ޒަމާނީ ދިރިއުޅުމުގައި މޮބައިލް ފޯނާއި ނުލައި އުޅުން ވަރަށް އުނދަގުލެވެ. ހާއްސަކޮށް ސްމާޓު ފޯނެއް ނެތިއްޖެ ނަމަ އެއީ ދިރިއުޅުމުގެ އަދި ގައިގެ އެއްބައި އުނިވުންފަދަ ދެރަ ކަމެކޭ މިއަދު ހީވާކަހަލަ އެވެ.
މޮބައިލް ފޯނުގެ ރަންޒަމާން އައުމާއި އެކު މިއަދު ފޯނު ނުގެންގުޅޭ މީހަކު މަދު ވާނެ އެވެ. "މިހާރު ފޯނާއި ނުލައި އުޅެވިދާނެތަ؟" މި ސުވާލު ކުރުމާއި އެކު ކޮންމެ މީހެއްގެ ހިތުގައި އުފެދޭނެ ސުވާލަކީ މޮބައިލް ފޯނު އާންމު ނުވާ ދުވަސްވަރު އެންމެވެސް އުޅުނީ މޮބައިލް ފޯނާއި ނުލައެވެ. އޭގެ ކުރިންވެސް ދުނިޔޭގައި މީހުން އުޅުނެވެ. ޓެކްނޮލޮޖީގެ ގޮތުން ދުނިޔެ ތަރައްޤީ ނުވާއިރު ކަރަންޓާއި އެހެނިހެން އާލާތްތަކާއި ނުލާވެސް މީހުން ދިރި އުޅުނެވެ.
ނަމަވެސް، ޓެކްނޮލޮޖީގެ ފަސޭހަތަކާއި އެކު އިންސާނުންގެ ދިރިއުޅުމަށް މިވަނީ ވަރަށް ބޮޑެތި ބަދަލު ތަކެއް އަދި ފަސޭހަކަމެއް ލިބިފައެވެ. މި ފަސޭހަ ތަކާއި އެކު މީގެ ކުރިން ކުރަމުން އައި އެތައްކަމެއް އަތުގައި އޮންނަ މޮބައިލް ފޯނުގެ ބަޓަނަކުން ކުރެވޭނެ މަގު މިވަނީ ފަހިވެފައެވެ. މި ފަސޭހަތަކާއި އެކު މޮބައިލް ފޯނަށް މިވަނީ ވަރަށް ބޮޑަށް އަޅުދާތު ވެފައެވެ.
މިއީ މީގެ ކުރިން ވިސްނާނުލެވި އޮތް ކަމެކެވެ. ނަމަވެސް މޮބައިލް ފޯނުގެ ފަސޭހަތަކާއި އެކު ބީވެގެން ދިޔަ ރަނގަޅު ކަންތަކާއިމެދު ވިސްނާ ނުލެވޭވަރަށް މިވަނީ ފޯނަށް ދެވި ހިފާފައެވެ.
އެމެރިކާގެ ޖާވިއާ އޯޓެގާ އަރައިޒާ ކިޔާ މީހަކު ވަނީ އެއް އަަހަރު ދުވަހު ފޯނާއި ނުލައި އުޅެފަ އެވެ. އެހެން މީހުންނެކޭ އެއްގޮތަށް ކުރިން އެއީ ފޯނަށް ދެވިހިފާފައި ހުރި މީހެކެވެ.
އޭނާ ބޭނުންވީ ފޯނައި ނުލާ އުޅެގެން އަންނަ ބަދަލެއް ބަލާށެވެ. ތަޖުރިބާ ކުރަން ނިންމީ ދެ ހަފްތާއަށެވެ. އެކަމަކު އެ މުއްދަތު އޭނާ އަމިއްލައަށް އެއް އަހަރަށް އިތުރު ކުރީ އެވެ.
