ދެހާސް ފަނަރަ ވަނަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު މާލޭގައި ބޭއްވި މޭޑޭ މުޒާހަރާއާ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙީމާއި އެއްވެސް ގުޅުމެއް ނެތް ކަަމަށް އެޕާޓީގެ ކައުންސިލް މެންބަރު އަދި ކުރީގެ އެކްޓިން ޕޮލިސް ކޮމިޝަނާ އަބުދުﷲ ނަވާޒު ވިދާޅުވެއްޖެއެވެ.
ނަވާޒް މިހެން ވިދާޅުވީ ރޭ ސަންގު ޓީވީން ގެނެސްދިން "ޚަބަރަށްފަހު'' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އެންމެ ފަހުން ތިލަދުންމަތީގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ހއ. ދިއްދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބުދުއްރަޙީމް ޢަބުދުﷲ (އަދުރޭ)، މޭޑޭގެ ހަރަކާތަށް ޚަރަދު ކުރެއްވީ ޤާސިމް ކަމަށް ވިދާޅުވެފައިވާތީ، އެކަމާއި ގުޅިގެން ޕްރެޒެންޓަރ ވަނީ ރޭގެ ޕްރޮގްރާމްގައި ނަވާޒާއި ސުވާލުކޮށްފަ އެވެ.
މި ސުވާލަށް ޖަވާބު ދެއްވަމުން ނަޒާވާޒު ވިދާޅުވީ، އަދުރޭ އެފަދަ ތުހުމަތެއް ކުރެއްވުމުން އޭނާ ސީދާ ޤާސިމް އަރިހުން އެކަން ސާފު ކުރެއްވި ކަމަށެވެ. އަދި އެކަމާއި އެމަނިކުފާނާ އެއްވެސް ގުޅުމެއް ނެތްކަމަށް ޤާސިމް ވިދާޅުވިކަމަށް ނަވާޒް ވިދާޅުވިއެވެ.
އެކަމާއި ގުޅިގެން ތަންފީޒީ އިދާރާތަކަށް ފޮނުއްވަންޖެހޭ ސިޓީތައް ވެސް ޤާސިމް ފޮނުއްވިކަމަށާއި، އަދި އެ މުޒާހަރާގައި ބައިވެރިނުވުމަށް ޖޭޕީގެ ލީޑަރޝިޕަށް ވެސް އެންގެވި ކަމަށް ވެސް ނަވާޒު ވިދާޅުވެއެވެ. ނަމަވެސް ޖޭޕީގެ އިސް ބައެއް ބޭފުޅުން އަމިއްލަ ހައިސިއްޔަތުން އެ މުޒާހަރާގައި ބައިވެރިވިއެވެ.
ނަވާޒް ވިދާޅުވީ، އަދުރޭ ދެއްކެވި ވާހަކަ ތަކަކީ، ސިޔާސީ ގޮތުން ފިތުނަ އުފައްދައި، ޤާސިމް އިބްރާޙީމްގެ އަބުރު ކަތިލުމަށް ދެއްކެވި ވާހަކަ ތަކެކެވެ. ނަމަވެސް ޤާސިމްގެ އަގުހުރި ގައުމީ ޚިދުމަތް އެފަދަ ވާހަކަތަކަކުން ފަނޑު ނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ދިއްދޫގައި ބޭއްވި ޖަލްސާގައި ޖޭޕީގެ ލީޑަރު އޮނަރަބަލް ޤާސިމް އިބްރާޙީމްގެ މައްޗަށް ތުހުމަތު ތަކެއް ކުރައްވަމުން، ޤާސިމް އިބްރާޙީމަކީ މާ މޮޅު ވިޔަފާރިވެރިއެއް ނޫން ކަމަށާއި ޤާސިމް މުއްސަނދިވީ ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްގެން ކަމަށް ވެސް އަދުރޭ ވަނީ ވިދާޅުވެފައެވެ. އެކަމާއި ގުޅިގެން ޕްރެޒެންޓަރ ކުރިސުވާލުގެ ޖަވާބުގައި ނަވާޒު ވިދާޅުވީ، ޤާސިމަކީ ހަލާލު މަސައްކަތުން ގަދަ ހިތްވަރުން މިހިސާބަށް ވަޑައިގަތް ބޭފުޅެއް ކަމަށެވެ.
ނަވާޒް ވިދާޅުވީ، ޤާސިމް ހިންގަވާ ރިސޯޓުތަކުން ކުރެ ދައުލަތަށް ބިޑްކޮށްގެން ކާމިޔާބުކޮށް ތަރައްގީކޮށްފައި ވަނީ އެންމެ ރަށެއް ކަމަށެވެ. ބާކީ ރަށްތަަކަކީ ޑިވްލޮޕަރުން އަތުން ބައްލަވައިގަނެގެން ތަރައްގީ ކުރައްވައިގެން ހިންގަވަމުން ގެންދަވާ ރިސޯޓުތަކެއް ކަމަށް ވިދާޅުވިއެވެ. އަދި ޤާސިމަށް ލިބިވަޑައިގަންނަވާ މަންފާއެއްގެ ހިއްސާ ނުލިބޭ ދިމާއެއް ރާއްޖޭގައި ނެތްކަމަށް ވެސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!