އީރާނަކީ އޭޝިއާގެ ފުޓްބޯޅައިގައި ވަރުގަދަ ބާރެކެވެ. އެގޮތުން އޭޝިއަން ކަޕް ތިން ފަހަރު ކާމިޔާބުކުރި އެވެ. ވޯލްޑް ކަޕަށް އީރާން އެންމެ ފުރަތަމަ ކޮލިފައިވީ 1978 ވަނަ އަހަރެވެ. އޭގެ ފަހުން ޖުމްލަ ފަސް ފަހަރު އީރާން ވަނީ ވޯލްޑް ކަޕަށް ކޮލިފައިވެފަ އެވެ. އެއީ 1976، 1998، 2006، 2014 އަދި 2018 އެވެ. މި ފަހަރުގެ މުބާރާތަކީ އެތީމު ކޮލިފައިވި ހަވަނަ ހަފަރެވެ.

މިހާތަނަށް ފަސް ފަހަރު ވޯލްޑް ކަޕުގައި ވާދަކުރި ނަމަވެސް މީގެ އެއްވެސް މުބާރާތެއްގެ ގުރޫޕް ސްޓޭޖް ފަހަނަައަޅައި ދެވިފައެއް ނުވެއެވެ.

Ad
rt

ކޮލިފައިވީ ގޮތް

އީރާން ވޯލްޑް ކަޕަށް ކޮލިފައިވީ ތިން ވަނަ ބުރުގެ ގުރޫޕް އޭގެ އެއްވަނަ މަގާމް ހޯދައިގެންނެވެ. ވަރުގަދަ ޓީމުތަކެއް ހިމެނޭ ގުރޫޕް އޭގެ އެއް ވަނަ އީރާން އިން ހޯދީ ކުޅުނު 10 މެޗުގެ ތެރެއިން އަށް މެޗުން މޮޅުވެ 22 ޕޮއިންޓާ އެކު އެވެ. އީރާން ކުޅުނު 10 މެޗުގެ ތެރެއިން އަށް މެޗުން މޮޅުވިއިރު، އެއް މެޗުން ބަލިވެ، އެއް މެޗު އެއްވަރުވި އެވެ.

ކޯޗު

އީރާންގެ ކޯޗު ކާލޮސް ކުއެރޯޒް އަކީ ޔޫރަޕްގެ އެންމެ މަތީ ފަންތީގެ ތަޖުރިބާ ހޯދާފައިވާ ކޯޗެކެވެ. ޕޯޗުގަލްއަށް އުފަން ކުއެރޯޒް ވަނީ ގިނަ އަހަރުތަކެއް ވަންދެން މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކޯޗު އެލެކްސް ފާގަސަންގެ އެހީތެރިއެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެެވެ. އޭގެ ފަހުން ކުއެރޯޒް ވަނީ ރެއާލް މެޑްރިޑާއި ޕޯޗުގަލްގެ ގައުމީ ޓީމުގެ ކޯޗުކަން ވެސް ކޮށްފަ އެެވެ. އީރާންގެ ގައުމީ ޓީީމުގެ ކޯޗުކަމާ އޭނާ އެންމެ ފުރަތަމަ ހަވާލުވީ 2011 ވަނަ އަހަރެވެ. 2011 އިން 2019 ވަނަ އަހަރާއި ހަމައަށް އީރާނަށް ކޯޗު ކޮށދިނުމަށް ފަހު ކުއިރޯޒް އިރާންގެ ކޯޗުކަމުން ވަކިވިއެވެ. އޭގެ ފަހުން ކޮލަމްބިއާ އަދި މިސްރުގެ ޓީމަށް ވެސް ކޯޗުކޮށްދިނެވެ. އޭގެ ފަހުން އަލުން އެނބުރި އީރާނުގެ ކޯޗުކަމާއި ކުއިރޯޒް ހަވާލުވީ މި އަހަރުގައެވެ. ކުއެރޯޒްގެ އިރުޝާދުގެ ދަށުން އީރާން ވަނީ ޖެހިޖެހިގެން ދެ ވޯލްޑް ކަޕަށް ކޮލިފައިވެފަ އެވެ.

މުހިންމު ކުޅުންތެރިން

ސަރުދާރު އަޒްމޫން

އަޒްމޫން އަކީ އީރާންގެ ޓީމުގައި މި ވަގުތު ހުރި އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ އެވެ. އަޒްމޫނަކީ ގޯލާއި ރައްޓެހި ފޯވާޑެކެވެ. އީރާންގެ ފޯވަޑްލައިންގައި މުހިންމު ކުޅުންތެރިއެއް ކަމަށްވާ އަޒްމޫން ،27 ގައުމީ ޓީމަށް ކުޅެން ފެށީ 2014 ވަނަ އަހަރެވެ. އަޒްމޫން ވަނީ 2018ގެ ވޯލްޑް ކަޕްގައި އީރާނަށް ކުޅެފަ އެވެ. އަޒްމޫން މިހާރު ކުޅެމުން އަންނަނީ ޖަރުމަނުގެ ބަޔާން ލެވަކޫޝަން އަށެވެ. އަޒްމޫން ވަނީ އީރާންގެ ޓީމަށް ކުޅުނު ފުރަތަަމަ 30 މެޗުގައި 23 ލަނޑު ޖަހައިފަ އެވެ.

މެހެދީ ތަރެމީ

ޔޫރަޕްގެ މަތީފަންތީގެ ކުލަބެއް ކަމުގައިވާ ޕޯޗުގަލް ގެ ޕޯޓޯއަށް ކުޅެމުން އަންނަ މެހެދީ ތަރެމީ އަކީ އީރާން ޓީމުގެ ފޯވާޑް ލައިންގެ މައި ތަނބެވެ. ޕޯޓޯގައި ވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ މެހެދީ ތަރެމީ ވަނީ ޕޯޓޯއަށް މިހާތަނަށް ކުޅެދިން 75 މެޗުގައި 41 ގޯލު ޖަހާފައެވެ. 2015 ވަނަ އަހަރު އިރާންގެ ސީނިއަރ ޓީމަށް ކުޅެން ފެށި މެހެދީ ތަރެމީ ވަނީ މިހާތަނަށް ކުޅެދިން 60 މެޗުގައި 28 ގޯލު އިރާން ޓީމަށް ކާމިޔާބު ކޮށްދީފައެވެ. އުމުރުން 30 އަހަރުގެ މެހެދީ ތަރެމީ ވަނީ 2020 ވަނަ އަހަރު ޕޯޗުގަލްގެ ޕްރިމެރާ ލީގާގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއާގެ މަގާމުވެސް ހޯދާފައެވެ.

ގުރޫޕުގައި އޮތް ފުރުސަތު

އީރާން ލައްވާލީ ނިސްބަތުން ވަރުގަދަ ގުރޫޕެއްގައެވެ. އެއީ ގުރޫޕް ބީއެވެ. މި ގުރޫޕުގައި އީރާންގެ އިތުރުން އިންގްލެންޑް، އެމެރިކާ އަދި ވޭލްސް ހިމެނެއެވެ. މިއީ ދެވަނަ ބުރަށް ދިއުމަށް އީރާނަށް ފަސޭހަ ގުރޫޕަކަށް ނުވާނެއެވެ.