މި ދުވަސް ވަރަކީ ވިއްސާރަ ދުވަސްވަރެކެވެ. މޫސުން ގޯސް ދުވަސްވަރެއްގައި އަބަދު ޝަކުވާއަކަށް ވެފައި އޮންނަނީ މާގިނައިން ވާރޭވެހުމުން ތަންތަނަށް ނުދެވ،ި ކުރަން ބޭނުންވާ ކަންކަން ނުކުރެވޭ ވާހަކަ އެވެ. ނަމަވެސް ވާރޭ ވެހުމުން އެކަމުގެ އުފާ ލިބިގަންނަ މީހުން ގިނަ އެވެ.
ބޯކޮށް ވާރޭވެހޭ ވަގުތު ހަމަ ހިމޭން ކަމާއި އެކު އެ އަޑު އަހާލަން އިންނަ ނަމަ އެހެން ކަންކަން ނުކުރެވި ތިބެއް ޖެހޭ ކަމުގެ އިހުސާސެއް ނުވާނެ އެވެ. އަދި އެކަމުން ހަށިގަނޑަށް ލިބޭ ފައިދާ އެނގޭ ނަމަ ހާއްސަކޮށް ވާރޭ ވެހޭ އަޑު އަހާލަން އިންނަން ބޭނުން ވާނެ އެވެ.
މާލެއާއި ހިލާފަށް ވާރޭ ވެހޭ ހިތްގައިމު އަޑު އެންމެ އަރާމުކޮށް ލިބޭނޭ އެއްތަނަކީ އަތޮޅުތެރޭގެ ހިތްގައިމު މާހައުލެވެ. ހަނދާނަށް ގެނުވަނީ ރަށްރަށުގައި އުޅޭއިރު ވާރޭ ވެހޭ ވަގުތު ގެނުވާ އިޙްސާސްތަކުގެ މަތިންނެވެ. ފުރާޅަށް ވާރޭ ވެހޭ މަޑުމަޑު އަޑަކީ އަރާމު އިހުސާސެއް ކުރުވާ އަޑެކެވެ. ވާރޭގެ އަޑަކީ ދުނިޔޭގައިވެސް އެންމެ ހަމަޖެހޭ އަދި ސިކުނޑިއަށް ލުއިކޮށްލާ އެއް އަޑެވެ.
އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކަށް ވާރޭގެ އަޑަކީ ހިތްހަމަޖެހޭ އަދި ހަމަޖެހުން ލިބޭ އަޑެކެވެ. އެއީ އަރާމުލިބި ނިދުމަށް އެހީތެރިވެދޭނެ އަޑެކެވެ. އަދި ސްޓްރެސް އާއި ހާސްކަން މެނޭޖް ކުރުމަށް ވެސް ވަރުގަދަ ވަސީލަތެކެވެ. އެއް ދިރާސާއަކުން ދައްކާ ގޮތުގައި ވާރޭ ވެހޭ އަޑުގެ ރެކޯޑިންތައް އަޑުއެހި ބައިވެރިންގެ ސްޓްރެސް ހޯރމޯން ކޮރޓިސޯލްގެ މިންވަރު ދަށްވެފައިވެ އެވެ. އެހެން ދިރާސާއަކުން ދައްކާ ގޮތުގައި ވާރޭގެ އަޑުތައް އަޑުއެހުމުން ހާސްކަމުގެ މައްސަލަތައް ހުންނަ މީހުންގެ (އެންޒައިޓީ) ހާސްކަން މަދުވެ، ލުއިކަން އިހުސާސް ކުރެވެ އެވެ.
އަދި ތިންވަނަ ދިރާސާއަކުން ދައްކާ ގޮތުގައި ވާރޭގެ އަޑުތައް އަޑުއެހުމުން ނިދި ނުލިބޭ މީހުންނަށް ނިދި ރަނގަޅުވެ. ނިދިން ހޭލެވެނީ މާ އަރާމު ކަމުގެ އިހުސާސް ކުރެވިގެންނެވެ. އަދި ވާރޭގެ އަޑުގެ ސަބަބުން ފޯކަސް ކުރުމަށާއި އުފެއްދުންތެރި ވުމަށް ވެސް އެހީތެރިވެދެވިދާނެ އެވެ. އެއް ތަޖުރިބާއެއްގައި ބެކްގްރައުންޑް ގައި ވާރޭވެހޭ އަޑު ހުންނަ އޮފީހެއްގައި މަސައްކަތްކުރާ މީހުންނަކީ ހަމަހިމޭން އޮފީހެއްގައި މަސައްކަތްކުރާ މީހުންނަށް ވުރެ އުފެއްދުންތެރި އަދި ސަމާލުކަން ދިނުމުގައި ރަނގަޅު ބައެއްކަން ފާހަގަ ކުރެވުނެވެ.