ފޯނާއި ނުލައި އުޅެން ހިޔާލު އައީ އެކަމަށް އަޒުމު ކަނޑައެޅުމުގެ ދެ ހަފްތާ ކުރިން ފޯނު ހަލާކުވުމުންނެވެ. ފޯނާއި ނުލައި އުޅެން ނިންމި ދުވަހު ހިތަށް އެރި އެއްޗެހި ކިޔައިދެމުން ބުނެފައިވަނީ އެ ދުވަހު އޭނާ ހުރީ ބަލާ އައުމަށް ރަހުމަތްތެރިއަކަށް އެންގުމަށް ފަހު މަގުމަތީގައި ކަމަށެވެ. އޭނާ ނައިސް ގިނަ އިރުވުމުން ގުޅޭނެގޮތެއް ނެތުމުން ގެއަށް ދާންވީ ބާއޭ ހިތަށް އެރުމަށް ފަހު އެނބުރިލި ވަގުތަކީ ރަހުމަތްތެރިޔާ އޭނާ ބަލާ އެތަނަށް ގޮސް މަޑުކޮށްލި ވަގުތު ކަމަށް ބުނެފައިވެ އެވެ.
އޭނާ އަކީ އެޑިއުކޭޝަނަލް ޓްރެވަލް އާއި ގުޅޭ ވިޔަފާރިއެއް ކުރާ މީހަކަށްވާތީ މި ތަޖުރިބާ ކޮށްލީ ކޯވިޑްގެ ޕެންޑަމިކް ތެރޭގައި ގާތްގަނޑަކަށް ވިޔަފާރި ހުއްޓިފައި އޮއްވަ އެވެ. އެ މުއްދަތުގައި އޭނާއަށް ދަސްވި މުހިންމު ކަންކަން ވަނީ ހިއްސާކޮށްފައި އެވެ. އޭގެ ތެރެއިން އެއް ކަމަކީ މުއާމަލާތް ކުރުން އެންމެ ރަނގަޅު ކުރާނެ ގޮތެކެވެ.
އޯޓެގާ އަކީ ފޭސްބުކް އަދި އިންސްޓަގްރާމް ފަދަ ސޯޝަލް މީޑިއާ ނެޓްވޯކްތައް ބޭނުން ކުރާ މީހެއް ނޫނެވެ. ވިޔަފާރީގެ ގޮތުން މީހުންނާއި މުއާމަލާތް ކުރަން ބޭނުން ކުރަނީ އީމެއިލް އާއި ވަޓްސް އެޕް ނުވަތަ އައި މެސެޖު އެކަންޏެވެ.
ޕެންޑަމިކްގެ ސަބަބުން ވިޔަފާރީގެ މުއާމަލާތްތައް ކުރުން ގާތްގަނޑަކަށް ހުއްޓުނެވެ. އެހެންވެ ފުރަތަމަ ދުވަސްކޮޅު ޓެނިސް ކުޅެފައި އައިސް ކޮމްޕިއުޓަރު ބަލައިލާއިރު މެސެޖެއް ނުވަތަ އީމެއިލެއް ނެތުމުން މީހުންނާއި ގުޅުން ކެނޑިފައިވާ ކަމުގެ އިހުސާސްތައް ދުވަސްވާވަރަކަށް ދިޔައީ ކުޑަވަމުންނެވެ.
އޭގެ ފަހުން ކޮންމެ މީހަކު ހެނދުނު ހޭލާ ގޮތަށް ފޯނު ބަލާ އުސޫލުން އެކަން ކުރަން ހިތަށް އެރުންވެސް ހުއްޓުނެވެ. އަދި އެހެން މީހުންނަށް އޭނާގެ މުހިންމުވާނެވަރު އިހުސާސް ކުރެވެން ފެށި އެވެ. އަދި އެމީހުންނާއި ގުޅުން ބަދަހި ކުރަން ހިތަށް އެރިޔަސް އެހުރިހާ އެންމެންގެ ފޯނު ނަމްބަރުތައް ސޭޭވް ކޮށްފައި ހުންނާނީ ފޯނުގައިކަން ހިތަށް އެރުމުން އެކަން ނުވީ އެވެ.
ފޯނު ގެންގުޅެން ފެށި ހިސާބުން ކުރިން ހިތުގައި ރައްކާކުރަމުންއައި ފޯނު ނަންބަރު ތަކާއި މުހިންމު ހުރިހާ މަޢުލޫމާތެއް ރައްކާކޮށް ފޮރުވާ އެއްޗަކަށް ވީ ފޯނެވެ. މުހިންމު ކަންކަމާއި ނަންބަރުތައް ހަނދާނުގައި ހަރުލާފައި ނުހުންނަކަމުގެ އިޙްސާސްވި އެވެ. އަމިއްލަ ސިކުނޑީގެ ބޭނުން ނުކޮށް ފޯނުގެ މެމޮރީއަށް ބަރޯސާވެފައިވާ މިންވަރު އިޙްސާކުރެވުނުކަމަށް ބުނެފައިވެއެވެ.
