2022 ވޯލްޑް ކަޕްގައި ގްރޫޕް ބ ގައި ހިމެނޭ، މިވަގުތު ފީފާ ރޭންކިންގެ 19 ވަނާގައި އޮތް ވޭލްސް އަކީ ޔޫރަޕާއި ދުނިޔޭގެ ފެންވުގައި ވެސް ފުޓްބޯޅައިން މާ ބޮޑު ކާމިޔާބީތަކެއް ހޯދިފައިވާ ގައުމެއް ނޫނެވެ. 1950 ވަނަ އަހަރު ފީފާގެ މެމްބަރަކަށް ވި ފަހުން މިހާތަނަށް ވޭލްސް ކުޅެފައިވަނީ އެންމެ ވޯލްޑް ކަޕެކެވެ. އެއީ 1958 ވަނަ އަހަރު ސްވިޑުންގައި ބޭއްވި ވޯލްޑް ކަޕެވެ. އެ މުބާރާތުގެ ކުޢާޓާ ފައިނަލަށް އެ ގައުމު ދަތުރުކުރިއެވެ. ނަމަވެސް 1958 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު އެންމެ ފަހުން 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވުނު ވޯލްޑް ކަޕް މުބާރާތާއި ހަމައަށް ވެސް އެ ގައުމު ވޯލްޑް ކަޕް މުބާރާތަކަށް ކޮލިފައި ނުވެއެވެ. މިފަހަރުގެ މުބާރާތަކީ ވޭލްސްގެ ތާރީޚުގައި އެ ގައުމުން ކޮލިފައިވި ދެވަނަ ވޯލްޑް ކަޕް މުބާރާތެވެ.
ކޮލިފައިވި ގޮތް
ކޮލިފައިންގެ ގުރޫޕް އީގައި ވޭލްސް އަށް ކުރިމަތިވީ ފަސޭހަ ޗެލެންޖެއް ނޫނެވެ. ނަމަވެސް ކޮލިފައިންގައި ބެލަރޫސް ބަލިކޮށް ލިބުނު ހިތްވަރާ އެކު ބެލްޖިއަމް ފަހަތުން ގުރޫޕްގެ ދެ ވަނަ ހޯދި އެވެ. ގުރޫޕްގެ ދެ ވަނަ ވޭލްސް ހޯދީ ކުޅުނު އަށް މެޗުގެ ތެރެއިން ހަތަރު މެޗު ކާމިޔާބު ކޮށްގެންނެވެ. އެއް މެޗުން ބަލިވެ ތިން މެޗުން އެއްވަރުވީ އެވެ. ވޭލްސް ކޮލިފައިވީ 15 ޕޮއިންޓާއި އެކު ގުރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައެވެ.
ކޯޗު

މިފަހަރުގެ ވޯލްޑް އަށް ވޭލްސް ނިކުންނައިރު، އެޓީމުގެ ކޯޗަކީ ރޮބް ޕޭޖް އެވެ. އޭނާ އަކީ ކުރިން ވޭލްސްގެ އެސިސްޓެންޓް ކޯޗެވެ. އޭރު ވޭލްސްގެ ކޯޗަކަށް ހުރި ގިގްސް ގެވެށި އަނިޔާގެ ތުހުމަތު ކުރެވި ވަޒީފާ ގެއްލުނު ހިސާބުން ވޭލްސްގެ ކޯޗު ކަމާއި ހަވާލުވީ ރޮޕް ޕޭޖްއެވެ.
ރޮޕް ޕޭޖް ކޯޗެއްގެ ގޮތުގައި އެންމެ ފުރަތަމަ މަސައްކަތް ފެށީ، އިނގިރޭސި ހަތަރު ވަނަ ޑިވިޝަންގެ ކްލަބު ޕޯޓް ވޭލްގަ އެވެ. އޭގެ ފަހުން ތިން ވަނަ ޑިވިޝަންގެ ކްލަބު ނޯތުހެމްޓަން ޓައުންގައި ވެސް އޭނާ މަސައްކަތް ކުރި އެވެ. އިންޓަނޭޝަލް ކޯޗިން މަރުހަލާ އާ އޭނާ ގުޅުނީ، ވޭލްސް 21 އަހަރުން ދަށުގެ ޓީމުންނެވެ.
މުހިންމު ކުޅުންތެރިން
ގެރެތު ބޭލް

