ކުރީގެ ރައީސް، ޔާމީން އަބުދުލް ޤައްޔޫމް ސަރުކާރު ހިންގެވި ދުވަސްވަރު މާބަނޑުވި މީހުންގެ ބަނޑުގައި ތިބި ދަރިންނަށް ވެސް ބޭއިންސާފުގެ އަސަރު ކުރިކަމަށް ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ.

ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީގެ ޕީޖީ ގްރޫޕްގައި ހިމެނިވަޑައިގަންނަވާ ސައުދު މިހެން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

ސަރުކާރުގެ ފަރާތުން ކެޔޮދޫ ދާއިރާގެ މެންބަރު ހުސައިން ޤާސިމް މަޖިލީހަށް ހުށަހަޅުއްވާފައިވާ، ފަނޑިޔާރުންގެ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގެ މަރުޙަލާގައި އެ ބިލަށް ތާއީދު ކުރަށްވާ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ސައުދު ވިދާޅުވީ، އެވަގުތަކާއި ހާލަތާއި ގުޅިގެން ގެންނަންޖެހޭ އިސްލާޙެއް ގެންނަންޖެހޭ ކަމަށެވެ.

ސައުދު ވިދާޅުވީ، ރައީސް ޔާމީންގެ ދުވަސްވަރު ރާއްޖޭގެ ޖުޑިޝަރީ އޮތް ގޮތުގެ ވާހަކަ އަލުން ދެއްކުމުގެ ބޭނުން އޮތްހެން ހީފުޅުނުވާ ކަމަށެވެ. އޭރު މާބަނޑު މީހުންގެ ބަނޑުގައި އޮތް ދަރިފުޅަށް ވެސް، އުފަންނުވާ ދަރިންނަށް ވެސް ބޭއިންސާފުގެ އަސަރު ކުރިކަމަށް އޭނާ ވިދާޅުވިއެވެ.

''ރައީސް ޔާމީންގެ ސަރުކާރުގައި މާބަނޑުމީހުންގެ ބަނޑުގައި އޮތް ތުއްތު އުފަންނުވާ ދަރިންނަށް ވެސް ރައީސް ޔާމީންގެ ދުވަސްވަރުގައި ބޭއިންސާފުގެ އަސަރުކޮށްފައި އެބައޮތް'' ސައުދު ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ، ރައީސް ޔާމީން ހިތްޕުޅާނުވި ކޮންމެ މީހަކަށްމެ، ''ބޭއިންސާފުގެ ކަޅުވިލާގަނޑަކާއި ކުރިމަތިލާންޖެހުނު'' ކަމަށެވެ. އަދި އޭރު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަކީ ޤާނޫނީ ބާރެއް ލިބިފައިވާ ތަނެއްކަމެއް އެނގިވަޑައިނުގަންވާ ކަމަށާއި، އެތަނަށް އޭރު މައްސަލައެއް ހުށަހެޅުމަކީ ރާއްޖޭގައި އެންމެ އުނދަގޫ ކަންތައް ކަމަށް ވެސް ވިދާޅުވިއެވެ.