ތިބާއަކީ އެއްވެސް މިންވަރެއްގެ ނިންމުމެއް ނިންމުމުގައި މީހުން ކިޔާފާނެ އެއްޗަކަށް، ވިސްނަފާނެ އެއްޗަކަށް ނުވަތަ މީހުންނަށް ހީވެދާނެ ގޮތަކާއިމެދު ފިކުރުބޮޑުވެ ނިންމުމެއް ނިންމަން އުންދަގޫވާ ފަރާތެއްތޯއެވެ؟ މީހުންގެ ފާޑުކިޔުންތަކަށް ވިސްނައި އޭގެ ސަބަބުން ތިބާގެ ޤާބިލިއްޔަތުކަމާއި ކަންކަމަށް ހުންނަ ކެރުމަށް އެއްވެސް ވަރެއްގެ އަސަރެއް ކުރުވާތޯއެވެެ؟ އެހެން ކަމަށް ވާނަމަ މިކަމުން ފަސޭހައެއް ލިބިގަންނާނީ ކިހިނަކުންތޯއެވެ؟

އާދެ އެހެން މީހުންގެ ފާޑުކިޔުންތަކަށް އަހަންމިއްޔަތުކަން ދިނުމަކީ މުޅިއަކުން ގޯސްކަމެއް ނޫނެވެ. ޙަޤީޤަތަށް ދަންނަވާނަމަ، މިއީ ޙާލަތުގެ ގޮތުން ކުރުން ރަނގަޅުވެސް ކަމެކެވެ. ސަބަބަކީ، ބައެއް ފާޑުކިޔުންތަކުން ފައިދާކުރާކަމެވެ. ތިބާގެ ގާތްތިމާގެ މީހުން ނުވަތަ ރަނގަޅު ރަހުމަތްތެރިންގެ ބަސްތަކުގައި ކޮންމެވެސް މިންވަރެއްގެ އޮއްޓަރެއް ހުރުން ގާތެވެ. މައްސަލައަކަށް ވެގެން މިދަނީ، ނުވެސް ދަންނަ ބީރައްޓެހިންގެ ބަސްބަހަށް ވިސްނާ ފިކުރުކުރެވި، ނުވަތަ ނުރަނގަޅު (ޓޮކްސިކް) ރަހުމަތްތެރިންގެ ފާޑުކިޔުންތަކުން ތިބާގެ ސިކުނޑީގެ ހިތްހަމަޖެހުމަށް ބުރޫއަރާތީއެވެ. ކުރުކޮށް ފޮނިކޮށް ބުނާނަމަ ރަނގަޅު ފާޑިކިޔުމާއި ނުބައި ފާޑުކިޔުން ވަކިކުރަން ނޭގުމެވެ.

Ad
rt

ބައެއްމީހުން މިކަމުން ފަސޭހަކަން ލިބިގަންނަނީ، މީހުން ދައްކާ ވާހަކަތަކާއި މެދު އެއްވެސް މިންވަރެއްގެ ފަރުވާލެއް ނުބަހައްޓާ އަމިއްލަ މީހާގެ ވިސްނުމުގެ މައްޗަށް ކަންތައްތައް ބިނާކޮށްގެންނެވެ. އަމިއްލަ މީހާވަށައި ފާރެއް ރާނައި އެންމެން ދުރުކޮށްލައިގެންނެވެ. ދިރާސާތަކުން ދައްކާގޮތުގައި މިއީ ޢަމަލުކުރަން އެންމެ ރަނގަޅުގޮތެއްނޫނެވެ. ސަބަބަކީ، ތިމާމީހާށް ނުރަނގަޅު އެތައް ނިންމުތަކެއް ނިންމިގެން ގޮސްދާނެތީއެވެ.

މެންޓަލް ހެލްތް އެކްސްޕާޓުންގެ ރަޢުޔަކީ، އަމިއްލަ ނަފްސް އެކަހެރި ކޮށްލުމުގެ ބަދަލުގައި ތިބާ އެންމެ ގިނައިން ވަގުތު ހޭދަކުރާ މީހުންނަށް ނަޒަރު ހިންގައި، ތިބާއަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީގޮތުން ހެޔޮއެދޭ އެކުވެރިން އިޚްތިޔާރުކުރުމެވެ. ބައެއް އެކުވެރިންނަކީ އެމީހަކު ފެނުމުންވެސް ނަޞޭޙަތަކަށް ފުދޭ ބައެކެވެ. އެމީހުންނާއިމެދު ވިސްނާލުމުންވެސް ހިތްވަރު ލިބިގެންދާ މިތުރުންނެވެ. އެފަދަ އެކުވެރިންނާއި އެކު ވަގުތު ހޭދަކުރުން ވެގެންދާނީ ފައިދާ ކުރަނިވި އަދި ހިތާއި ސިކުނޑިއަށް ލިބިގެންދާ ހިންހަމަޖެހުމަކަށެވެ.