ވޭލްސްގެ އެންމެ މުހިންމު ކުޅުންތެރިޔަކީ ކެޕްޓަން ގެރެތު ބޭލް އެވެ. ރެއާލް މެޑްރިޑްގެ ލޯން އެއްބަސްވުމުގެ ދަށުން ޓޮޓެންހަމް ހޮޓްސްޕާސްއަށް ކުޅުމަށް ފަހު މިހާރު އެމެރިކާ މޭޖަރ ލީގުގެ އެލްއޭ ގެލެކްސީއަށް ކުޅެމުން އަންނަ ބޭލްއަކީ މެޑްރިޑްގައި ލެޖެންޑެކެވެ. ބޭލް ވަނީ ރެއާލް އާއި އެކު ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ހޯދާފައެވެ. ބޭލް ވޭލްސްގެ ގައުމީޓީމަށް ކުލެން ފެށީ 2006 ވަނަ އަހަރުގައެވެ. އޭގެ ފަހުން ބޭލްސް އަންނަނީ މެދު ކެނޑުމެއް ނެތި ވޭލްސްގެ ފުލް ޓީމުގައި ހިމެނިގެން ކުޅެމުންނެވެ.
އުމުރުން 33 އަހަރުގެ ބޭލް ވަނީ މިހާތަނަށް ވޭލްސް އަށް 108 މެޗު ކުޅެދީ 40 ގޯލު ޖަހައިދީފައެވެ.
މިފަހަރުގެ ވޯލްޑް ކަޕަކީ ބޭލްގެ ވޭލްސް ޓީމާއި އެކު ކުލޭ އެންމެ ފުރަތަމަ އަދި އެންމެ ފަހުގެ ވޯލްޑް ކަޕް މުބާރާތެވެ.
ޑެނިއެލް ޖޭމްސް

ޒުވާން ކުޅުންތެރިންގެ ތެރެއިން ލީޑްސް ޔުނައިޓެޑުން ލޯނެއްގެ ދަށުން މިހާރު ފުލަމް އަށް ކުޅެމުން އަންނަ ޑެނިއަލް ޖޭމްސްގެ ނަން މިފަހަރު ވޯލްޑް ކަޕްގައި ފާހަގަ ވެގެންދާނެ އެވެ. 2019 އިން 2020 ވަނަ އހަރާއި ހަމައަށް މެންޗެސްޓަރ ޔުނައިޓެޑަށް އޭނާ ކުޅުނެވެ. އޭގެ ފަހުން 2021 ވަނަ އަހަރު ލީޑް އަށް ބަދަލުވެ އެއް ސީޒަން ހޭދަކުރުމަށް ފަހު މިހާރު ލީނު އުސޫލުން ޖޭމްސް ކުޅެމުން އަންނަނީ ފުލަމް އަށެވެ. ގައުމީ ޓީމަށް އޭނާ ކުޅުނު ވާދަވަރި ފުރަތަމަ މެޗަކީ ކޮލިފައިންގެ ފުރަތަމަ މެޗުގައި ސްލޮވާކިއާއާ ދެކޮޅަށް ކުޅުނު މެޗެވެ. އެ މެޗުން ވޭލްސް މޮޅުވީ އޭނާ ކާމިޔާބު ކުރި ލަނޑުންނެވެ.
ޖޭމްސް ވޭލްސްގެ ގައުމީޓީމަށް ކުޅެން ފެށީ 2018 ވަނަ އަހަރުގައެވެ. އޭގެ ފަހުން ވޭލްސް ޓީމަށް 38 މެޗު މިހާތަނަށް ކުޅެދީފައިވެއެވެ. އަދި ފަސް ލަނޑު ޖަހައިދީފައިވެއެވެ. ޖޭމްސް ވަނީ މިފަހަރުގެ ވޯލްޑް ކަޕަށް ކުޅުނު ކޮލިފައިން މެޗުތަކުގައި ހަ ލަނޑު ވޭލްސްއަށް ޖަހައިދީފައެވެ.
ގުރޫޕުގައި އޮތް ފުރުސަތު
ވޭލްސް ހިމެނެނީ ގުރޫޕް ބީގައެވެ. މި ގުރޫޕުގައި ވޭލްސްއާއި އެކު ހިމެނެނީ އިންގްލެންޑް، އީރާން އަދި އެމެރިކާއެވެ. މި ގުރޫޕަކީ ވޭލްސްއަށް މާ އުނދަގޫ ވާނެ ގުރޫޕޭއް ކަމަށް ނުބެލެވެއެވެ. އެހެން ކަމުން ވޭލްސް މި ގުރޫޕުން ދެވަނަ ބުރަށް ދަތުރު ކުރާނެ ކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!