އިދިކޮޅު އެންމެބޮޑު ސިޔާސީ ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން އިއްޔެ ބޭއްވި މުޒާހަރާ ރޫޅާލުމުން މިއަދުކުރިއަށްދާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.

މި މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވީ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް އެވެ.

Ad
rt

ދިވެހި މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ގޮވާލައި، ޕީޕީއެމް އިން އިއްޔެގެ މުޒާހަރާ ކުރިއަށްގެންދިޔައީ މާލޭ މަސްމާރުކޭޓު ސަރަހައްދުގަ އެވެ.

ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް ހުށަހެޅުއްވި މި މައްސަލައިގައި ވިދާޅުވީ މަސްވެރިންގެ ކަންބޮޑުވުންތަކާއި ގުޅިގެން އިއްޔެ މަސް މާރުކޭޓު ސަރަހައްދުގައި ކުރިއަށްދިޔަ މުޒާހަރާ ރޫޅާލުމުގައި ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާ ކަމަށާއި އެ މައްސަލަ މަޖިލީހުން ބައްލަވައިދެއްވުމަށެވެ.

މި މައްސަލަ މަޖިލީހުގެ ތަޅުމަށް ބަލައިގަތުމަށް ނެގި ވޯޓުގައި މައްސަލަ ބަލައިގަންނަން ނުފެންނަކަމަށް 23 މެމްބަރަކު ވޯޓު ދެއްވިއިރު، ބަލައިގަތުމަށް ވޯޓު ދެއްވީ 8 މެމްބަރުން ނެވެ. އަދި ވަކިގޮތަކަށް ނުފެންނަކަމަށް އެއް މެމްމަބަރަކު ވަނީ ވޯޓު ދެއްވާފަ އެވެ.

" އެއްވެ އުޅުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ގާނޫނު އަސާސީން ލިބިދީފައިވާ އަސާސީ ހައްގެއް. އެހައްގު ހަނިކޮށް މުޒާހަރާގައި ބައިވެރިވި އަންހެނުންގެ ކަރާމާތް ފުލުހުން ވަނީ ނަގާލާފަ. މިއީ ފުލުހުންގެ ގާނޫނާއި ކޯޑް އޮފް ކޮންޑަކްޓާ ވެސް ޚިލާފުކަމެއް." މެމްބަރު ހުސެއިން މުހައްމަދު ލަތީފް ވިދާޅުވި އެވެ.

މީގެ އިތުރުން ފުލުހުން އަމަލުކޮށްފައިވަނީ މުޒާހަރާގެ ބައިވެރިންނަށް އަނިޔާވާފަދަ ގޮތަކަށްކަން ފާހަގަކުރައްވާ މެމްބަރު ވިދާޅުވީ މިއީ ޑިމޮކްރަސީއާއި ޚިލާފު ކަންކަން ކަމަށެވެ. އަދި މިއީ އިދިކޮޅު ޕާޓީގެ ޒިންމާތަކާއި ހަރަކާތްތަކަށް ހުރަސް އެޅުމަށް ސަރުކާރުން އެންގުމުން ފުލުހުން ހިންގި ޣައިރު ގާނޫނީ އަމަލެއް ކަމަށެވެ.

މަސްވެރިންގެ މާރުކޭޓު ސަރަހައްދަށް އެއްވި މީހުންގެ ތެރެއިން 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. މުޒާހަރާ ފެށިތާ މާގިނައިރެއް ނުވެ ފުލުހުން ވަނީ އެ މުޒާހަރާ ރޫޅައިލާފަ އެވެ.