މާލޭގައި ދުވަސްކޮޅަކު މަޑުކުރުމަށްފަހު ރަށްކަށް ދިއުމުން އެ ލުއި އިހުސާސް ކުރެވޭނެ އެވެ. އެއީ ގުދުރަތީ މާހައުލުގައި އުޅުމަކީ ތިމާގެ ދުޅަހެޔޮކަމަށް ރަނގަޅު ކަމަކަށް ވާތީ އެވެ. އެއީ ގުދުރަތުން އިވޭ އަޑުތަކުގެ ސަބަބުން ކުރުވާ އިޙްސާސްއެވެ. ޖަނަވާރުތަކާއި ފެނާއި ވައިގެ އަޑު ފަދަ ގުދުރަތީ އަޑުތަކަކީ ސްޓްރެސްގެ މިންވަރު ދަށްވުމާއި، އުނދަގޫވުން މަދުވުމާއި، މޫޑު ރަނގަޅުވުމާއި، އަދި ކޮގްނިޓިވް ފަންކްޝަން ރަނގަޅުވުމާ ގުޅުންހުރި އަޑުތަކެކެވެ.
އަޅުގަނޑުމެން އިންސާނުންނަށް ޤުދުރަތުގެ އަޑުތަކަކީ ހިތްގައިމު އަޑުތަކެއް ކަމުގައިވާއިރު، ހިތްގައިމު އަޑުތަކަކީ ރަނގަޅު ޞިއްޙަތާ ގުޅިފައިވާ އަޑުތަކެކެވެ. ތޮއްޖެހިފައިވާ ސިޓީތަކުން ފެންނަ އާބަން އަޑުތައް އަޑުއެހުމާ ޚިލާފަށް ގުދުރަތީ އަޑުތައް އަޑުއިވުމުން އެމީހުންނަށް މާ ހަކަތަވެރިކަމާއި ސްޓްރެސް ކުޑަކަން އިހުސާސް ކުރެވެއެވެ. މީގެ އިތުރުން ކަނބޮޑުވާފަދަ ބޮޑު ހާދިސާއަކަށްފަހު ގުދުރަތީ އަޑުތައް އަޑު އެހުމުން އަވަހަށް ރަނގަޅުވުމަށް އެހީތެރިވެދޭއިރު، އާބަން އަޑުތަކަށްވުރެ އަވަހަށް ސްޓްރެސް ކުޑަވެގެންދެއެވެ.
ވާރޭގެ އަޑުން މީހާ ރިލެކްސްކޮށް އުފެއްދުންތެރިކަން އިތުރުކުރުމަށް އެހީތެރިވެދެއެވެ. ވާރޭ ވެހެން ފަށާ ކޮންމެ ފަހަރަކު ގުދުރަތުން ކުޑަދޮރުގައި ޓަކިޖަހައި، ހަކަތައާއި ރަނގަޅު ސިއްހަތާއި ރަނގަޅު މޫޑަކާ ގުޅިފައިވާ ހިތްގައިމު އަޑު ގެނެސްދެއެވެ.
2019 ވަނަ އަހަރު ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ވާރޭގެ އަޑުން ހިސާބު ހެދުމުގައި ޕާފޯމަންސް އިތުރުކޮށްދެއެވެ. ސިކުނޑީގެ ހަރަކާތަށް އެކަމުގެ ސަބަބުން އިތުރު އެހީއެއް ލިބި ވިސްނުމުގައި އިތުރަށް ފަސޭހަވެގެން ދެއެވެ. މި ދިރާސާގައި ބައިވެރިން ބުނެފައިވަނީ ވާރޭގެ އަޑުތަކުން ހިސާބުގެ މައްސަލަތައް ހައްލުކުރުމަށް އިތުރު އެހީއެއް ލިބޭކަމަށް ބުނެފަ އެވެ. އެ އަޑުގެ ސަބަބުން އެމީހުން ހިސާބުގެ މައްސަލަތައް ހައްލުކުރުމުގައި މާ ޞައްޙަ އަދި އަވަސްކަން ކަށަވަރުވިއެވެ.
އިނގިރޭސިވިލާތުގެ ނޯތް ލަންޑަން މިއުޒިކް ތެރެޕީގެ ޑިރެކްޓަރު އަދި މިއުޒިކް ފިޒިއޮތެރަޕިސްޓެއް ކަމަށްވާ މަރިއާނޭ ރިޒްކައްލާހް ބުނީ އިތުރު އަޑަކަށް ސަމާލުކަން ނުދީ ވާރޭ ވެހޭ އަޑުއަހަން އިނުމަކީ ވިސްނުންތަކާއި ދުރުކޮށްދޭ ކަމެއް ކަމަށެވެ. އެ އަޑަކީ ހިތުގެ ވިންދާއި އިހުސާސްތަކާއި ކުޅެލާ އަޑެއް ކަމަށާއި ވާރޭ ވެހޭ އަޑު ހިމޭން ކަމާއި އެކު އަހަން އިނުމުން ހަށިގަނޑުގެ މުޅި ނިޒާމަށް އޭގެ އަސަރު ކުރާނެ ކަމަށެވެ.
