ސ. ހިތަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ ހިތަދޫގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައެވެ.

Ad
rt

މި ރަސްމިއްޔާތުގައި ޕްލޭނިން މިނިސްޓަރު މުޙައްމަދު އަސްލަމާއި، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމާއި، ހިތަދޫ މެދު ދާއިރާގެ މެމްބަރު އަޙުމަދު ރަޝީދާއި، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާޙިމް ނާޒިލްއާއި، އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރާއި، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްގެ އިތުރުން އެމްޓީސީސީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެމްޓީސީސީން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތް ނިމުމުން، ހިތްފަސޭހަ އަތިރި މައްޗަކާއި ފަތާ ސަރަހައްދެއް ސ. ހިތަދޫގެ ރައްޔިތުންނަށް ލިބިގެންދާނެއެވެ.

މި މަޝްރޫއުގެ ދަށުން، 6891 ކިއުބިކް މީޓަރުގެ ވެލި، ގޮނޑުދޮށަށް އެޅުމާއި، 975 ކިއުބިކް މީޓަރުގެ ފަތާ ސަރަހައްދު ފުންކުރުމާއި، 100 މީޓަރުގެ ބޭރުތޮށި ލުމާއި، 570 މީޓަރުގެ ސަރަހައްދެއްގައި ޖިއޯޓިއުބް ސްޓްރަކްޗާ ޖެހުމުގެ މަސައްކަތް ކުރާނެއެވެ.

މިއީ 11.64 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.