާއި ހަވާލުވެ އޭނާ ވަނީ 2020 ވަނަ އަހަރުގެ ކޮންކާކަަފް ނޭޝަންސް ލީގާއި 2021 ވަނަ ކޮންކާކަޕް ގޯލްޑް ކަޕް އެމެރިކާއަށް ކާމިޔާބު ކޮށްދީފައެވެ. މިއީ ގްރެގް ބެރްހަލްޓަރ ގެ ކޯޗިން ކެރިއަރުގައި މިހާތަނަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީއެވެ.

މުހިންމު ކުޅުންތެރިން

ކްރިސްޓިއަން ޕުލިސިޗް

އުމުރުން 23 އަހަރުގެ ކްރިސްޓިއަން ޕުލިސިޗް އަކީ އެމެރިކާގެ ޓީމުގައި މިފަހަރުގެ ވޯލްޑް ކަޕުގައި ވިދުން ގަދަވާނެ ކަމަށް ބެލެވޭ ކުޅުންތެރިއެކެވެ. ޗެލްސީއަށް ކުޅެމުން އަންނަ އެޓޭކިންގ މިޑްފީލަޑަރ އެމެރިކާ ޓީމަށް ކުޅެން ފެށީ 2016 ވަނަ އަހަރުގައެވެ. އޭނާ ވަނީ މިހާތަނަށް އެމެރިކާ ޓީމަށް 52 މެޗު ކުޅެދީ 21 ގޯލު ޖަހައިދީފައެވެ.

ސާޖިއޯ ޑެސްޓް

ސްޕެއިންގެ ބާސެލޯނާއިން ލޯނެއްގެ ދަށުން އިޓަލީގެ އޭސީ މިލާނަށް ކުޅެމުން އަންނަ ސާޖިއޯ ޓެސްޓަކީ އެއެމެރިކާ ޓީމުގެ ޑިފެންސްލައިނުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ކުޅުންތެރިއެކެވެ. އުމުރުން 21 އަހަރުގެ ޑެސްޓަކީ މިވަގުތު މިލާނުގައި ވެސް ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިއެކެވެ. ޑެސްޓް އެމެރިކާގެގައުމީ ޓީމަށް ކުޅެން ފެށީ 2019 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ އެމެރިކާ ޓީމަށް 19 މެޗު ކުޅެދީ ދެ ގޯލު ޖަހައިދީފައެވެ. އެމެރިކާއާއި އެކު 2019 ވަނަ އަހަރުގެ ކޮންކާކަފް ނޭޝަނަންސް ލީގު އޭނާ ކާމިޔާބު ކުރިއެވެ. މި ފަހަރުގެ ވޯލްޑް ކަޕަކީ ޑެސްޓް ކުޅޭ ފުރަތަމަ ވޯލްޑްކަޕް މުބާރާތެވެ.

ގުރޫޕުގައި އޮތް ފުރުސަތު

އެމެރިކާ ހިމެނެނީ އިންގްލެންޑް، ވޭލްސް، އަދި އީރާނާއި އެކު ގުރޫޕް ބީފައެވެ. މި ގުރޫޕަކީ އެމެރިކާއަށް މާ ފަސޭހަ ގުރޫކަމަށް ނުވާނެއެވެ. މި ގުރޫޕުގައި ހިމެނޭ އިންގްލެންޑް އަދި ވޭލްސް ފަދަ ޓީމުތައް ބަލިކުރުމަކީ އެމެރިކާއަށް އުނދަގޫ ކަމަށް ވާނެއެވެ. އެހެން ކަމުން ގުރޫޕް ސްޓޭޖު ފަހަނައަޅާ ދިއުމުގެ ފުރުސަތު އެމެރިކާއަށް ކުޑައެވެ.