މަރީިއާނޭ ބުނީ ގޭތެރޭގައި އިންނައިރު އެއީ މާ ގަދަ އަޑަކަށް ނުވާނެ ކަމަށެވެ. އަދި ވާރޭގެ އަޑަކީ ކުއްލި ސިހުމެއް ލިބޭ ނުވަތަ ހައިރާން ކަމެއް ލިބޭ އަޑަކަށް ނުވުމުން މީހާގެ އިހުސާސްތައް ސިކުނޑިއަށް ނަގައިގަނެވޭލެއް އަވަސްވާނެ ކަމަށެވެ. އެ ގައުމުގެ ފިޒިއޮތެރަޕިސްޓެއް އަދި ވާހަކަ ލިޔުންތެރިއެއް ކަމަށްވާ ކެތަރިނާ ޖޯޖިއޯ ނެރެން ހަމަޖައްސާފައިވާ ފޮތެއްގައި ބުނެފައިވާ ގޮތުގައި ފިކުރު ކުރުމާއި ދުރުވުމަށް ވާރޭ ވެހޭ އަޑު އަހާލަން އިނުމަކީ ހިއްސުތަކަށް ހަމަޖެހުން ލިބި، ހިތާމަތަކާއި ހިތްހަމަ ނުޖެހޭ ކަންކަމުން ދުރުކޮށްދޭ ކަމެއްކަމަށެވެ.
އޭނާ ބުނެފައިވާ ގޮތުގައި ހާއްސަކޮށް ފިކުރުބޮޑުވެ ހަދާނެ ގޮތް ހުސްވާ ވަގުތާއި ދިރިއުޅުން މަތިން ފޫހިވާ ވަގުތުގައި ވާރޭގެ އަޑުން މީހާ ހަމައަކަށް އަޅުވާލަ އެވެ. ހަމަ އެގޮތަށް ވާރެއާއި ތެމުމަކީވެސް ހަށިގަނޑުގެ ބޭރުފުށަށްވެސް އޭގެ ފައިދާކޮށް ހަމަޖެހުން ގެނެސްދޭ ކަމެކެވެ. ތަޖުރިބާކާރުންގެ މިފަދަ ވާހަކަތަކުން އެނގެނީ ބޮޑު ފައިދާއެއް ވާރޭވެހުމުން ހަށިގަނޑަށް ލިބޭ ކަމެކެވެ.
ވާރޭ ވެހުމަކީ އަޖައިބު ކުރުވަނިވި ކަމެކެވެ. އެތައް މިލިއަން އެތައް މިލިއަން ފެންތިކިތަކެއް ބިމާ ދިމާއަށް އަންނަނީ ހައިރާން ކުރުވަނިވި ގޮތަކަށެވެ. ބަލާ ފޫހި ނުވާ އަދި އުފާވެރިކަން ލިބޭ މަންޒަރެކެވެ.
ވާރޭ ވެހޭ ހިނދު ކުރެވޭ ދުޢާ އިޖާބަ ނުކުރައްވައި ދޫކޮށް ނުލައްވާކަމަށް އައިސްފައިވެއެވެ. ވުމާއެކު ވާރޭ ވެހޭ ވަގުތަކީ އަޅުގަނޑުމެންގެ ހުރިހާ އެދުންތަކައިގެން މާތްﷲ އަށް ދުޢާ ދަންނަވަން ލިބޭ ރަނުގެ ފުރުޞަތެކެވެ. ވާރޭ ވެހޭ ހިނދު އެވާރޭއަކީ، އަޅުގަނޑުމެންނަށް ހުރި ރަޙްމަތެއް ކަމުގައި ލެއްވުން އެދި ދުޢާ ކުރެއްވި ކަމަށް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުން އައިސްފައިވެއެވެ.
ވާރޭ ވެހޭ ހިނދު ކިޔާ ދުޢާ
"اللَّهُمَّ صَيِّبًا نَافِعًا"
"އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މިވާރޭ އަކީ ފައިދާހުރި ވާރޭއެއް ކަމުގައި ލައްވާނދޭވެ!"
ވާރޭ ވެހެން ފެށުމުން އެވާރޭއަކީ ގެއްލުމެއް ނެތް ފައިދާހުރި އެއްޗެއް ކަމުގައި ލެއްވުން އެދި ދުޢާ ކުރުމަކީ ވަރަށް މުހިންމުކަމެކެވެ. ވާރޭ ފެނަކީ މާތްﷲ ލައްވާފައިވާ އެކަލާނގެ ގިނަގުނަ ރަޙްމަތުގެ ތެރެއިންވާ ރަޙްމަތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!