ދެން އުފެދޭ ސުވާލަކީ، ޙަޔާތުގައި ހިމެނޭ ޓޮކްސިކް މީހުންނާއި ދުރުވާނީ ކިހިނެތްހެއްޔެވެ؟ ފަސޭހަކަމަކަށް ނުވެދާނެއެވެ. ކިތަންމެ ނެގެޓިވް ނުފޫޒެއް ގެނުވައިދޭ ބައެއްކަމުގައި ވިޔަސް، ގިނަފަހަރަށް އެބައެއް ޙަޔާތުން ދުރުކޮށްލުން ވެގެންދާނީ ގިނަބަޔަކަށް އުނދަގޫ ކަމަކަށެވެ.

ނަމަވެސް ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، ތިބާގެ ކަންކަމަށް ޖަދަލުކުރާ، ތިބާގެ އިހްސާސްތަކާއި މެދު އެއްވެސް ފިކުރެއް ނެތި ބަސްބުނާ، އަދި އެބައެއްގެ ބަސްތަކުން ތިބާއަށް ނޭދެވޭ އަސަރު ކުރުވާ ރަޙުމަތްތެރިންނަކީ ޙަޤީޤީ ރަޙުމަތްތެރިން ނޫނަކަމެވެ.

ބިހޭވިއާ ސްޕެޝަލިސްޓުންގެ ރަޢުޔަކީ، އެފަދަ މީހުންނަކީ އަމިއްލަ ނަފްސް މަތިވެރި ކުރުމައްޓަކައި އެކީގައި އުޅޭ އެހެން މީހުން ދަށްކޮށްލާބައެއްކަމެވެ. މިފަދަ މީހުން ދެނެގަންނާނީ ކިހިނަކުންބާއެވެ؟

ތިބާގެ އާންމު ދިރިޢުޅުމަށް ނަޒަރުހިންގާލާށެވެ. ތިބާ ވަގުތު ހޭދަކުރާ މީހުންނަކީ ގޮސިޕް (ޣީބަ) ބުނަން ދެވިހިފާފައިވާ ބައެއްނަމަ އަދި އެހެން މީހުންގެ ގޯސްވާހަކަ ތިބާގާތު ދައްކާމީހެއް ކަމުގައިވާނަމަ, ތިބާގެ ގޯސް ވާހަކަ ދެއްކުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އަދި އެހެން މީހުންގެ ކަންކަމަށް ކަޅިހިންގައި ފާޑުކިޔާ އަމިއަލައަށް ފެންނަގޮތަށް ބަސްބުނާނަމަ، ތިބާގެ ކަންކަމަށްވެސް ގޯސް ނަޒަރަކުން ބަލައި އެހެން މީހުންގާގު ތިބާގެ ދިރިއުޅުމުގެ ވާހަމަ ނޭދެވޭ ގޮތަކަށް ދެއްކުން ގާތެވެ. އެފަދަ އެކުވެރިންނާއި ގާތް އެހެންމީހުންނާއި ދުރުހެލިވުމުން ތިބާގެ ހިތާއި ސިކުނޑި ޝުކުރުވެރިވާނެކަން ޔަޤީނެވެ.

އާދެ! ތިބާގެ އަމިއްލަ ޙަޔާތާއިމެދު އަދި ޢަމަލުތަކާއި މެދު ވިސްނާ ފިކުރު ކުރާށެވެ. ތިބާގެ އުޅުން އެންމެ ދިމާވަނީ ކޮންބަޔަކާއިތޯ، އަދި ތިބާގެ އުނިކަންތައްތައްވެސް ހެޔޮހިތުން ޤަބޫލުކުރާ، ތިބާގެ ކުރިއެރުންތަކަށް ހަސަދަވެރިނުވާ މީހުންނާއިއެކު ވަގުތު ހޭދަކުރާށެވެ. އެބައެއްގެ ރަޢުޔާއި، ނަޞޭޙަތާއި ފައިދާކުރަނިވި ފާޑުކިޔުންތަކަށް އަމިއްލައަށް އަހަން ކެރޭފަދަ ބައެއް އިޚްތިޔާރުކުރާށެވެ. ހަމަ ގައިމުވެސް މީހުން ކިޔާފާނެ އެއްޗަކަށް އޭރުން މާބޮޑު ސަމާލުކަމެއް ނުދެވޭނެއެވެ. إن شاء الله‎.