ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު އަންނަން އޮތް 50 އަހަަރު ޒިންމާދާރު، ދެމެހެއްޓެނިވި، އެންމެންގެ ލާބައާއި މަންފާއަށް ހިންގޭ 50 އަހަރުގެ ގޮތުގައި ހެދުމަށް ޓޫރިޒަމް އެމްޕްލޯއީ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ގޮވާލައިފި އެވެ.

ގައުމީ ފަތުރުވެރިކަމުގެ ތަހުނިޔާ ކިޔުމަށް ނެރުނު ބަޔާނުގައި ބުނެފައިވަނީ ނިމިދިޔަ 50 އަހަރު މި ސިނާއަތް ދެމިއޮތީ ރިސޯޓު އޯނަރުން ނުވަތަ ވިޔަފާރިވެރިންނަށްޓަކައި ކަމަށެވެ. އެހެންކަމުން އަންނާން އޮތް 50 އަހަރު ޚާއްސަކޮށް މިގައުމުގެ ރައްޔިތުންނަށްޓަކައި ހިންގުމަށް ވަނީ ގޮވާލާފަ އެވެ.

Ad
rt

އެ ބަޔާނުގައި ބުނެފައިވަނީ ފަތުރުވެރިކަން ފެށިގެން އައި އިރު، މި ސިނާއަތް ކޮޅަށް ޖެހުމަށް ބުރަމަސައްކަތެއް ކޮށްފައިވާ އެތައް މަސައްކަތްތެރީންނެއް ވަނީ މިއަދު އެ ގުރުބާނީގެ އެއްވެސް އަގު ވަޒަން ކުރުމެއް، އިހްތިރާމެއް ނެތި ނިމިގޮސްފައި ކަމަށެވެ. އަދި މިއަދުގެ ހާލަތަކީ ވެސް އެއީ ކަމަށެވެ.

ޓީމުން ނެރުނު ބަޔާނުގައި އިތުރަށް ބުނީ ވިހި، ތިރީސް އަހަރު މިދާއިރާގައި މަސައްކަތްކޮށް، ރިޓެއަރވެގެން ދާން ޖެހެނީ ހުސްއަތާ ކަމަށާއި އިންސާނީ ވަސީލަތް ކުރިއަރުވާ ދިވެހިން ބިނާކުރުމަށް މި ސިނާއަތް ކޮންޓްރޯލުކުރާ ފަރާތްތައް ނުކުޅެދިފައިވާ ކަމަށެވެ. އަދި ފަޚުރުވެރި ދިވެހިން ބިނާކުރި މި ސިނާއަތުގެ ކޮންޓްރޯލު ވަނީ ބޭރުމީހުންގެ އަތުގައި ކަމަށެވެ.

މިފަދަ ދުވަހެއް ފާހަގަކުރުމަށް ސަރުކާރުބަންދުކޮށް ސަރުކާރު މުވައްޒަފުން އާއިލާއާއެކު އުފާކުރަމުންދާއިރު، މި ސިނާއަތުގެ މަސައްކަތްތެރިންނަށް ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ދުވަހެއް ނުލިބިދާކަމީ މި ސިނާއަތުގެ މަސައްކަތްތެރިންގެ ކަންބޮޑުވުމެއް ކަމަށް ވެސް ޓީމް ގެ ބަޔާނުގައި ވެއެެވެ.

މީގެ އިތުރުން އެ ބަޔާނުގައި ވަނީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރިގެންދާ ހިނދު، މި ސިނާއަތުގައި މަސައްކަތްކުރި އަދި ކުރަމުންދާ އެތައްހާސް ދިވެހި މަސައްކަތްތެރިންނާއި ބިދޭސީ މަސައްކަތްތެރިން މި ސިނައަތާއި ރާއްޖޭގެ އިގްތިސާދު ކޮޅަށްޖަހައި، އަނބިދަރިންނާއި އާއިލާއާ ދުރުގައި ވަމުންދާ ގުރުބާނީގެ އަގު ވަޒަން ކުރުމަކީ ނުހަނު މުހިންމު ކަމެއް ކަމުގައި ދެކޭ ކަމަށެވެ.