އޭނާ ބުނީ ހިތުން ހަނދާން ހުރީ 10 އަހަރު ކުރިން ބައްދަލުވި ރައްޓެއްސެއްގެ ނަމްބަރު ކަމަށެވެ. އޭނާ ނަމްބަރަށް ގުޅަން ބޭނުން ކުރީ ލޭންޑް ލައިން ކަމަށާއި އެ ދުވަހު ފޯނުން ޓެކްސްޓް މެސެޖެއް ކުރުމަށް ވުރެ އެގޮތް މާ ރަނގަޅުކަން އިހުސާސް ކުރެވުނު ކަމަށެވެ. އަދި އެ ދުވަސްވަރު މަޖުބޫރީ ހާލަތުގައި ގުޅުން ބަދަހި ކުރީ އެ އެކުވެރިޔާ އާއި އެކަނި ކަމަށް ބުންޏެވެ.
އޯޓެގާ ބުނީ އެހިސާބުން އަމިއްލަ އިހުސާސްތައް އަމިއްލައަށް ދެނެގަންނަން ޖެހުމުން އުނދަގޫވާން ފެށިކަމަށެވެ. މޮބައިލް ބޭނުން ކުރާއިރު މީހެއްގެ ކައިރީ އެއްޗެއް އަހާލުމާއި އެކު އެ މެސެޖަށް ޖަވާބު ނުލިބުމުން އަވަހަށް ރިޕްލައި ކުރަން އެދުމާއި ލަސްވާނަމަ ފޯނު ކުރުން އޮތް ނަމަވެސް އަމިއްލަ އިހުސާސްތައް ދެނެގަންނަން ދަސްވި ކަމަށް ބުންޏެވެ.
ގަބޫލު ކުރެވުނު އެއް ހަގީގަތަކީ ޒަމާނީ ޓެކްނޮލޮޖީގައި މޮބައިލް ފޯނަކާއި ނުލައި އުޅުމަކީ ދަތި އުނދަގޫ ކަމެކެވެ. ޓެކްސީއަކަށް އޯޑަރު ނުކުރެވޭއިރު އެހެން ހިދުމަތްތައް ހޯދަންވެސް ހޯދަން ޖެހުނީ އެހެން މީހުންގެ އެހީތެރިކަން ހޯދާށެވެ.
މުއާމަލާތް ކުރުމާއި އެނޫން ކަންކަމުގައި އަމިއްލަ ގޮތްތައް ބޭނުން ކުރަން މަޖުބޫރިވީ ތަންތަން ހޯދަން މެޕްގެ ބަދަލުގައި މީހުން ކައިރިން އަހައިގެން މައުލޫމާތު ހޯދަން ޖެހުމުންނެވެ. އޭނާ އަކީ އަބަދު ގުޅޭ މީހަކަށް ނުވުމުން އޭނާގެ މުވައްޒަފުންނަކީ އޭނާއަށް ބަރޯސާނުވެ އަމިއްލަ އިސްނެގުމަށް މަސައްކަތް ކުރާ މީހުންނަށްވި ކަމަށް ބުންޏެވެ.
އޭނާގެ ވިޔަފާރީގެ ގޮތުން ސްމާޓް ފޯނަކީ ކޮންމެހެން ބޭނުން އެއްޗެކެވެ. އެހެންވެ އެއް އަހަރު ފަހުން އަނެއްކާވެސް މިހާރު ވަނީ ފޯނު ބޭނުން ކުރަން ފަށާފައި އެވެ. އެކަމަކު ކުރިއާ އެއްގޮތަށް ފޯނު ބޭނުމެއް ނުކުރެ އެވެ. ހަމަ އެކަނި ފޯނު ބޭނުން ކުރަނީ އޮފީސް ބޭނުންތަކަށް ވަޓްސް އެޕާއި އައި މެސެޖުތައް ބަލާށެވެ.
ދެން ބޭނުން ކުރަނީ ފުޓުބޯޅަ މެޗުތަކުގެ ސްކޯ ބަލާލާށެވެ. އޯގެޓާއަށް މިހާރު މޮބައިލްއިން މީހުންނާއި ގުޅައިގެން ވާހަކަ ދެއްކުމާއި މެސެޖު ކުރުމަކީ ވަރަށް ފޫހި ކަންކަމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!