އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ބީލަން މަރުހަލާ މިއަދު ފަށިއިފިއެވެ.

އިންޑިއާގެ އެގްޒިމް ބެންކުގެ ލޯނު ފައިސާގެ ދަށުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މަޝްރޫއުގެ ދަށުން އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭވަރުގެ ޒަމާނީ ވަސީލަތްތަކާ އެކުގައި ޕެސެންޖާ ޓާމިނަލް ތަރައްޤލގީ ކުރާނެއެވެ. އަދި ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި ލައުންޖް ވަސީލަތްތަކުގެ އިތުރުން އާ ކޮންޓްރޯލް ޓަވަރަކާއި ފަޔަ ސްޓޭޝަނެއްވެސް ގާއިމުކުރާނެއެވެ.

Ad
rt

އަދި އެއާޕޯޓަށް ބޭނުންވާ ކޯލްޑް ސްޓޯރޭޖާއެކު ކާގޯ ވަސީލަތްތައް ތަރައްގީ ކުރެވިގެން ދިޔުމުގެ އިތުރުން އެއާޕޯޓުގެ މަގުތައް ތަރައްގީކުރެވި ޕާކިން ސަރަހައްދެއްވެސް ތަރައްގީ ކުރާނެއެވެ.

މީގެ އިތުރުން އެއާޕޯޓް ތަރައްގީ ކުރުމާ ގުޅޭ އެހެނިހެން ގިނަ ކަންތައްތަކެއް ވެސް މި މަޝްރޫއުގެ ދަށުން ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓަކީ ރާއްޖޭގެ ދެކުނުގެ މައި ދޮރާށިކަމުގައި ވީހިނދު، އެ އެއާޕޯޓް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ކެޕޭސިޓީ އިތުރުކޮށް، ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމީ ދެކުނުގެ ތަރައްގީއަށް ނުހަނު މުހިންމު ކަމެއް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން، އެ ސަރަހައްދުގައި ފަތުރުވެރިކަމާއި މަސްވެރިކަމާއި އެހެނިހެން ސިނާއަތްތައް ތަރައްގީކޮށް، ދެކުނުގައި އިގުތިސާދީ ހަބެއް ގާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ގެންގުޅުއްވާ ސިޔާސަތުތައް ތަންފީޒުވެގެން ދިޔުމުގައި ގަން އެއަރޕޯޓް ތަރައްގީކުރުމުގެ މަޝްރޫއަކީ މުހިއްމު ދައުރެއް އަދާ ކުރާނެ މަޝްރޫއެއް ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

މި މަޝްރޫއުގެ ސަބަބުން ސީދާގޮތުންނާއި ނުސީދާގޮތުން އެތައް ހާސް ވަޒީފާއެއް އުފެދި، ދެކުނުގެ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.