އެސްޓީއޯ އިން ރާއްޖެ އެތެރެކޮށް މާކެޓުކުރަމުން އަންނަ މަކިޓާ ބްރޭންޑުގެ އާ އުފެއްދުންތައް ތައާރަފުކޮށް "މަކީޓާ ނައިޓު" ގެ ނަމުގައި ހަފްލާއެއް ބާއްވައިފިއެވެ.

މި ހަފްލާ ބާއްވާފައިވަނީ ރޭ މެންހަޓަން ބިޒްނަސް ހޮޓެލްގައެވެ. މި ހަފްލާގައި އެސްޓީއޯގެ މުވައްޒަފުންނާއި މަކިޓާގެ ސަޕްލަޔަރުންނާއި ގިނަ އަދަދެއްގެ ސްޓޭކްހޯލްޑަރުން ބައިވެރިވިއެވެ.

Ad
rt

މި ހަފްލާގައި އެސްޓީއޯގެ މާކެޓިން ކޮމިއުނިކޭޝަންގެ ޖެނެރަލް މެނޭޖަރު މަރިޔަމް ޕަރުވީން އަބްދުލްފައްތާހު ވިދާޅުވީ މަކިޓާގެ ސަޕްލަޔަރުންނާއި ގިނަ އަދަދެއްގެ ސްޓޭކްހޯލްޑަރުން އެއްތަނަކުން ބައްދަލުވުމަކީ މަކިޓާ ނައިޓް ހާއްސަވާ ސަބަބެއް ކަމަށެވެ. އެ ފަރާތްތަކާ އެކު އޮންނަ ގުޅުން ބަދަހިކޮށް އިތުރަށް ހަރުދަނާކުރުމަކީ "މަކީޓާ ނައިޓް" ގެ މުހިންމު މަގްސަދެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޕްރަވީން ވިދާޅުވީ މަކިޓާއިން ރާއްޖޭގެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ކަމަށާއި އޭގެ ހެއްކަކީ މިހާރު މަކިޓާގެ އުފެއްދުންތަކަށް ހާއްސަ ޝޯރޫމެއް ހުޅުވިފައި ހުރުން ކަމަށެވެ.

"މަކީޓާ ބްރޭންޑު 1998 ގައި އެސްޓީއޯއާ ގުޅި، ރާއްޖެއަށް މާކެޓުކުރަން ފެށީއްސުރެ ޕްރޮޑަކްޓު ރޭންޖު އިތުރު ވަމުން އައިސް ރާއްޖޭގެ ގިނަ ބައެއްގެ މަގުބޫލުކަން ވަނީ ހޯދައިފައި. އޭގެ ހެއްކަކީ މަކީޓާގެ ޝޯރޫމެއް ހުޅުވުން،" ޕަރުވީން ވިދާޅުވިއެވެ.

މަކިޓާއިން އަލަށް ނެރޭ އުފެއްދުންތަކާ ގުޅޭ މައުލޫމާތު ސްޓޭކް ހޯލްޑަރުންނާ ހިއްސާ ކޮށްފައިވާއިރު މި އުފެއްދުންތަކަކީ "ކޯޑުލެސް" ނުވަތަ ކަރަންޓު ވާގަނޑަކާ ނުލައި ފަސޭހައިން ބޭނުންކުރެވޭގޮތަށް ތައްޔާރުކޮށްފައިވާ ތިމާވެއްޓާ ރައްޓެހި އުފެއްދުންތަކެވެ.

ރޭގެ ހަފްލާގައި އެސްޓީއޯ މަކީޓާ ޝޯރޫމުން ލިބެން ހުރި، އެ ބްރޭންޑުގެ އާ ޕްރޮޑަކްޓްތައް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ވެސް ސްޓޭކްހޯލްޑަރުންނާއި ބައިވެރިންނަށް ދިނެވެ.