ސަރުކާރުން ނަގާފައިވާ ދަރަނިތައް އަދާކުރުމުގައި އެއްވެސް ދަތި ކަމެއް ނެތް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އަނެއްކާވެސް ވިދާޅުވެއްޖެއެވެ.
އަމީރު މިފަދައިން ވިދާޅުވީ ރާއްޖޭގެ އިގްތިސާދުގެ ހާލަތާ ގުޅޭ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައެއް މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންމެވެ. އަމީރު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު ހިނގަނީ އަންދާޒާ ކުރި ވަރަށް ވުރެ ރަނގަޅަށް ކަމަށެވެ.
އަމީރު ވިދާޅުވީ މިދިޔަ އަހަރު ރާއްޖޭގެ އިގްތިސާދު 37 އިންސައްތަ އިތުރުވާނެ ކަމަށް ލަފާ ކުރިނަމަވެސް އެއަށްވުރެ ބޮޑަށް އިގްތިސާދު ކުރިއެރިކަމަށެވެ. އެގޮތުން، ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު 41.6 އިންސައްތައިގެ ކުރިއެރުން ލިބުނު ކަމަށް އޭނާ ވިދާޅުވިއެވެ.
ދުނިޔޭގެ ނިސްބަތުން ވެސް ކޮވިޑަށް ފަހު އެންމެ ބާރަށް ކުރިއަރަމުން އަންނަ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަންވެސް އަމީރު ފާހަގަކުރެއްވިއެވެ.
އަމީރު ވިދާޅުވިގޮތުގައި، ރާއްޖޭގެ އިގްތިސާދު އޮތް ހާލަތަށް ބަލައި ދަރަނި ދެއްކުމުގައި މިހާތަނަށް އެއްވެސް އުނދަގުލެއް ނެތް ކަމަށެވެ. ކުރީގެ ފަސް އަހަރުގައި ނަގާފައި ހުރި ދަރަނިތައް ވެސް 2020 ވަނަ އަހަރުގެ އެންމެ އުނދަގޫ ދަނޑިވަޅުގައި ދައްކާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނަގާފައިވާ ދަރަނިތަކުގެ އަދަދު 39 ބިލިއަން ރުފިޔާ އަށް އަރާ ކަމަށާއި މި ސަރުކާރުން ކޮވިޑްގެ ދަތި ހާލުގައި މުސާރަ ދިނުމަށް ދަރަނި ނަގައިގެން ވެސް އެ އަދަދު 37 ބިލިއަން ރުފިޔާގައި ހިފަހައްޓާގައި ހުރި ކަމަށެވެ.
ދައުލަތުގެ މި އަހަރުގެ ބަޖެޓު ޑެފިސިޓް ވާނެ ކަމަށް ލަފާކުރީ 9.8 ބިލިއަން ރުފިޔާގައި ކަމަށް ވިޔަސް މިހާރުގެ ތެލުގެ އަދަދު ބޮޑުވެ، ސަބްސިޑީ އިތުރުވުމުން އެ އަދަދު 11 ބިލިއަން ރުފިޔާ އަށް އިތުރު ވާނެ ކަމަށް ވެސް އަމީރު ލަފާކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!