ކ. ހިންމަފުށީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިންމާލައިފިއެވެ.

މި މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. މި މަސައްކަތް މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ނިންމާލާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

Ad
rt

1130 މީހުންފެ އާބާދީ ކުޑަ ރަށް ހިންމަފުއްޓަކީ ލޯކަލް ޓޫރިޒަމް ބާރު ސްޕީޑުގައި ކުރިއަރަމުން އަންނަ ރަށެކެވެ. ހާއްސަކޮށް އެރަށަކީ ރާޅާއެޅުމަށް ހާއްސަ މަންޒިލެކެވެ. އެހެންކަމުން ގެސްޓްހައުސް ވިޔަފާރިއާއެކު ރަށުގައި ޑައިވިން ދޯނިފަހަރު, ލޯންޗު އަދި ޑިންގީތައް ދަނީ އިތުރުވަމުންނެވެ.

އަދި ފަތިރުވެރިންގެ މެދުގައި ފަރުމަހުގެ މަސްވެރިކަން ފުޅާވެ, “ބިގް ގޭމް ފިޝިން” އަދި އެކްސްކާޝަންސްއަށް އޮތް ތަރުހީބުވެސް ދަނީ ބޮޑުވަމުންނެވެ. މިކަންކަމަށް ކުރިން އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ރަށުގެ ކުޑަ ބަނދަރު ކަމަށް އެ ރަށުގެ ރައްޔިތުން ދެކެއެވެ.

ހިންމަފުއްޓަށް ދެގުނަ ބޮޑު ޒަމާނީ ރީތި ބަނދަރެއް މިއަދު ލިބިގެން ދިއުމަކީ ރައްޔިތުންނަށް އެތައް ލުއިފަސޭހައަކާއި ބޮޑު އުފަލެއް ލިބޭނެ ކަމެއް ކަމަށް އެމްޓީސީސީން ބުންޏެވެ އަދި ބާރުބޮޑުވެފައިވާ ރަށުގެ ބަނދަރަށް ޖާގައިގެ ތަނަވަސްކަން ލިބި, އިތުރުވަމުންދާ އުޅަނދުފަހަރަށް ފަސޭހައިން ގާތްކޮސް ލަފާފުރުމުގައި ގިނަ ފަސޭހަތަކެއް މިހާރު ހިންމަފުށީގެ ރައްޔިތުންނަށް ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ ބުންޏެވެ.

ހިންމަފުށީ ބަނދަރުގެ ދެވަނަ ފިޔަވަހީގެ ދަށުން 19,895 އަކަ މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 9,900 އަކަ މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި 251 މީޓަރުގެ އެއްގަމުތޮއްޓަކާއި 15 މީޓަރުގެ ބޭރު ތޮށި ލުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. އަދި 311 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި މިހާރު ހުރި ބަނދަރުގައި 1,200 އަކަ މީޓަރުގެ ސަރަހައްދެއްގައި ކޮންކްރީޓް ޕޭވްމަންޓް ހެދުމާއި އާ ބަނދަރުގައި 1443 އަކަ މީޓަރުގެ ސަރަހައްދެއްގައި ކޮންކްރީޓް ޕޭވްމަންޓް ހެދުމާއި 25 މީޓަރު ދިގު 6 މީޓަރު ފުޅާ ބްރިޖެއް ހެދުމުގެ މަސައްކަތް ވެސް ވަނީ ކޮށްފައެވެ.

މީގެ އިތުރުން 63 މީޓަރު ދިގު ހަތަރު މީޓަރު ފުޅާ ޖެޓީއެއް ހެދުމާއި ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމާއި މޫރިން ބްލޮކްސް ހަރުކުރުން ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

މިއީ 30.5 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.