މި އަހަރު ރާއްޖެ ޓީވީ އަދި އައިސް ޕްލަސްއާ ގުޅިގެން މީޑިއާނެޓުން ގެނެސްދޭން ނިންމާފައިވާ ފީފާ ވޯލްޑް ކަޕްގެ ކަވަރޭޖުގެ ޓައިޓަލް ޕާޓްނަރުގެ ގޮތުގައި އުރީދޫ ހަމަޖައްސައިފިއެވެ.
އިއްޔެ ސޮލައިޓް ރެސްޓޯރެންޓްގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ޕާޓްނާޝިޕް އެއްބަސްވުމުގައި އުރީދޫގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހާލިދު އަލް ހަމަދީއެވެ. މީޑިއާނެޓްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އަދި އެމްޑީ އަހުމަދު ޝަފީއުއެވެ
މި ރަސްމިއްޔާތުގައި އައިސް ޕްލަސް އަދި ރާއްޖެ ޓީވީގެ ފަރާތުން ވެސް ވަނީ އުރީދޫއާއެކު ޕާޓްނާޝިޕް އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުރީދޫގެ ސީއީއޯ ހާލިދު ވިދާޅުވީ ދިވެހިންގެ ހިތްތަކުގައި ފުޓްބޯޅައާމެދު ހާއްސަ ލޯތްބެއް އުފެދިފައިވާ ކަމަށެވެ. އަދި ފުޓްބޯޅައަކީ އުރީދޫ ގްރޫޕާ ވެސް ވަރަށް ގާތްކަމެއް އޮންނަ ކުޅިވަޅެއް ކަމަށާއި އުރީދޫގެ އަމާޒަކީ ދިވެހި ސަޕޯޓަރުންނަށް ވޯލްޑް ކަޕް ބެލުމުގައި ފޯރިގަދަ ތަޖުރިބާތަކެއް ހޯދައިދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.
"މި އަހަރުގެ ވޯލްޑްކަޕަށް އަޅުގަނޑުމެންގެ އަމާޒަކީ ދިވެހި ސަޕޯޓަރުންނަށް ކުލަގަދަ، އަދި ފޯރިގަދަ ތަޖުރިބާތަކެއް ހޯދައިދިނުން. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށް މެޗުތައް ބަލައިލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް މީޑިއާނެޓާ މިއަދު މި ޕާޓްނަޝިޕް ގާއިމު މިކުރީ ނުހަނު އުފަލާއެކު،" ހާލިދު ވިދާޅުވިއެވެ.
މީޑީއާނެޓްގެ ސީއޯއޯ އަހުމަދު ނަބާހް ވިދާޅުވީ މިއަހަރު ރާއްޖޭގެ ތާރީހުގައި ވެސް އަލަށް، ވޯލްޑްކަޕް ހަމަ އެކަނި ސައްތައިން ސައްތަ ދިވެހި ޗެނަލްތަކަކުން ފެނިގެންދާނެ ކަމަށެވެ. އެކަމަށް އުރީދޫގެ އެއްބާރުލުން ލިބިގެން ދިއުމަކީ މީޑިއާނެޓަށް ވެސް ލިބިގެންދާ ޝަރަފެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މިއަހަރުގެ ފީފާ ވޯލްޑް ކަޕް ފެށުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!