އިކޮނޮމިކް މިނިސްޓްރީގެ އިސްނެގުމާއެކު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން މި އަހަރުގެ ތެރޭގައި ހުޅުވުމަށް ނިންމައިފައިވާ "އެސްއެމްއީ ހަބް" ގެ ފުރަތަމަ ފަންގިފިލާއިން ކިއޯސްކު ދޫކުރަން ނިންމައި އެ ކިއޯސްކުތަމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެ ކުންފުނިން ބުނި ގޮތުގައި މި ހަބުގެ ފުރަތަމަ ފަންގިފިލާއިން ދޫކުރާ ކިއޯސްކުތަކަކީ ކާބޯތަކެތީގެ ވިޔަފާރި ކުރުމަށްޓަކައި ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ކިއޮސްކުތައް ކަމަށެވެ.
ބީސީސީން މިފަދަ ހަބެއް ގާއިމުކުރުމުގެ މައިގަނޑު މަގުސަދަކީ އެކި ދާއިރާތަކުން ވިޔަފާރި ކުރައްވާ ފަރާތްތަކަށް މާކެޓް އެކްސެސް ހޯދައިދިނުމާއި، އެ ވިޔަފާރިތައް އިތުރު ހަރުފަތްތަކަށް ގެންދިއުމަށް އެހީތެރިވެދިނުން ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ. އެގޮތުން ފުރަތަމަ ފަންގިފިލާގެ ކިއޮސްކުތައް ޚާއްސަ ކުރެވިފައިވަނީ ކާބޯތަކެތި ތައްޔާރުކޮށް ވިއްކާ ފަރާތްތަކަށް ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.
ކިއޮސްކުތައް ކުއްޔަށް ނެގުމަށް ޝައުގުވެރިވާ ފަރާތްތަކަށް، އެ ތަން ބަލައިލުމުގެ ފުރުސަތު މި މަހުގެ 16 އަދި 17 ވަނަ ދުވަހުގެ މެންދުރު 2:00 އިން ހަވީރު 5:00 އަށް ވަނީ ހުޅުވާލައިފައެވެ.
މި ކިއޮސްކުތައް ކުއްޔަށްހިފުމަށް ޝައުގުވެރިވާ ފަރާތްތަކުން މި ފޯމު ފުރިހަމަކުރުމަށްފަހު، އީމެއިލް މެދުވެރިކޮށް sme.hub@bcc.mv އަށް ނުވަތަ ބީސީސީގެ މައި އޮފީސް، މ. ކަނީރުވިލާގެ ފުރަތަމަ ފަންގިފިލާ އަށް ހުށަހެޅޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!