އިޓާލިއަން ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ސައްސުލޯ ބަލިކޮށް، އެޓްލާންޓާ ލީގު ތާވަލުގެ އެއްވަނަ މަގާމަށް ޖެހިލައިފިއެވެ.
އެޓްލާންޓާ ތާވަލުގެ އެއްވަނައިގައި އޮތީ ދެވަނައިގައި އޮތް ނަޕޯލީއަށްވުރެ އެއްމެޗު އިތުރަށް ކުޅެގެންނެވެ. މިއަދު ކުޅޭ މެޗުން މޮޅުވެގެން ނަޕޯލީއަށް އަބުރާ ތާވަލުގެ އެއްވަނަ މަގާމަށް އެރޭނެއެވެ.
ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުގައި ފުރަތަމަ ގޯލުޖަހައި ލީޑު ނެގީ ސައްސުލޯއިންނެވެ. މެޗުގެ 41 ވަނަ މިނެޓުގައި މިގޯލު ކާމިޔާބު ކޮށްދިނީ ކިރިޔާކަޕާލެސް އެވެ. އޭގެ 4 މިނެޓުފަހުން އެޓްލާންޓާ ވަނީ ގޯލެއް ޖަހައި މެޗުގެ ނަތީޖާ ހަމަ ހަމަ ކޮށްފައެވެ. މި ގޯލު އެޓީމަށް ކާމިޔާބު ކޮށްދިނީ މާރިއޯ ޕަސަލިޗް އެވެ. ފުރަތަމަ ހާފު ނިމުނީ 1-1 ގެ ނަތީޖާއިން ދެޓީމު އެއްވަރު ވެގެންނެވެ.
ދެވަނަ ހާފު ފަށައިގެން ފުރަތަމަ މިނެޓުގައި ގޯލެއްޖަހައި މެޗުގެ ފުރަތަަމަ ފަހަރަށް އެޓްލާންޓާއިން ވަނީ ލީޑު ނަގާފައެވެ. މި ގޯލު އެޓީމަށް ކާމިޔާބު ކޮށްދިނީ އެޑެމޯލާަ ލުކްމާން އެވެ.
އެޓްލާންޓާ އިން ގޯލާ އަމާޒު ކޮށް 4 ހަމަލާއެއްވަނީ ފޮނުވައިލާފައެވެ. އެޓްލާންޓާ ގެ ގޯލާއި އަމާޒަށް ސައްސުލޯއިންވަނީ 3 ހަމަލާއެއް ފޮނުވައިލާފައެވެ. މެޗުގައި ގިނަވަގުތު ބޯޅަ ހިފާއްޓައިގެން ކުޅެފައިވަނީ ސައްސުލޯއިންނެވެ.
ހޮނިހރުދުވަހުގެރޭ އިޓާލިއަންލީގުގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، އެމްޕޮލީ ވަނީ 1-0 ގެ ނަތީޖާއިން މޮންޒާގެ މައްޗަށް ކުރި ހޯދާފައެވެ. ޓުރިނޯ އެފްސީގެ މައްޗަށް ޔުވެންޓަސް ކުރިހޯދީ 1-0 ގެ ނަތީޖާއިންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!